Roadha Mihaaru
ޕްރިޔަންކާ، ސީނާ އާއި އެލްބާއާ އެކު އެކްޝަން ފިލްމެއް

ޕްރިޔަންކާގެ އެކްޝަން ފިލްމެއް؛ އެކުގައި ޖޯން ސީނާ އާއި އިދްރިސް އެލްބާ

07 އެޕްރީލް 2023

ހޮލީވުޑް ޕްރޮޖެކްޓްތަކާ އެކު ސުރުހީތައް އަޅަމުން އަންނަ ބޮލީވުޑްގެ ބަަތަލާ ޕްރިޔަންކާ ޗޯޕްރާ، އަނެއްކާވެސް އާ ފިލްމެއްގެ ރޯލެއް ކުޅެން އެއްބަސް ވެއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ހޮލީވުޑް ޕްރޮޖެކްޓްތަކާ އެކު ސުރުހީތައް އަޅަމުން އަންނަ ބޮލީވުޑްގެ ބަަތަލާ ޕްރިޔަންކާ ޗޯޕްރާ، އަނެއްކާވެސް އާ ފިލްމެއްގެ ރޯލެއް ކުޅެން އެއްބަސް ވެއްޖެ އެވެ.

"ހިންދުސްތާން ޓައިމްސް" އިން ބުނި ގޮތުގައި، މި ފަހަރު ޕްރިޔަންކާ ކުޅެން އެއްބަސްވީ އެކްޝަން ފިލްމުތަކުގައި ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޖޯން ސީނާ އަދި އިދްރިސް އެލްބާއާ އެކު "ހެޑް އޮފް ސްޓޭޓް" ގެ ނަންދީފައިވާ އެކްޝަން ފިލްމެކެވެ.

"ސިޓަޑޭލް" ސީރީޒްގައި ޕްރިޔަންކާގެ ސީނެއްގެ ފޮޓޯއެއް

"ސިޓަޑޭލް" ސީރީޒްގައި ޕްރިޔަންކާގެ ސީނެއްގެ ފޮޓޯއެއް

ހެރިސަން ކުއެރީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ އެ ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ފިލްމު ޑައިރެކްޓު ކުރަން ހަމަޖެހިފައި ވަނީ "ނޯބަޑީ ފޭމަސް" ޑައިރެކްޓަރު، އިލިއާ ނައިޝުލާ އެވެ.

ޕްރިޔަންކާ މިހާރު މަސައްކަތް ކުރަމުން އަންނަނީ އޭނާގެ ފުރަތަމަ ވެބްސީރީޒް "ސިޓަޑޭލް" ގެ ޕްރޮމޯޝަންގެ މަސައްކަތުގަ އެވެ. ރިޗާޑް މޭޑަންއާ އެކު ކުޅެފައިވާ ސްޕައި-ތްރިލާ އެ ސީރީޒް ރިލީޒްކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު އެމަޒޮން ޕްރައިމް ވީޑިއޯ ޕްލެޓްފޯމުގަ އެވެ.

އެކްޓަރު ސޭމް ހިޔޫއަން އަދި ލަަވަކިޔުންތެރިޔާ ސެލީން ޑިއޯންއާއެކު ޕްރިޔަންކާ ކުޅެފައިވާ ރޮމް-ކޮމް ޑްރާމާ ފިލްމު "ލަވް އަގެއިން" ވެސް މި އަހަރުގެ މެއި މަހުގެ ތެރޭ ރިލީޒްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އޭގެ އިތުރުން، އެކްޓަރު އެންތޮނީ މެކީއާއެކު ކުޅެން ހަމަޖެހިފައިވާ "އެންޑިން ތިންގްސް" ފިލްމާއި، ބޮލީވުޑްގެ ޑައިރެކްޓަރު ފަރްހާން އަހްތަރުގެ ފިލްމު "ޖީ ލޭ ޒަރާ"، ޕްރިޔަންކާގެ ކުރިއަށް ހުރި ޕްރޮޖެކްޓުތަކުގެ ތެރޭގައި ހިމެނެ އެވެ.