Roadha Mihaaru
ސަރުކާރުގެ 15،000 މުވައްޒަފުންގެ މުސާރަ ބޮޑުކުރި

ޓޫރިޒަމް ދާއިރާގެ 13،000 އަދި ސަރުކާރުގެ 15،000 މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދެވިއްޖެ: ރައީސް

03 މާޗް 2023

މުވައްޒަފުންނަށް އަމާޒުކޮށް ސަރުކާރުން ގެނައި ބަދަލުތަކުގެ ދަށުން ޓޫރިޒަމް ދާއިރާގެ 13،000 މުވައްޒަފުންނާއި ސަރުކާރުގެ 15،000 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރަ އަށް ހެޔޮ ބަދަލު ގެނެސްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މުވައްޒަފުންނަށް އަމާޒުކޮށް ސަރުކާރުން ގެނައި ބަދަލުތަކުގެ ދަށުން ޓޫރިޒަމް ދާއިރާގެ 13،000 މުވައްޒަފުންނާއި ސަރުކާރުގެ 15،000 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރަ އަށް ހެޔޮ ބަދަލު ގެނެސްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޓްރޭޑް ޔޫނިއަން (އެމްޓީޔޫ) ގެ ކޮންގްރެސްގައި އެ މަނިކުފާނު ވިދާޅުވީ، މުވައްޒަފުންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަށް އަބަދުވެސް ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. ނޮވެމްބަރު 17، 2018 ގައި ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރަން ނިންމެވި ކަންކަމުގެ ތެރޭގައި މިނިމަމް ވޭޖެއް ކަނޑައެޅުން ހިމެނޭނެ ކަަމށް ރައީސް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުތަކުން މިނިމަމް ވޭޖު ކަނޑައަޅަން އެހާ ބޮޑު ސަމާލުކަމެއް ނުދޭކަން ފާހަގަކުރައްވައު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މި ސަރުކާރުން އެކަން ކުރީ ވަރަށް ގިނަ ކަންކަމަށް ބެލުމަށް ފަހު ކަމަށެވެ. ހާއްސަކޮށް ދާއިރާގެ ތަޖުރިބާކާރުގެ އިރުޝާދާއެކު، ވަރަށް ބޮޑަށް ދިރާސާކުރި ކަމަށް ރައީސް ވިދާޅުވި އެވެ.

މިނިމަމް ވޭޖާ ގުޅޭ ގާނޫނަށް އަމަލުކުރަން ފެށީ މިދިޔަ އަހަރުން ފެށިގެންނެވެ. މިނިމަމް ވޭޖުގެ ގޮތުގައި ކުދި ވިޔަފާރި ތަކުން 4،500ރ. މެދުފަންތީގެ ވިޔަފާރިތަކުންނާއި ސިވިލް ސާވިސް މުވައްޒަފުން 7،000ރ. އަދި ބޮޑެތި ވިޔަފާރިތަކުގައި މިނިމަމް ވޭޖުގެ ގޮތުގައި 8،000ރ. ދޭން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ކޮވިޑާ ގުޅިގެން އިގްތިސާދަށް ކުރިމަތިވި އުނދަގޫ ހަލާތުގެ ސަބަބުން މިނިމަމް ވޭޖު ކަނޑައެޅުމަށް ގޮންޖެހުންތައް ކުރިމަތިވި ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ.

ޓްރޭޑް ޔޫނިއަން ކޮންފަރެންސްގެ ބައެއް ބައިވެރިން. މި ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބައިވެރިވެވަޑައިގަންނަވާފައި-- ފޮޓޯ: ރައީސް އޮފީސް

ޓްރޭޑް ޔޫނިއަން ކޮންފަރެންސްގެ ބައެއް ބައިވެރިން. މި ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބައިވެރިވެވަޑައިގަންނަވާފައި-- ފޮޓޯ: ރައީސް އޮފީސް

"މިނިމަމް ވޭޖުގެ ސަބަބުން ހުރިހާ ދާއިރާއެއްގެ މަސައްކަތްތެރިންނަށް އަންނަނީ މަންފާ ކުރަމުން. ހާއްސަކޮށް މިނިމަމް ވޭޖަށް ގެނައި ބަދަލުގެ ސަބަބުން ޓޫރިޒަމް ދާޢިރާގައި މަސައްކަތް ކުރާ 13،000 އަށް ވުރެ މުވައްޒަފުންނަށް އޭގެ ފައިދާ ނޫނީ ރަނގަޅު ގޮތްތަކެއް މިހާރު ލިބޭ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަދި ސަރުކާރު ވަޒީފާ އަދާ ކުރާ 15،000 އަށް ވުރެ ގިނަ މުވައްޒަފުންނަށް ހެޔޮ ބަދަލެއް މިހާރު ވަނީ ގެނެސްދީފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިގޮތުގައި، މުވައްޒަފުންގެ މުސާރައިގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދީ، ވަޒީފާގެ މާހައުލުގައި ވެސް އެބޭނުންވާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް އަންނަނީ ގެންނަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް 10 ޕަސެންޓް ސާވިސް ޗާޖު ދޭން ގާނޫނު ބަދަލުކޮށްފައިވާ ކަމަށެވެ. ވިދާޅުވީ، އަންއެމްޕްލޯއިމެންޓް އިންޝުއަރެންސް ގެނައުމަށްޓަކާއި ގާނޫނީ ބަދަލުތައް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އެކަމާ ގުޅޭ ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށެވެ.