Roadha Mihaaru
ޑރ. މުނައްވަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ

ޑރ. މުނައްވަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި

05 މާޗް 2023

ވެރިކަމުގެ ދަހިވެތިކަމުގައި ސިޔާސީ ލީޑަރުން ގައުމު ވައްޓާލާފައިވާ އަނދަވަޅުން ރައްޔިތުންނަށް ލިބެމުންދާ ގެއްލުމުން ސަލާމަތްކުރަން އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ނިންމަވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވެރިކަމުގެ ދަހިވެތިކަމުގައި ސިޔާސީ ލީޑަރުން ގައުމު ވައްޓާލާފައިވާ އަނދަވަޅުން ރައްޔިތުންނަށް ލިބެމުންދާ ގެއްލުމުން ސަލާމަތްކުރަން އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ނިންމަވައިފި އެވެ.

މުނައްވަރު "މިހާރު"އަށް މިއަދު ވިދާޅުވީ ސިޔާސީ ފިކުރުތަކުގެ ނަމުގައި ގައުމު ބަހައި ހުސްކޮށްފައިވާ ކަމަށެވެ. ކޯލިޝަންތައް ހަދައި އަމިއްލަ މަންފާ އާއި ފައިދާ ކުރިއަށް ނެރުމުގެ ނަތީޖާ ފެންނަން އޮތީ ވަރަށް ހިތިކޮށް ކަަމަށް ވިދާޅުވި އެވެ.

އޭނާ ވާދަކުރައްވަނީ އެއްވެސް ޕާޓީއަކާ ގުޅިވަޑައިނުގެން އަމިއްލަ ގޮތުންނެވެ.

"އަޅުގަނޑު މި ނުކުންނަނީ ދިވެހި ރައްޔިތުންނާ އެކު ކޯލިޝަނަކުން،" މުނައްވަރު ވިދާޅުވި އެވެ.

"ފިކުރެއް ނުފެނޭ. ފެންނަނީ ސިޔާސީ ގޮތުން އިސްކޮށް އުޅުއްވާ ބޭފުޅުންނަށް ގައުމު ބަހައި ހުސްކޮށްފައި އޮތް ތަން. އެއް ބޭފުޅަކަށް 40 ޕަސެންޓް އަނެއް ބޭފުޅަކަށް 21 ޕަސެންޓް ދެން ހުންނެވި ބޭފުޅަކަށް 11 ޕަސެންޓް. މިހެން ގޮސް މިއީ ބޮޑުވަރު ދެއްތޯ."

މުނައްވަރު ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތައް އިއްތިހާދުވެ ސަރުކާރު ބަހާލުމުން ބާކީވެ، ނިކަމެތި ވަނީ ދިވެހި ރައްޔިތުންނެވެ. މިއީ ހުއްޓުވަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމުން ފެންނަނީ ވެރިކަމުގެ ދަހިވެތިކަމުގައި ކުރާ މަސައްކަތްތަކެއް ކަމަށެވެ. ސިޔާސީ ކަންކަމުން ދުރުވެ ރިޓަޔާކުރައްވަން ގަސްތުކުރައްވައިގެން ހުންނެވިޔަސް ގައުމު މި ހާލަތަށް ދޫކޮށްލެވެން ޒަމީރު ގަބޫލު ނުކުރެއްވޭ ކަަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ހަމަޖެހިގެން އުޅެވޭތޯ ބެލުން. އެކަމަކު މި އަޑު އިވެނީ ގައުމެއް ނެތޭ. މިނިވަންކަމެއް ނެތޭ، އިގްތިސާދީ ހާލަތު ގޯހޭ، ދަރަނި ކުޑަކުރާކަށް ނޫޅޭ. ފައިސާގެ އަގު ވެއްޓިދާނެއޭ. މިނިވަންކަމާ އެކު މަގުމަތީގައި ހިނގާލެވޭކަށް ނެތޭ،" ވެރިކަމަށް ކުރިމަތިލައްވާ ސަބަބު ތަފްސީލްކޮށްދެއްވަން ވިދާޅުވި އެވެ.

ރާއްޖޭގެ އިންތިހާބުތަކުގައި ނަތީޖާ ބުރަވަނީ އެމްޑީޕީ އާއި ޕީޕީއެމްގެ ފިކުރަށް ކަން ފެންނަން އޮތަސް މުނައްވަރު ވިދާޅުވީ އެ ދެ ފިކުރަށް ވުރެން ރައްޔިތުންގެ ފިކުރު މާބޮޑު ކަމަށެވެ. ކޯލިޝަނަކާ ނުލައި ވާދަކުރެއްވިޔަސް ރައްޔިތުންނާ އެކު ކާމިޔާބު ކުރެއްވޭނެ ކަމަށް ވިދާޅުވި އެވެ.

"ވެރިކަމަށް ސިޔާސީ ލީޑަރުންގެ އޮތް ދަހިވެތިކަމަކީ ފިކުރެއް ނޫން. ރައްޔިތުން އެއީ ފިކުރު، އަޅުގަނޑު ނުކުންނަނީ އެ ފިކުރާ އެކު،" މުނައްވަރު ވިދާޅުވި އެވެ.

އެމްޑީޕީގެ ޖަލްސާއެއްގައި މުނައްވަރު ވާހަކަ ދައްކަވަނީ: ސިޔާސީ ކަންކަމުން ދުރަށް ވަޑައިނުގެންނެވުނީ ގައުމުގެ ހާލަތާ ހެދި ކަމަށް ވިދާޅުވި.

އެމްޑީޕީގެ ޖަލްސާއެއްގައި މުނައްވަރު ވާހަކަ ދައްކަވަނީ: ސިޔާސީ ކަންކަމުން ދުރަށް ވަޑައިނުގެންނެވުނީ ގައުމުގެ ހާލަތާ ހެދި ކަމަށް ވިދާޅުވި.

މުނައްވަރުގެ ކެމްޕޭން މަރުކަޒު ވެސް މިހާރު ވަނީ ހުޅުވައިފަ އެވެ. ރިޔާސީ އިންތިހާބަށް ގެންގުޅުއްވާ ވިސްނުންތައް ހާމަކުރައްވަން ވަރަށް އަވަހަށް ޕްރެސް ކޮންފަރެންސް ބާއްވަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މުނައްވަރުގެ ސިޔާސީ ހަޔާތުން ބައެއް

އޭނާ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބަންޑާރަނައިބުގެ މަގާމް 10 އަހަރު ފުރުއްވައިފަ އެވެ. އޭގެ ފަހުން، 2008 ގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވެވަޑައިގަތެވެ. ޕާޓީގެ ރައީސްގެ މަގާމަށް ވާދަކުރެއްވި ނަމަވެސް އެ ފަހަރު ނާކާމިޔާބުވީ އެވެ. އޭގެ ދުވަސްކޮޅެއް ފަހުން އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު ވަކިވެ، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތެވެ.

ފަހުން ޖުމްހޫރީ ޕާޓީއާ ވެސް ދުރަށް ވަޑައިގެން މޯލްޑިވްސް ރިފޯމް މޫވަމަންޓުގެ ނަމުގައި އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ. އެކަމަކު ގާނޫނުގައި ބުނާ ޝަރުތުތައް ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލީ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅާ ހަމައަށް މުނައްވަރު ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ. އޭގެ ފަހުން ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވާން ފެއްޓެވެމުން "މުނައްވަރު ނިދިން ހޭލެވިއްޖެ" ކަަމަށް ފާޑުކިއުން އަމާޒުވި އެވެ.

ރައްދުގައި އޭނާ ވިދާޅުވީ ގައުމީ ބޮޑެތި މައްސަލަތަކުގައި އޭނާ ހިމޭނުން ނުހުންނަވާ ކަަމަށެވެ. ގައުމުގައި އިސްލާހުކުރަން އޮތް ކޮންމެ ކަމެއްގައި ބަސްވިދާޅުވެ އެކަން ހައްލުކުރަން ވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ރިޔާސީ އިންތިހާބުގައި މުނައްވަރުގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމްއެންޕީގެ ކެންޑިޑޭޓް މުހަންމަދު ނާޒިމް އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވާދަކުރައްވާނެ ކަން ވަނީ އިއުލާންކުރައްވައިފަ އެވެ.