Roadha Mihaaru

ސިމްބޮލިކް ރެކޯޑްސް އަށް 10 އަހަރު؛ ނެރުނީ ކާމިޔާބީގެ ލަވައެއް

15 މާޗް 2023

ރާއްޖޭގައި އުފެދުުނު އެންމެ ފުރަތަމަ ހިޕްހޮޕް ލޭބަލް ސިމްބޮލިކްސް ރެކޯޑް (އެސްއާރް) އަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހާއްސަ ލަވައެއް ނެރެފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ރާއްޖޭގައި އުފެދުުނު އެންމެ ފުރަތަމަ ހިޕްހޮޕް ލޭބަލް ސިމްބޮލިކްސް ރެކޯޑް (އެސްއާރް) އަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހާއްސަ ލަވައެއް ނެރެފި އެވެ.

އަމިއްލަ ރާގާއި އޮރިޖިނަލިޓީ ކުރިއެރުވުމުގެ މަގްސަދުގައި މާޗް 12، 2013 ގައި ފެށި އެސްއާރްގެ އެނިވާސަރީއަށް ހާއްސަކޮށް ރޭ ނެރުނު "ފަސްތަރީގެ ލަޝްކަރީން" ލަވައިގައި ކިޔައިދިނީ ފާއިތުވި އަހަރުތަކުގައި އެ ގްރޫޕަށް ދިމާވި ގޮންޖެހުންތަކުން އަރައިގަތް ގޮތުގެ ވާހަކަ އެވެ.

ސިމްބޮލިކްގެ މެންބަރު ޕެސްޓް

ސިމްބޮލިކްގެ މެންބަރު ޕެސްޓް

އެ ލަވަ ފަށައިދެނީ ދިވެހި ރެޕްގެ "ރަސްގެފާނު" ގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ، އިސްމާއިލް އިފްހާމް (ޕެސްޓު) އެވެ. އޭނާގެ އިތުރުން، އެ ގުރޫޕްގެ ގިނަ ލަވަތަކެއް ކިޔައިފައިވާ އަހްމަދު ޖައިލަމް (ބޭ) އާއި އަހްމަދު ނަބީލް (ޓޯއީ) އާއި ހުސައިން ޒިޔާދް (ޒިޔާ) އަދި ހުސައިން އަދީލް (ލިމިޓްސް) ގެ އިތުރުން އެސްއާރާ އެކު ތަމްރީންވަމުން އަންނަ ތިން އާޓިސްޓުން ވެސް އޭގައި ހިމެނެ އެވެ.

އަހްމަދު ފައްރާސް (ސަންޗު) ޕްރޮޑިއުސްކުރި އެ ލަވަޔަށް ތަރުހީބު ބޮޑެވެ. ލަވަ ނެރުނުތާ އަށް ގަޑިއިރު ތެރޭ ޔޫޓިއުބުން 4،000 އާ ގާތްކުރާ އަދަދަކަށް މީހުން އެ ވީޑިއޯ ބަލައިފައިވާއިރު، ގިނަބަޔަކު ވަނީ އެސްއާރަށް ތައުރީފުކޮށް ކޮމެންޓުކޮށްފަ އެވެ.

ފާއިތުވި 10 އަހަރު ތެރޭ އެސްއާރުން ވަނީ 11 އަލްބަމަކާއި ތިން ސަތޭކައެއްހާ ރެޕް ލަވަ ނެރެފަ އެވެ. އެ ގްރޫޕުން ބުނި ގޮތުގައި، މިހާތަނަށް އެސްއާރުގެ ލަވަތަކަށް ސައުންޑް ކްލައުޑުން ޖުމްލަ 27.9 މިލިއަން ޕްލޭސް ލިބިފައިވެ އެވެ. ޔޫޓިއުބުން އެސްއާރްގެ ވީޑިއޯތަކަށް ލިބުނު ޖުމްލަ ވިއުސްގެ އަދަދު 13 މިލިއަނަށް ވުރެ ގިނަ އެވެ.

އެސްއާރް ވުޖޫދުވިއިރު ހިޕްހޮޕް ރާއްޖޭގައި އާންމެއް ނޫނެވެ. އެ ގްރޫޕް ރެކޯޑް ލޭބަލެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ނިންމި އެންމެ ބޮޑު އެއް އަމާޒަކީ، ލިރިކަލީ ރެޕް ހުންނަން ޖެހޭ ގޮތް ރަނގަޅަށް ދިރާސާކޮށް އެކަން ކުރަން ފެށުން ކަމަށް އެސްއާރުން ބުނެ އެވެ.

އެސްއާރަށް 10 އަހަރު ފުރުމާ ގުޅިގެން ބައެއް ކަންކަން މި އަހަރު ތެރޭ ކުރިއަށް ގެންދަން ރާވާފައި އެބަހުރި ކަމަށް އެ ގުރޫޕުން ބުންޏެވެ. އޭގެ ތެރޭގައި، އެސްއާރް ސްޓޫޑިއޯ ވިޔަފާރި އުސޫލުން އާންމުންނަށް ދޫކުރަން ފެށުމުގެ އިތުރުން ސްޓީކާ އާއި ޓީޝާޓު ހިމެނޭހެން އެސްއާރްގެ މާޗެންޑައިޒް ލޯންޗުކުރުން ހިމެނެ އެވެ.