ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށް ނޫން ކަމަށާއި އެއްވެސް ސިޔާސީ ލީޑަރެއް ފަހަތަށް ނާރުއްވާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
12 މާޗް 2023
ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށް ނޫން ކަމަށާއި އެއްވެސް ސިޔާސީ ލީޑަރެއް ފަހަތަށް ނާރުއްވާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ސިޔާސީ ކަންކަމާ ދުރުގައި ވަރަށް ގިނަ ދުވަހު ހުންނެވުމަށް ފަހު މިދިޔަ އަހަރުގެ ތެރޭގައި ޑރ. މުނައްވަރު ވަނީ ޗާގޮސް މައްސަލާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭގެ ފަހުން އޭނާ ދެން ފެނިގެން ދިޔައީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއެކު އައްޑޫ އަށް ވަޑައިގެންނެވި މަންޒަރެވެ.
ނަޝީދު އެ އިންތިހާބުން ނާކާމިޔާބުވުމާއެކު މުނައްވަރު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމެވީ އެމްޑީޕީގެ ވޯޓު ބައިބައި ކޮށްލުމުގެ ނިޔާތުގައި ކަމަށާއި އެއީ ނަޝީދު ވިދާޅުވެގެން ކުރައްވާ ކަމެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރި އެވެ.
މުނައްވަރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ވިދާޅުވީ ނަޝީދަކީ ގާތް ރަހުމަތްތެރިއެއް ކަމަށާއި މި އިންތިހާބަށް ކުރިމަތިލުމަށްޓަކައި އެމަނިކުފާނަކާ މަޝްވަރާއެއް ނުކުރާ ކަމަށެވެ.
"ތަންކޮޅެއް ކުރިން، މިދިޔަ އަހަރު މެދަކާ ހިސާބުގައި ދަންނަވާލިން ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ވިސްނުން ހުރި ވާހަކަ. އޭގެ ފަހުން ނަޝީދަކާ އެއްވެސް މަޝްވަރާއެއް ކުރެވިފައި ނެތް،" ޑރ. މުނައްވަރު ވިދާޅުވި އެވެ.
ޕްރައިމަރީ ހިނގި ދުވަސްވަރު އޭނާ އައްޑޫ އަށް ކުރެއްވި ދަތުރުގައި ނަޝީދާއެކު އިންނެވީ އިއްތިފާގުން އެއާޕޯޓުން ދިމާވުމުން ކަމަށް މުނައްވަރު ވިދާޅުވި އެވެ. އަދި ފްލައިޓުގެ ކުރީ ސީޓަށް ގެންނަވައިގެން ފޮޓޯ ނެންގެވީ ވެސް ނަޝީދު އެދިވަޑައިގަތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހި ރައްޔިތުން ގުރުބާން ކޮށްފައި ޑީލު ހަދާކަށް ނެތިން. އެއްވެސް ބޭފުޅަކާއެކު ޑީލެއް އެއްވެސް ސިފައެއްގައި ނުކުރާނަން -- ޑރ. މުނައްވަރު
އިންތިހާބުގައި ވާދަ ކުރަން ނަޝީދުގެ އިތުރުން ސިޔާސީ އެއްވެސް ލީޑަރަކާ މަޝްވަރާ ނުކުރައްވަން ކަމަށާއި އެ ފަރާތްތަކުން ހަދަމުން އަންނަ ޑީލުތަކާއި ސަރުކާރު ބަހަން ނިންމާ ގޮތްތަކާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.
"އެއްވެސް މީހެއްގެ އެޖެންޓެއް ނޫން، އެއްވެސް މީހެއްގެ ރަނިން މޭޓަކަށް ވާކަށް ނޫން، އެއްވެސް މީހެއްގެ އެހެން ކަމެއް އަދި ފައިސާ ކޮޅެއް ދިނީމަ ނަން އަނބުރާ ނަގާކަށް ވެސް ނޫން މި އުޅެނީ،" މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 10 އަހަރު ބަންޑާރަނައިބުގެ މަގާމް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ފަހުން 2008 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދާއި ރީކޯ މޫސާ މަނިކާ ވާދަ ކުރައްވައި ނާކާމިޔާބުވި އެވެ. އަދި އެ ޕާޓީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމަށް ފަހު މުނައްވަރު އެމްޑީޕީން ވަކިވި އެވެ.
އޭގެ ފަހުން މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނަމުގައި އޭނާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ފެއްޓެވި އެވެ. ނަމަވެސް ފެބްރުއަރީ 10، 2014 ގައި އެ ޕާޓީގެ ކައުންސިލުން އެދިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ އުވާލައިފަ އެވެ.
ކުރިޔަށް އޮތް ތަނުގައި ސިޔާސީ ޕާޓިއެއް އުފައްދަވާފާނެތޯ ސުވާލު ކުރުމުން މުނައްވަރު ވިދާޅުވީ އެ ވިސްނުން މިހާރު ނުގެންގުޅުއްވާ ކަމަށެވެ.
މުނައްވަރު ވިދާޅުވީ ސިޔާސީ ޕާޓިތަކުގެ ނިޒާމެއް ރާއްޖެ އަށް ގެނައީ ރައްޔިތުންނަށް ކަންކަން ފަހިކޮށްދީ ގައުމު ކުރިއެރުވުމުގެ މަގްސަދުގައި ކަމަށާއި ނަމަވެސް އެ ނިޒާމާ ހެދި ކޮރަޕްޝަނާއި ފަސާދަ ގިނަވެ ގައުމު ހަލާކު ވަމުން އަންނަ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ނިޒާމް ގާތްގަނޑަކަށް ފެއިލް ވެފައިވާ ކަމަށާއި ޕާޓީތައް ރިފޯމް ކުރަން ޖެހޭ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އަދި އެކަން ކުރުމަށްޓަކައި ހުރިހާ ޕާޓީއަކުން އަމަލު ކުރަން ޖެހޭ އެއް މިންގަނޑެއް އަދި އުސޫލުތަކެއް އޮންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުން ގުރުބާން ކޮށްފައި ޑީލު ހަދާކަށް ނެތިން. އެއްވެސް ބޭފުޅަކާއެކު ޑީލެއް އެއްވެސް ސިފައެއްގައި ނުކުރާނަން،" މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ އޭނާ އެކުލަވާލާ ސަރުކާރެއްގައި މަސައްކަތްތައް ހިނގާނެ ގޮތުގެ ކަންކަން ކުރިޔަށް އޮތްތަނުގައި ހާމަ ކުރަމުން ގެންދާނެ ކަމަށެވެ.
ޔާމީން ވޯޓުލާން ރަޖިސްޓްރީއެއް ނުކުރައްވާ
"ތިމާވެއްޓަށް ގެއްލުން ވާގޮތަށް ކެމްޕެއިން ނުކުރޭ"
މީޑިއާތަކަށް މާލީ އެހީ ދޭން މެނިފެސްޓޯގައި ހިމަނައިފި
ސިޔާސީބޭނުމަށް ވަޒީފާ އަދާކުރާމީހުންނަށް ދެރައެއް ނުވާނެ
ވޯޓު ކަރުދާސް ވަގުތުން ނައްތާލަން އެއްބަހެއް ނުވެވުނު
ރިޔާސީ އިންތިހާބު އޮޅުވައެއް ނުލެވޭނެ: ޓްރާންސްޕޭރެންސީ
ޑރ. މުނައްވަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ
ރިޔާސީ އިންތިހާބުގެ ހިސާބުތަކާއި ސިޔާސީ ބޮޑު މަންޒަރު!
މުނައްވަރު މި ނުކުމެވަޑައިގަތީ ހަމަ މަގަށް އަޅުވަން؟
ޝައުނާ ދެއްކެވީ ރައީސް ކޮވިޑް މެނޭޖްކުރެއްވި ގޮތް