Roadha Mihaaru
ޕްރިޔަންކާއަށް ފިރިހެނުންނަށް ލިބޭވަރު މުސާރައެއް އަލަށް

ޕްރިޔަންކާ އަށް ފިރިހެން އެކްޓަރުންނަށް ލިބޭ ވަރުގެ މުސާރައެއް ލިބުނީ "ސިޓަޑޭލް" އިން

13 މާޗް 2023

ބޮލީވުޑްގެ ބަތަލާ، ޕްރިޔަންކާ ޗޯޕްރާގެ އާ ސީރީޒް، "ސިޓަޑޭލް" އަކީ އޭނާއާ އެކު ލީޑުން ފެންނަ ފިރިހެން އެކްޓަރަކާ އެއްވަރެއްގެ މުސާރައެއް ލިބުނު ފުރަތަމަ ޕްރޮޖެކްޓު ކަމަށް ޕްރިޔަންކާ ބުނެފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ބޮލީވުޑްގެ ބަތަލާ، ޕްރިޔަންކާ ޗޯޕްރާގެ އާ ސީރީޒް، "ސިޓަޑޭލް" އަކީ އޭނާއާ އެކު ލީޑުން ފެންނަ ފިރިހެން އެކްޓަރަކާ އެއްވަރެއްގެ މުސާރައެއް ލިބުނު ފުރަތަމަ ޕްރޮޖެކްޓު ކަމަށް ޕްރިޔަންކާ ބުނެފި އެވެ.

އަންނަ އޭޕްރިލް މަހުގެ 28 ވަނަ ދުވަހު ޕްރައިމް ވީޑިއޯއިން ޕްރިމިއާ ކުރަން ހަމަޖެހިފައިވާ ސްޕައި-ތްރިލާ އެ ސީރީޒަކީ "އެވްންޖާސް: އެންޑްގޭމް" އަދި "އެވެންޖާސް؛ އިންފިނިޓީ ވާ" ޑައިރެކްޓުކޮށްފައިވާ ރޫސޯ ބްރަދާސް" ގެ ޖޯ އަދި އެންތޮނީ ރޫސޯ އެގްޒެކެޓިވް ޕްރޮޑިއުސްކުރާ ސީރީޒެކެވެ.

ޕްރިޔަންކާ ޗޯޕްރާ "ސިޓަޑޭލް" ސީރީޒްގައި

ޕްރިޔަންކާ ޗޯޕްރާ "ސިޓަޑޭލް" ސީރީޒްގައި

އެމަޒޯން ސްޓޫޑިއޯސްގެ ހެޑް ޖެނިފާ ސަލްކީއާ އެކު "ސައުތު ބައި ސައުތު ވެސްޓް ފިލްމު ފެސްޓިވަލް" ގައި ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނީ، މުނިފޫހިފިލުވުމުގެ ދާއިރާގައި މިވީ 22 އަހަރުގައި ފުރަަތަމަ ފަހަރަށް ފިރިހެން އެކްޓަރާ އެއްވަރުގެ މުސާރައެއް ލިބުނު ފުރަތަމަ ޕްރޮޖެކްޓަކީ "ސިޓަޑޭލް" ކަމަށެވެ.

"...މިހާތަނަށް 70 އަށް ވުރެ ގިނަ ފީޗާ ފިލްމު އަދި ދެ ޓީވީ ޝޯ ހެދިއްޖެ. އެކަމަކު، ސިޓިޑޭލް އަކީ އަހަރެންގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް ޕޭ ޕެރިޓީ ލިބުނު ފަހަރު،' ޕްރިޔަންކާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި، މީގެ ކުރިން ކުޅުނު ފިލްމުތަކުގައި އޭނާ އަށް ލިބެނީ ފިރިހެން އެކްޓަރުންނަށް ވުރެ މާ ކުޑަ މުސާރައެއް ކަމަށެވެ.

"އަހަރެން ވެސް ހަމަ އެއް އިންވެސްޓްމެންޓަކާއި މަސައްކަތެއް ކުރަނީ. އެކަމަކު، އަހަންނަށް ލިބެނީ މާ މަދުން. އެމަޒޯން ސްޓޫޑިއޯއިން ކޯ-ލީޑް ރޯލު ކުޅޭ ދެމީހުން ވުމުން އެންމެ ހަމަހަމަ ގޮތަކީ އެއްވަރު މުސާރައެއް ދިނުން ކަމަށް ބުނުމުން ވަރަށް ހިތްހަމަޖެހުނު،' ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާއާ އެކު ރިޗާޑް މޭޑެން ފެންނަ "ސިޓިޑޭލް" ސީރީޒްގެ ޓްރެއިލާ މިހާރު ވަނީ ނެރެފަ އެވެ. އަދި ޕްރިޔަންކާ އާއި ރިޗާޑުގެ ކެރެކްޓާގެ އާ މަންޒަރެއް ވެސް ދާދިފަހުން ވަނީ ނެރެފަ އެވެ. އޭގައި ޕްރިޔަންކާ އާއި ރިޗާޑް ކުޅެނީ ސިޓަޑޭލް ކިޔާ ސިއްރު އޯގަނައިޒޭޝަނަކަށް މަސައްކަތް ކުރާ ދެ ސްޕައިންގެ ރޯލެވެ.