Roadha Mihaaru
ހަތް ހޮސްޕިޓަލް އެޅުމަށް މި ހަފުތާ ހަވާލުކުރަނީ

ހަތް ހޮސްޕިޓަލް އެޅުމަށް މި ހަފުތާ ހަވާލުކުރަނީ

06 މާޗް 2023

ހަތް ރަށެއްގައި އަޅަން ހަމަޖެހިފައިވާ އާ ހޮސްޕިޓަލްތަކުގެ މަސައްކަތް ހަފުތާއެއްގެ ހަވާލުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހަތް ރަށެއްގައި އަޅަން ހަމަޖެހިފައިވާ އާ ހޮސްޕިޓަލްތަކުގެ މަސައްކަތް ހަފުތާއެއްގެ ހަވާލުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ހޮސްޕިޓަލު އަޅަން ނިންމާފައި ވަނީ ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫގެ އިތުރުން ތ. ވިލުފުށީގަ އެވެ. އެއިން ކޮންމެ ރަށެއްގައި ވެސް އަޅަނީ 30 އެނދުގެ ހޮސްޕިޓަލެވެ.

ކޮވިޑްތެރޭގައި ހިންގި ވެންޓިލޭޓަރުގެ ހިޔާނާތާ ގުޅިގެން ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހާޒިރު ކުރުމުން މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަނީ ހޮސްޕިޓަލްތަކުގެ މަސައްކަތް ލަސްވާ ސަބަބާއި ކޮންޓްރެކްޓުގައި ސޮއި ކުރެވޭނެ ދުވަހަކާ ގުޅޭގޮތުން ސުވާލު ކުރައްވައިފަ އެވެ.

އަމީރު ވިދާޅުވީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ފައިސާ ކުވައިތު ފަންޑުން މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

"ކުވައިތު ފަންޑުގެ ހޮސްޕިޓަަލްތަކުން މިހާރު ޓެންޑާ މަރުހަލާގައި ހަތް ހޮސްޕިޓަލެއް ވާނެ. އިވެލުއޭޝަން ވަނީ ނިމިފައި. މި ހަފްތާގެ ތެރޭގައި އެވޯޑްކޮށް، ނޯ އޮބްޖެކްޝަނަށް ކުވައިތު ފަންޑަށް ފޮނުވާނަން،" އަމީރު ވިދާޅުވި އެވެ.

ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލްތަކެއް އަޅަން ސަރުކާރުން ހުޅުވާލީ މިދިޔަ އަހަރު އޭޕްރީލް މަހު އެވެ.