Roadha Mihaaru
ބޮލީވުޑާ ދުރުވީ މީހުންނާ މައްސަލަ ޖެހޭތީ: ޕްރިޔަންކާ

ބޮލީވުޑާ ދުރުވީ މީހުންނާ މައްސަލަ ޖެހެން ފެށުމުން: ޕްރިޔަންކާ

29 މާޗް 2023

ހޮލީވުޑަށް ބަދަލުވީ ބޮލީވުޑުން ފުރުސަތުތައް ގެއްލި، މީހުންނާ މައްސަލަ ޖެހެން ފެށުމުން ކަމަށް، ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބުނެފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ހޮލީވުޑަށް ބަދަލުވީ ބޮލީވުޑުން ފުރުސަތުތައް ގެއްލި، މީހުންނާ މައްސަލަ ޖެހެން ފެށުމުން ކަމަށް، ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބުނެފި އެވެ.

ޕްރިޔަންކާ ހޮލީވުޑަށް އެންމެ ތައާރަފްވީ 2015 ވަނަ އަހަރު ނިކުތް، "ކުއަންޓިކޯ" ކިޔާ ސީރީޒެއްގެ ލީޑުގެ ރޯލުންނެވެ. އޭގެ ކުރިން، ބައިނަލްއަގްވާމީ ލަވަކިޔުންތެރިޔެއްގެ ގޮތުން ކުރިއަށް ދާން، އޭނާ ވަނީ އިނގިރޭސި ލަވަތަކެއް ވެސް ނެރެފަ އެވެ. އޭގެތެރޭގައި، މަޝްހޫރު ލަވަކިޔުންތެރިޔާ ޕިޓްބުލްއާ އެކު ކިޔާފައިވާ ލަވައެއް ވެސް ހިމެނެ އެވެ.

ޑެކްސް ޝެޕާޑްގެ "އާމްޗެއާ އެކްސްޕާޓް" ޕޮޑްކާސްޓުގައި ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނީ، ބޮލީވުޑްގައި އޭނާ އުޅެން ޖެހުނީ ވަރަށް "ތާށި" ކޮށް ކަމަށެވެ. އޭނާއާ ޖައްސާލައިގެން ގިނަ ބަޔަކު އުޅުނު ކަމަށާއި، ފިލްމުތަކުން ޖާގަނުދީ، އޭގެ ތެރެއިން ބައެއް މީހުންނާ ގިނަ މައްސަލަތަކެއް ޖެހުނު ކަމަށް އޭނާ ބުންޏެވެ.

ޕްރިޔަންކާ އޭނާގެ ފިރިމީހާ ނިކް ޖޯނަސްއާ އެކު

ޕްރިޔަންކާ އޭނާގެ ފިރިމީހާ ނިކް ޖޯނަސްއާ އެކު

އެ ދުވަސްކޮޅު، ޕްރިޔަންކާގެ މިހާރުގެ މެނޭޖަރު އަންޖިލާ އާޗޭރިއާ އަށް ޕްރިޔަންކާ ލަވައެއް ފެނި، އެމެރިކާގައި ލަވަ ކުޅުމުގެ ފުރުސަތު ހޯދައިދިނީ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އެ ފުރުސަތުގެ ބޭނުން ހިފީ، އޭރު ބޮލީވުޑާ ދުރަށް ދާނެ ސަބަބެއް ބޭނުންވެފައި ހުރުމުން ކަމަށެވެ.

"އިންޑަސްޓްރީގައި (ބޮލީވުޑް) ވަރަށް ބޮޑަށް އަހަރެން ފިއްތާލި. އަހަރެން ފިލްމުތަކަށް ނުނަގާ މީހުންނާއި، އަހަރެން ދެކެ ރުޅިއަރާ މީހުން ވެސް އުޅުނު. މި ކުޅިގަނޑަކަށް އަހަރެން އެހާ މޮޅެއް ނުވާނެ، އެހެންވެ، އަހަރެން ބުނީ މިކަން މަޑުޖައްސާލަން،" ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ ބުނި ގޮތުގައި، އޭރު ބޮލީވުޑްގެ ގިނަބަޔަކު އޭނާ އަށް ފިލްމުތަކުން ފުރުސަތު ނުދޭން ވަރަށް ގަދަޔަށް މަސައްކަތް ކުރި އެވެ.

ޕްރިޔަންކާ ޗޯޕްރާ

ޕްރިޔަންކާ ޗޯޕްރާ

"އޭރު އަހަރެން ކުރިއަރައި ދިއުމުން، އަހަރެންގެ ކެރިއަ ފުނޑާލައި، އަހަންނަށް މަސައްކަތެއް ލިބުނަ ނުދީ، ފިލްމުތަކުން ޖާގައެއް ނުދީ ވޭތޯ ބެލި ގިނަ ބަޔަކު އުޅުނު،" މީގެ ކުރިން "ދަ ރަންވީރް ޝޯ" އަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނެފައިވެ އެވެ.

ޕްރިޔަންކާ އަކީ ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ކުޅެފައިވާ ހުނަރުވެރި އެކްޓަރެކެވެ. އަދި ހޮލީވުޑާ ގުޅުނު ފަހުން ވެސް އަންނަނީ ގިނަ މަސައްކަތެއް ކުރަމުންނެވެ. ޕްރިޔަންކާގެ ކުރިއަށް އޮތީ، މަޝްހޫރު ޑައިރެކްޓަރުން ކަމަށްވާ "ރޫސޯ ބްރަދާސް" ގެ ސްޕައި ސީރީޒް "ސިޓަޑޭލް" ރިލީޒް ކުރުމެވެ. ރިޗާޑް މެއިޑަންއާ އެކު ޕްރިޔަންކާ ލީޑުން ފެންނަ އެ ސީރީޒް އެމަޒޯން ޕްރައިމް ވީޑިއޯގައި ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ.

އޭގެ އިތުރުން، އާލިއާ ބަޓް އަދި ކެޓްރީނާ ކައިފާ އެކު، ފަރްހާން އަހްތަރު ޑައިރެކްޓުކުރާ "ޖީ ލޭ ޒަރާ" ފިލްމުން ޕްރިޔަންކާ ހިންދީ ސިނަމާއަށް އެނބުރި އަންނަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.