Roadha Mihaaru
ފާރިސް ވެސް ގާސިމް ގާތަށް

ފާރިސް ވެސް ގާސިމް ގާތަށް

09 މާޗް 2023

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ ރައީސް އަދި އެ މަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ މަޝްވަރާތަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކުރައްވައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ ރައީސް އަދި އެ މަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ މަޝްވަރާތަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކުރައްވައިފި އެވެ.

އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުންގެ ބައްދަލުވުން އޮތީ ގާސިމް އާންމުކޮށް އުޅުއްވާ ސަން އައިލެންޑް ރިސޯޓުގައި އިއްޔެ އެވެ.

ގާސިމާއި ފާރިސް ވެސް އެ ބައްދަލުވުމާ ގުޅޭ ގޮތުން މީޑިއާގައި އަދި ވާހަކައެއް ނުދައްކަވަ އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޖޭޕީން އިސްވެ ކޯލިޝަން ހަދަން ޖެހިއްޖެ ނަމަ އެ ކަމުގެ މަޝްވަރާތައް ކުރުމުގެ ބާރާއި އިހުތިޔާރު ގާސިމަށް ދޭން މިދިޔަ ހޯމަ ދުވަހު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.

ޖޭޕީއަކީ މިހާރު ވެސް މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރު ކަމަށް ވާއިރު، މި އަހަރުގެ ރިޔާސީ އިންތިހާބަށް އެ ކޯލިޝަނާއެކު ތިބުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ. އެކަމަކު، އެންމެ ފަހުން ބޭއްވި ޖޭޕީގެ ކޮންގްރެސްގައި ވަނީ އެ ޕާޓީން ރިޔާސީ އިންތިހާބަށް ނުކުންނަށް ނުވަތަ ޖޭޕީ އިސްވެ ހަދާ ކޯލިޝަނަކާއެކު ނުކުތުމަށް ގަރާރެއް ފާސްކޮށްފަ އެވެ. ކޯލިޝަންގެ މަޝްވަރާ ކުރުމަށް ގާސިމަށް ކައުންސިލުން ބާރު ދިނީ އެ ގަރާރަށް ރިއާޔަތް ކޮށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސް ލީޑަރުކަން ކުރައްވާ އެމްޑީޕީއާއެކު މިހާރު ކޯލިޝަންގައި ތިބި ތިން ޕާޓީގެ ތެރެއިން ކޯލިޝަންގައި ދެމިތިބުމަށް މިހާތަނަށް އެއްބަސްވީ އަދާލަތު ޕާޓީން އެކަންޏެވެ. މިހާރުގެ ކޯލިޝަންގެ ބޭރުން ދެން ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކުރިއަށް ދާން އެއްބަސްވީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިޔާ ސަން ޓްރެވެލް އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭއިންނެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް ގާސިމްގެ އެހީތެރިކަން ހޯދަން އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު، އެމްޑީޕީއާއެކު ކުރިއަށް ދާން އެއްބަސްވެފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ވަނީ މި ހަފުތާގައި ސަން އައިލެންޑަށް ވަޑައިގެން ގާސިމާ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމަށް ފަހު، ޖޭޕީން ބޭއްވި ކައުންސިލްގެ ބައްދަލުވުމާ ދިމާކޮށް ކުރެއްވި ޓުވީޓެއްގައި އިމްރާން ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން ގާސިމް ގޮތެއް ނިންމަވާނީ ގައުމުގެ ހަމަޖެހުމާއި ދިވެހިންގެ މަސްލަހަތަށް ވަރަށް ބޮޑަށް ވިސްނަވާފައި ކަމަށެވެ.