Roadha Mihaaru
ސިއްހީ މައްސަލަތައް ދިރާސާ ކުރުމަށް ގޮވާލާ ގަރާރެއް

އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތައް ހައްލުކުރަން ދިރާސާއެއް ކުރުމަށް ގޮވާލާ ގަރާރެއް

08 މާޗް 2023

ނަފުސާނީ އަދި ޖިސްމާނީ ގޮތުން އަންހެނުންނަށް ދިމާވާ އެކި ކަހަލަ މައްސަލަތައް ދެނެގަނެ، އެ ކަމަށް ހައްލެއް ހޯދައިދިނުމަށް ގައުމީ ފެންވަރުގައި ދިރާސާއެއްކޮށް އެ ދިރާސާގެ އަލީގައި ކަމާ ގުޅޭ ސިޔާސަތު އެކުލަވާލުމަށް ގޮވާލައި ރައްޔިތުން މަޖިލީހަށް ގަރާރެއް މިއަދު ހުށަހަޅައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ނަފުސާނީ އަދި ޖިސްމާނީ ގޮތުން އަންހެނުންނަށް ދިމާވާ އެކި ކަހަލަ މައްސަލަތައް ދެނެގަނެ، އެ ކަމަށް ހައްލެއް ހޯދައިދިނުމަށް ގައުމީ ފެންވަރުގައި ދިރާސާއެއްކޮށް އެ ދިރާސާގެ އަލީގައި ކަމާ ގުޅޭ ސިޔާސަތު އެކުލަވާލުމަށް ގޮވާލައި ރައްޔިތުން މަޖިލީހަށް ގަރާރެއް މިއަދު ހުށަހަޅައިފި އެވެ.

މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ، ސިއްހީ ގޮތުން އަންހެނުންނަށް ދިމާވާ މައްސަލަތައް ގިނަ ކަމަށް ފާހަގަ ކުރެވޭ ކަމަށާއި އެ މީހުންގެ ނަފުސާނީ އަދި ޖިސްމާނީ ކަންކަން ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށެވެ.

އަންހެނުންނަށް ދިމާވާ ކަންކަމުގެ ތެރެއިން ފާހަގަކޮށްފައި ވަނީ:

- ދަރިމައިވުމުގެ ނިޒާމަށް ދިމާވާ ކަންކަން.

- ހައިލު ވުމުގައި ދިމާވާ މައްސަލަތައް.

- ދަރިމައި ނުވެގެން ކުރަން ޖެހޭ ފަރުވާ.

- ވިހެއުމާ ހަމައަށް ނުވަތަ ވިހެއުމަށް ފަހު ދިމާވާ ކަންކަން.

ޖިސްމާނީ ގޮތުން އަންހެނުންގެ ސިއްހަތަށް ކުރިމަތިވާ އެންމެ ބޮޑު އަނިޔާއެއް ކަމަށް އީވާގެ ގަރާރުގައި ވަނީ ޖިންސީ އަދި ގެވެށި އަނިޔާ އަށް އަންހެނުން ހުށަހެޅިގެން ދިއުމެވެ.

"ނަފްސާނީ ދުޅަހެޔޮކަމަށް އެންމެ ނޭދެވޭ އަސަރު ކުރުވާ ކަންކަމުގެ ތެރޭގައި ހިމެނޭ ޑިޕްރެޝަން، އެންޒައިޓީ، އީޓިންގް ޑިސޯޑާ ފަދަ ބަލިތަކަށް ހުށަހެޅިގެން ދިއުން ބޮޑަށް އެކަށީގެންވާ ކަމުގައި ވީ ހިނދު، އަދި ދާއިމީ ގޮތެއްގައި ބޭސް ކުރަން ޖެހޭ ބަލިތަކުގެ ތެރޭގައި ހިމެނޭ ހިތުގެ ބަލި، ހަކުރު ބަލި، ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ފިރިހެނުންނެކޭ އެއްގޮތަށް ނުވަތަ އެ އަށް ވުރެ ބޮޑަށް އަންހެނުންނަށް އެފަދަ ބަލިތަކުގެ ނުރައްކާ ބޮޑުވެގެންދާކަން ފާހަގަކުރެވޭ،" އެ ގަރާރުގައިވެ އެވެ.

އަންހެނުން، އިޖުތިމާއީ އަދި އިގްތިސޯދީ ގޮތުން ބަލާއިރު ނިކަމެތި ހާލުގައި އުޅެން ޖެހުމާއި އެކަނިވެރި މައިންނަށް ދަރިންގެ ހަރަދު ނުލިބުން ފަދަ ކަންކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ފަދަ ކަންކަން ހައްލު ވާނީ ގަރާރުގައިވާ ގޮތުން އަންހެނުންނާ މެދު ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލައިގެންނެވެ.

އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށާއި ގައުމީ ފެންވަރުގައި އެ މައްސަލަ ދިރާސާކޮށް ވީހާ ވެސް އަވަހަކަށް ސިޔާސަތެއް އެކުލަވާލުމަށް ގަރާރުގައި ގޮވައިލި އެވެ.