Roadha Mihaaru
އަންބާރާގެ މައްސަލަ އަލުން ބަލައިދޭން އެދިއްޖެ

އަންބާރާގެ މައްސަލަ އަލުން ބަލައިދޭން ވ. އަތޮޅު ކައުންސިލުން އެދިއްޖެ

08 މާޗް 2023

ރިސޯޓު ހިންގަން ދޫކޮށްފައިވާ ވ. އަންބަރާގެ ތިމާވެއްޓަށް ދީފައިވާ ގެއްލުންތަކާ ގުޅޭ މައްސަލަ އަލުން ބަލައިދިނުމަށް ވ. އަތޮޅު ކައުންސިލުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި އިއްޔެ އެދިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރިސޯޓު ހިންގަން ދޫކޮށްފައިވާ ވ. އަންބަރާގެ ތިމާވެއްޓަށް ދީފައިވާ ގެއްލުންތަކާ ގުޅޭ މައްސަލަ އަލުން ބަލައިދިނުމަށް ވ. އަތޮޅު ކައުންސިލުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި އިއްޔެ އެދިއްޖެ އެވެ.

ވ. އަތޮޅު ކައުންސިލުން އެ މައްސަލަ އަލުން ބަލައިދޭން އެދުނީ، އަންބަރާގެ ތިމާވެއްޓަށް ގެއްލުން ދީފައި ވިޔަސް، އެ ގެއްލުންތަކަށް އެ ރަށް ކުއްޔަށް ހިފާފައިވާ ފަރާތުން ޒިންމާވާން ނުޖެހޭ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކުރި ތަހުގީގަށް ފަހު ނިންމާފައި ވާތީ އެވެ.

އަތޮޅު ކައުންސިލުން ރައީސް އޮފީހަށާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އަދި ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީގައި ބުނީ، އީޕީއޭގެ ނިންމުމަކީ ރާއްޖޭގައި ތިމާވެށި ހިމާޔަތްކުރުމުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފު ނިންމުމެއް ކަމަށެވެ. އެހެންވެ އެކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް އެ ކައުންސިލުން ބުންޏެވެ.

ވ. އަންބަރާ ކަނޑޫފާ މިހާރު އޮތް ގޮތް: އެތަނަށް ވަނީ ފަސް އަޅައި ފޮރުވައިފައި.-- ފޮޓޯ: ވ. އަތޮޅު ކައުންސިލް

ވ. އަންބަރާ ކަނޑޫފާ މިހާރު އޮތް ގޮތް: އެތަނަށް ވަނީ ފަސް އަޅައި ފޮރުވައިފައި.-- ފޮޓޯ: ވ. އަތޮޅު ކައުންސިލް

އަންބަރާގައި އުފެދިފައި އޮތް ގުދުރަތީ ކަނޑޫފަލާއި ކުޅިއަށް ފަސް އަޅައި ފޮރުވާލުމަކީ ވ. އަތޮޅު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވާތީ މި މައްސަލަ އިސްތިއުނާފުކޮށްދީ، މައްސަލަ އަލުން ބެލުމަށް، އަތޮޅު ކައުންސިލުގެ ސިޓީގައި އެދިފައިވެ އެވެ.

އެ ސިޓީގައި ވަނީ އީޕީއޭގެ ނިންމުމާ ގުޅިގެން، އަތޮޅު ކައުންސިލުން ސާފުކުރަން ބޭނުންވާ ބައެއް ކަންކަން ވެސް ހިމަނައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛

• ކަނޑޫފަލާއި ކުޅިއަށް ވެލި އެޅީ ސަރުކާރުގެ އިދާރާތަކުގެ ހުއްދަ ލިބިގެންތޯ؟

• އެ މައްސަލަ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް އައިސްފައިވޭތޯ؟

• ކަނޑޫފަލާއި ކުޅިއަށް ވެލި އެޅުމުން ލިބޭ ގެއްލުން ކުޑަކުރުމަށް ރަށް ކުއްޔަށް ހިފާފައިވާ ފަރާތުން އެއްވެސް މަސައްކަތެއް ކުރިތޯ؟

• އަންބަރާގެ ތިމާވެއްޓަށް ލިބިފައިވާ ގެއްލުމަށް ރަށް ކުއްޔަށް ހިފާފައިވާ ފަރާތުން ޒިންމާވާން ނުޖެހޭ ކަމަށް އީޕީއޭއިން ސާބިތުކުރީ ކިހިނެއްތޯ؟

• އަދަބު ކަނޑައަޅާފައިވާ ކުށެއް ކުރުމުން އަދަބު ނުދީ ދޫކޮށްލީ ކީއްވެގެން ކަމާއި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުލަތުން ކުރަނީ ކީއްތޯ؟

އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް ސޮއިކުރައްވައި ވ. އަތޮޅު ކައުންސިލަށް މިދިޔަ މަހު ފޮނުއްވި ސިޓީއެއްގައި ބުނީ، އީޕީއޭއިން އަންބާރާގައި ކުރި ސާވޭއިން، އެ ރަށުގައި ތިމާވެށީގެ ހާލަތު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) އާ ހިލާފަށް މަސައްކަތް ކޮށްފައިވާކަން އެނގިފައިވާ ކަމަށެވެ. ނަމަވެސް، އެއީ އެ ރަށް ކުއްޔަށް ހިފާފައިވާ ފަރާތުން ކޮށްފައިވާ ކަންތައްތަކެއް ނޫން ކަން އީޕީއޭގެ ތަހުގީގަށް ސާބިތު ކުރެވިފައިވާ ކަމަށް ނައީމް ވިދާޅުވި އެވެ.

ރިސޯޓް ހަދަން 50 އަހަރަށް އެ ރަށް ކުއްޔަށް ދީފައި ވަނީ ހަނދުވަރު އޯޝަން ޕްރައިވެޓް ލިމިޓެޑަށެވެ.