Roadha Mihaaru
މުނައްވަރު މި ނުކުމެވަޑައިގަތީ ހަމަ މަގަށް އަޅުވަން؟

ސިޔާސީ މަންޒަރަށް މުނައްވަރު؛ މި ނުކުމެވަޑައިގަތީ ހަމަ މަގަށް އަޅުވަން؟

06 ނޮވެމްބަރ 2022

މި ވެރިކަމުގެ ހަތަރު އަހަރު ފާއިތުވިއިރު، ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ހުންނެވީ ސިޔާސީ ކަންކަމާ އަމަލީގޮތުން ދުރުގަ އެވެ. އެއްވެސް ހަރަކާތަކުން ރައްޔިތުންނާ ބައްދަލެއް ނުކުރައްވަ އެވެ. އެކަމަކު މި ފަހުން ކުއްލިއަކަށް ސިޔާސީ މަންޒަރުން އޭނާ ފެނިއްޖެ އެވެ. އޭގެ ފަހުން ސަރުކާރުގެ ހިންގުމާއި ސިޔާސަތުތަކަށް ފާޑުވިދާޅުވުމުގައި އަޑުގަދަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ވެރިކަމުގެ ހަތަރު އަހަރު ފާއިތުވިއިރު، ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ހުންނެވީ ސިޔާސީ ކަންކަމާ އަމަލީގޮތުން ދުރުގަ އެވެ. އެއްވެސް ހަރަކާތަކުން ރައްޔިތުންނާ ބައްދަލެއް ނުކުރައްވަ އެވެ. އެކަމަކު މި ފަހުން ކުއްލިއަކަށް ސިޔާސީ މަންޒަރުން އޭނާ ފެނިއްޖެ އެވެ. އޭގެ ފަހުން ސަރުކާރުގެ ހިންގުމާއި ސިޔާސަތުތަކަށް ފާޑުވިދާޅުވުމުގައި އަޑުގަދަ އެވެ.

މޮރިޝަސްގެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުކުރުން ގޯސްކަން ދައްކަވަން ބޭއްވި ޕްރެސް ކޮންފަރެންސް ނިމުނީ، ސަރުކާރަށް ސިޔާސީ ހަމަލާތަކަކުންނެވެ. އދ. ގެ އާއްމު މަޖިލީހުގައި ނަގާ ވޯޓާ ގުޅޭ ނިންމުން ބަދަލުކުރުން އިންޑިއާއާ ގުޅުވައި އޭގެ ފައިދާ އޮތީ އެ ގައުމަށް ކަަމަށް ވެސް ވިދާޅުވި އެވެ.

ޕްރެސް ކޮންފަރެންސަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮޕް ސަމިޓަށް ސްރީ ލަންކާގެ ވަފުދުގައި ވަޑައިގަތުމުން އިއްޔެ ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ. ރައްޔިތުންގެ ފައިސާ އިން މުސާރަ ނަންގަވައިގެން އެހެން ގައުމެއް ތަމްސީލު ކުރައްވަން އެ މަނިކުފާނު ވަޑައިގަތްއިރު އެއީ އަމިއްލަ ގައުމުގެ މަސްލަހަތު އިސްކުރެއްވުން ނޫން ކަމަށް މުނައްވަރު ވިދާޅުވި އެވެ.

އެ ފާޑުވިދާޅުވުންތަކާ ގުޅުވައި މުނައްވަރަށް ވެސް އަމާޒުކުރާ ސުވާލެއް އެބައޮތެވެ. ސިޔާސީ މައިދާނުން ކުއްލިއަކަށް ފެނުނީ ކީއްވެ ހެއްޔެވެ؟ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ގޮނޑި "ހޫނު ކުރައްވަނީ" ހެއްޔެވެ؟

ސަރުކާރުގެ ދިފާއުގައި ފާޑުކިޔާ މީހުން ސޯޝަލް މީޑިއާގައި ލިއެފައިވާ ގޮތުގައި އޭނާ އަށް "ނިދިން ހޭލެވުނީ" އެވެ. އެކަމަކު މުނައްވަރުގެ ރައްދު ތަފާތެވެ.

މި ނުކުތީ އިސްލާހީ މަސައްކަތް ހަމައަކަށް އަޅުވަން: މުނައްވަރު

މުނައްވަރު "މިހާރު" އަށް ވިދާޅުވި ގޮތުގައި އޭނާ މި ނުކުމެވަޑައިގަތީ ކުއްލިއަކަށެއް ނޫނެވެ. ގައުމު އިސްލާހުކުރަން އޭނާ ވެސް ހިމެނިވަޑައިގަންނަވާ ގޮތުން ފެއްޓެވި މަސައްކަތް އޮޅުންބޮޅުންވެ ނުކުމެވަޑައިގެން ގޯސްކޮށް ހިނގާ ކަންކަމުގައި ބަސް ވިދާޅުވާން މަޖުބޫރުވެވަޑައިގަތީ ކަމަށް ވިދާޅުވި އެވެ.

އޭނާގެ އަމާޒު ސާފު، އެ މަސައްކަތް ދެން ނުހުއްޓުވޭނެ ކަމަށެވެ.

"[މޮރިޝަސްގެ މައްސަލާގައި] އަޅުގަނޑުމެންގެ ޒޯން ފުންކޮށް ދިފާއުކުރެވެން ޖެހޭނެއޭ ބުނީމާ އަޅުގަނޑާ ދިމާލަށް އޭތިމީތި ކިޔައި، އަބުރާ ބެހި ހެދީމާ ގައުމީ ކޮންމެ މައްސަލައެއްގައި ވެސް ވާހަކަ ދައްކަން އަޅުގަނޑު މި ނިންމީ،" މުނައްވަރު ވިދާޅުވި އެވެ.

އޭނާ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބަންޑާރަނައިބުގެ މަގާމް 10 އަހަރު ފުރުއްވައިފަ އެވެ. އޭގެ ފަހުން، 2008 ގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވެވަޑައިގަތެވެ. ޕާޓީގެ ރައީސްގެ މަގާމަށް ވާދަކުރެއްވި ނަމަވެސް އެ ފަހަރު ނާކާމިޔާބުވީ އެވެ. އޭގެ ދުވަސްކޮޅެއް ފަހުން އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު ވަކިވެ، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތެވެ.

އެމްޑީޕީގެ ޖަލްސާއެއްގައި މުނައްވަރު ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވަނީ ގައުމު ހަމަމަގަށް އަޅުވަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް.

އެމްޑީޕީގެ ޖަލްސާއެއްގައި މުނައްވަރު ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވަނީ ގައުމު ހަމަމަގަށް އަޅުވަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް.

ފަހުން ޖުމްހޫރީ ޕާޓީއާ ވެސް ދުރަށް ވަޑައިގެން މޯލްޑިވްސް ރިފޯމް މޫވަމަންޓުގެ ނަމުގައި އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ. އެކަމަކު ގާނޫނުގައި ބުނާ ޝަރުތުތައް ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލީ އެވެ.

މުނައްވަރު ވިދާޅުވީ ގައުމީ ބޮޑެތި މައްސަލަތަކުގައި އޭނާ ހިމޭނުން ނުހުންނަވާ ކަަމަށެވެ.

މޮރިޝަސްގެ މައްސަލާގައި ވެސް ބަސް ވިދާޅުވީ ޕްރެސް ކޮންފަރެންސާ ހިސާބުން ނޫން ކަމަށް ވިދާޅުވި އެވެ. އެކަމުގައި ހުރި ކަންބޮޑުވުންތައް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއާ ހިއްސާކުރައްވައި ކަމުގެ ސީރިއަސްކަން ދެންނެވި ކަމަށް މުނައްވަރު ވިދާޅުވި އެވެ.

މި ވާހަކަތައް ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ހަޖަމް ނުވަނީ. އެ ބޭފުޅުން ކުރައްވާ ކަންކަމުގެ ވާހަކަ އެއްވެސް ބަޔަކު ދައްކައިގެން ނުވާނެއޭ ގަބޫލުކުރަނީ. ގައުމުގެ ކޮރަޕްޝަން އެބައޮތޭ ވިދާޅުވެ އެއްވެސް ކަމެއް ނުކޮށް ތިބެންޏާ އެ ވާހަކަ ދައްކަން ޖެހޭނެ،"--- މުނައްވަރު

"މިކަން އެހާ ލުއިކޮށް ނުނަންގަވަން އެދުނިން. ހަބަރެއް ނުވެ ހުއްޓައި މިދިޔަ އަހަރުގެ ނޮވެމްބަރުގައި ޕްލިމިނަރީ ހިއަރިންތައް ފެށި ހިސާބުން އަނެއްކާ އަޅުގަނޑު ނޫސްބަޔާނެއް މިކަމާ ގުޅޭ ގޮތުން ނެރުނިން މިއީ ސަމާސާ މައްސަލައެއް ނޫން ކަމަށް،" މުނައްވަރު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވެއްޖެ ނަމަ މަސްވެރިކަމަށް އަސަރުކުރާނެ ކަމުގެ ކަންބޮޑުވުންތަކާ އެކު ފިޔަވަޅު އަޅުއްވައިދެއްވަން ވެސް އެދިވަޑައިގަތް ކަމަށް ވިދާޅުވި އެވެ. ޕްރެސް ކޮންފަރެންސެއް ބޭއްވީ މައްސަލައިގެ އަޑު އެހުންތައް ނިމި އެންމެ ފަހުގެ މަރުހަލާއާ ހަމައަށް ދިޔައިރު ރާއްޖޭގެ ރައީސާއި ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ އިތުރުން މަޖިލީހުގެ މެމްބަރުންނަށް މިކަމުގައި ރައްޔިތުންނަށް ވާނުވާ ނާންގަވައި ތިއްބެވުމަށް ފަހު ސިއްރު ސިޓީއެއް މޮރިޝަސްއަށް ސަރުކާރުން ފޮނުވުން ގަބޫލު ނުކުރެއްވޭތީ ކަމަށް ވިދާޅުވި އެވެ.

"ނިދިން ހޭލެވުނުއިރު ކަން ނިންމައިފިއޭ ބުނާއިރު، ކަން ނިންމުމަކީ ދިވެހި ރައްޔިތުންނަށް ވަގަށް ނާޖާއިޒު ގޮތަކަށް ކަމެއް ނިންމި ވާހަކަ. ދެން އަޅުގަނޑު ބަންޑާރަނައިބަކަށް ހުރި ވާހަކައާ އެކު މި ވާހަކަތައް ދައްކަނީ،" މުނައްވަރު ވިދާޅުވި އެވެ.

އޭނާ މިއަދު ވެސް ވިދާޅުވީ ސްރީ ލަންކާގެ ވަފުދުގައި ނަޝީދަށް ވަޑައިނުގެންނެވޭނެ ކަަމަށާއި އެއީ ލަދުވެތި ކަމެއް ކަމަށެވެ. މަޖިލިހުގެ ރައީސް ރައްޔިތުންނަށް އިހްލާސްތެރިވާން ޖެހޭއިރު، ލަންކާގެ ވަފުދުގައި ވަޑައިގަތުން، ގާނޫނުއަސާސީއާ ޚިލާފު ކަަމަށް ވިދާޅުވި އެވެ.

ނަޝީދު ވަޑައިގަތީ ދައުލަތުގެ ހަރަދުގައި ނޫން ކަމަށް މަޖިލީހުން ބުނި ނަމަވެސް އެ މަނިކުފާނުގެ ސެކިއުރިޓީ އާއި މުސާރަ ހަމަޖައްސަނީ ދައުލަތުން ކަން ފާހަގަކުރެއްވި އެވެ. އެހެން ގައުމެއްގެ މަސްލަހަތު އިސްކުރައްވައި އެ ގައުމުގެ ވަފުދުގައި ބައިވެރިވެވަޑައިގަތުމަކީ މި ގައުމުގެ ރައްޔިތުންނާއި ދައުލަތުގެ މަސްލަހަތު އިސްކުރެއްވުމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު ސީދާ ޖަވާބެއް ނެތް!

ސިޔާސީ ކަންކަމުގައި ކުއްލިއަކަށް ބަސްވިދާޅުވާން ފެއްޓެވީ 2023ގެ ރިޔާސީ އިންތިހާބަށް ޝައުގުވެރިކަން އޮތުމުންތޯ ކުރި ސުވާލަށް މުނައްވަރު ސީދާ ޖަވާބެއް ނުދެއްވަ އެވެ. ގައުމުގެ ހާލަތަށް ބަލާއިރު، އެ މަގާމަށް ކުރިމަތި ނުލައްވަންވީ ސަބަބެއް އޮތް ކަަމަށް ފެނިވަޑައިނުގަންނަވާ ކަަމަށާއި އެކަމަކު މިހާތަނަށް ހުންނެވީ އެކަމުގައި ގޮތެއް ނިންމަވައިގެން ނޫން ކަމަށް ވިދާޅުވި އެވެ.

މުނައްވަރު ތަކުރާރުކޮށް ވިދާޅުވީ ގައުމީ ކަންކަމުގައި އޭނާ ވާހަކަ ދައްކަވަން ފެއްޓެވީ ކުއްލިއަކަށް ނޫން ކަމަށެވެ. މެދުކެނޑުމެއް އައީ، އާއިލާގެ ބޭފުޅެއްގެ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރުގައި ވަރަށް ގިނަ ދުވަހު ހުންނަވަންޖެހުމުން ކަމަށެވެ. އޭނާ މިހާރު ހުންނެވީ ރާއްޖޭގަ އެވެ.

"ގައުމީ ކަންކަމުގައި ތަންދޮރު އެނގޭ ރަނގަޅު މީސްމީހުން ވާހަކަ ނުދައްކާތީ މައްސަލައަކީ. ވާހަކަ ދައްކާތީ ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް،" މުނައްވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގައުމުގައި އިސްލާހުކުރަން އޮތް ކޮންމެ ކަމެއްގައި ބަސްވިދާޅުވެ އެކަން ހައްލުކުރަން ވެސް މަސައްކަތް ކުރައްވާނެ އެވެ.

ޑރ. މުނައްވަރު: ސަރުކާރުގެ ގޯސް ވާހަކަތައް އޭނާ ދައްކަވާތީ ހަޖަމު ނުވަނީ ކަމަށް ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ| މިހާރު

ޑރ. މުނައްވަރު: ސަރުކާރުގެ ގޯސް ވާހަކަތައް އޭނާ ދައްކަވާތީ ހަޖަމު ނުވަނީ ކަމަށް ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ| މިހާރު

"އަޅުގަނޑަކީ ސިޔާސީ ކަންކަމުގެ ތެރޭގައި ވަރަށް ގިނަ ދުވަހު އުޅެފައި ހުރި މީހެއް. ބައްލަވާ ގައުމުގައި އެއްތަނުން ވައްކަން ކުރަނީ، އަނެއް ތަނުން ހިޔާނާތްތެރިވަނީ، އަޅުގަނޑުމެންގެ ދީން ހިމާޔާތްކުރުމުގައި ވެސް ސުވާލު އުފެދޭ ކަންތައް ކުރައްވަނީ. މީހަކު މަރުވެގެން ބަލާނެ މީހަކު ނެތި އެކަން އޮޅުވާލެވޭތޯ ބަލަނީ. ފިނޭންސް މިނިސްޓަރު އަރައި ވިދާޅުވަނީ ފައިސާ ހުސްވެއްޖެއޭ، އެކަމަކު އަޅުގަނޑުމެން އަދިވެސް ދައްކަންވީ ޓެކްސް. ހެޔޮވާނީ ކިހިނެއްތޯ،؟ ސިޔާސަތުތަކަށް ފާޑުވިދާޅުވާން ފެއްޓެވި ސަބަބުތައް ކިޔައިދެއްވަމުން ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ އެ ހިސާބަށް ކަންކަން ދިއުމުން ގައުމު ހަމަ މަގަށް އަޅުވަން ޖެހޭ ކަމަށެވެ. އެކަމަށް ނުކުމެވަޑައިގެން ހުންނެވި އިރު ކުރަން ޖެހުނު ކޮންމެ ކަމެއް އެ ވަގުތަކު ކުރައްވާނެ ކަަމަށް ވިދާޅުވި އެވެ.

"މި ވާހަކަތައް ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ހަޖަމް ނުވަނީ. އެ ބޭފުޅުން ކުރައްވާ ކަންކަމުގެ ވާހަކަ އެއްވެސް ބަޔަކު ދައްކައިގެން ނުވާނެއޭ ގަބޫލުކުރަނީ. ގައުމުގެ ކޮރަޕްޝަން އެބައޮތޭ ވިދާޅުވެ އެއްވެސް ކަމެއް ނުކޮށް ތިބެންޏާ އެ ވާހަކަ ދައްކަން ޖެހޭނެ،" މުނައްވަރު ވިދާޅުވި އެވެ.

"އަޅުގަނޑު އެ ވާހަކަ ދައްކާނަން، އަޅުގަނޑުގެ އަމިއްލަ އެޖެންޑާއެއް ނެތް. މި ވަގުތު މިހުރީ ގައުމީ ކަންކަމުގައި އެ ބޭފުޅުން [ސަރުކާރު] ޒިންމާދާރުކުރުވަން. ގައުމީ ހިދުމަތަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން."