Roadha Mihaaru
ޝަކީލް ހައި ކޯޓަށް އައްޔަންކުރުމަކީ ރިޝްވަތުގެ އަމަލެއް

ގާޒީ ޝަކީލް ހައި ކޯޓަށް އައްޔަންކުރުމަކީ ރިޝްވަތުގެ އަމަލެއް: ޕީޕީއެމް

06 މާޗް 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމް އިސްތިއުނާފުކޮށްފައިވަނިކޮށް އެ ހުކުމް އިއްވި ކްރިިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ހައި ކޯޓަށް އައްޔަންކުރުމަކީ ރިޝްވަތުގެ އަމަލެއް ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމް އިސްތިއުނާފުކޮށްފައިވަނިކޮށް އެ ހުކުމް އިއްވި ކްރިިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ހައި ކޯޓަށް އައްޔަންކުރުމަކީ ރިޝްވަތުގެ އަމަލެއް ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ޔާމީނަށް ހުކުމް ކުރި ގާޒީއަށް މަގާމުގެ ކުރިއެރުން ދިނުމަކީ ޔާމީނަށް އަނިޔާވެރިވެ، ސަރުކާރުން ބޭނުންވާ ހުކުމެއް ކުރުމަށް ހިތްވަރު ދިނުން ކަމަށެވެ.

ބަޔާނުގައި ބުނި ގޮތުގައި ޑިސެމްބަރު 25، 2022 ގައި ކުރި ހުކުމް އިސްތިއުނާފު ކޮށްފައިވަނިކޮށް ދަށު ކޯޓުން ހުކުމް ކުރި ގާޒީއަށް މަގާމުގެ ކުރިއެރުން ދިނުމަކީ ޖުޑީޝަރީއަށް ސަރުކާރުގެ ނުފޫޒު ފޯރުވާ އަދި ސަރުކާރުން ބޭނުންވާ ހުކުމެއް ކުރުމަށް ހިތްވަރު ދިނުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެއީ ރިޝްވަތުގެ އަމަލެއްގެ ގޮތުގައި ވެސް ބެލެވޭ ކަމަށް ކޯލިޝަންގެ ބަޔާނުގައި ބުންޏެވެ.

"ރައީސް ޔާމީންގެ މައްޗަށް ހުކުމް ކޮށްފައިވަނީ ސަރުކާރުގެ ނުފޫޒާއެކު އެތައް މަންފާއަކާއި ވަޒީފާގެ ކުރިއެރުންތައް ހުށަހެޅި، ގާޒީ އަމިއްލަ އިހުތިޔާރުގެ ބޭރުން ކަމުގައި ދިވެހިންގެ ތެރެއިން އެތައް ބަޔަކު ގަބޫލުކުރެ އެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ކުރި ހައްގު ނޫން ހުކުމުގެ ހަދިޔާއެއްގެ ގޮތުގައި އެއަށްވުރެ މަތީ މަގާމަކަށް ގާޒީ ޝަކީލް ބަދަލުކުރާނެ ވާހަކަ އެއީ މީގެ ކުރިން ވެސް މި ކޯލިޝަނުން ދައްކަމުން ގެންދިޔަ ވާހަކައެކެވެ." ބަޔާނުގައި ބުންޏެވެ.

ކޯލިޝަނުން ތުހުމަތުކުރި ގޮތުގައި ޔާމީނަށް އެންމެ ފުރަތަމަ ހުކުމް ކުރެއްވި ގާޒީ އަލީ ރަޝީދަށް ވަނީ އެތައް މަންފާއަކާ އެކު ވަޒީފާގެ ކުރިއެރުން ދީފަ އެވެ. އޭނާ ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަންކޮށްފައި ވަނީ ހުކުމަށް ފަހުގައި ކަމަށް އިދިކޮޅުން ފާހަގަކުރެ އެވެ.

"މިފަދަ ކަންކަމުން ރައީސް ޔާމީންގެ މައްސަލަތަކުގެ ތެރެއަށް ސަރުކާރުގެ ނުފޫޒު ފޯރުވާ މިންވަރު ސަބަބުވެރި އިންސާނުންގެ ސިކުނޑިތަކަށް ވިސްނެ އެވެ." ކޯލިޝަނުން ބުންޏެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޖަލަށް ލާން ކުރި ހުކުމް ޔާމީންގެ ފަރާތްޕުޅުން ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް އެ މައްސަލައިގެ އެއްވެސް ކަމެއް ކޯޓުގައި ހިނގަމުން ނުދާތީ އިދިކޮޅު ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ބަޔާނުގައި ވަނީ ޔާމީންގެ މައްސަލައަކީ ދިވެހިންގެ މަސްލަހަތާ ގުޅިފައިވާ ކަމަކަށްވާތީ، އެ މަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފުކޮށްފައިވާ މައްސަލަ އަވަސްކޮށް އިންސާފު ގާއިމްކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ލަސްނުކޮށް ކުރުމަށް ގޮވާލައިފަ އެވެ.

ގާޒީ ޝަކީލް ހައި ކޯޓަށް އައްޔަންކުރަން ނިންމުމުން އިދިކޮޅު ކޯލިޝަންގެ ފާޑުކިޔުން އަމާޒުވިއިރު، ކޯޓުތަކުން މި ފަހުން ހުސްވި މަގާމުތަކަށް އައްޔަންކުރަން ނިންމި ބޭފުޅުންގެ މައުލޫމާތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ މިއަދު އާއްމުކޮށްފަ އެވެ. އޭގެ ތެރޭގައި ގާޒީ ޝަކީލް ވެސް ހިމެނިވަޑައިގަންނަވަ އެވެ.