Roadha Mihaaru

ފުރާޅެއް: އެސްޓިއަން ރެކޯޑްސް އިން ކިޔައިދެނީ ކުރީގެ ހަނދާންތައް

29 މާޗް 2023

މަގްބޫލުކަން ހޯދަމުން އަންނަ ރެކޯޑް ލޭބަލް "އެސްޓިއަން" ރެކޯޑްސްގެ އެންމެ ފަހުގެ ލަވަ "ފުރާޅެއް" އަހާލުމުން ގެންގޮސް ވައްޓާލަނީ ކުޑައިރުގެ އުފާވެރި ހަނދާންތަކުގެ ތެރެއަށެވެ. ރޯދަޔާ ދިމާކޮށް ރިލީޒްކުރި މި ލަވަ އަހާލަން ފަސޭހަ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މަގްބޫލުކަން ހޯދަމުން އަންނަ ރެކޯޑް ލޭބަލް "އެސްޓިއަން" ރެކޯޑްސްގެ އެންމެ ފަހުގެ ލަވަ "ފުރާޅެއް" އަހާލުމުން ގެންގޮސް ވައްޓާލަނީ ކުޑައިރުގެ އުފާވެރި ހަނދާންތަކުގެ ތެރެއަށެވެ. ރޯދަޔާ ދިމާކޮށް ރިލީޒްކުރި މި ލަވަ އަހާލަން ފަސޭހަ އެވެ.

އެސްޓިއަންގެ މިއުޒިކް ޕްރޮޑިއުސަރު ހުސައިން ޝަހުދާން (ޝަހުވޭން) ހަދާފައިވާ ރާގަކަށް އެ ލަވަ ކިޔާފައި ވަނީ މުހައްމަދު ޖައިލަމް އަބްދުއްސައްތާރް (އޮސްކޯ) އަދި އިސްރާ އިބްރާހިމް (އިޝޫ) އެވެ.

"ފުރާޅެއް" ލަވަ ކިޔާފައިވާ އޮސްކޯ (ކ) އަދި އިޝޫ (ވ)

"ފުރާޅެއް" ލަވަ ކިޔާފައިވާ އޮސްކޯ (ކ) އަދި އިޝޫ (ވ)

އޮސްކޯ ބުނީ، ރޯދައިގެ އެއް ދުވަސް ކުރިން ރިލީޒް ކުރި އެ ލަވަ ޕްރޮމޯޓުކުރުމަށް މާބޮޑު މަސައްކަތެއް ނުކުރާ ކަމަށެވެ.

"ރޯދައާ ދިމާވީމަ ލަވަ ޕްރޮމޯޓުކުރަން އެއްވެސް މަސައްކަތެއް ނުކުރަން. އެހެންވެ، އުންމީދުކުރި ވަރެއް ނުވެޭ އެކަމަކު ޓިކްޓޮކްގައި ފުދޭވަރަކަށް ހިޓް ލިބުނު،" އޮސްކޯ ކިޔައިދިނެވެ.

އޮސްކޯ ބުނީ ލަވަ އަޑުއެހި ގިނަ ބަޔަކަށް އެ މީހުންގެ ކުރީގެ ހަނދާންތައް އާކޮށްދިން ކަމަށް ބުނާތީ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

އޮސްކޯގެ އަމިއްލަ ދިރިއުޅުމުން އިންސްޕަޔާ ވެގެން އޭނާ ލިޔުނު މި ލަވައިގާ ބުނާ "މާ މަތީގައި" އުޅޭ ވާހަކަޔަކީ، އޭރު ދެކެމުން އައި ހުވަފެންތަކުގެ ވާހަކަ އެވެ. މޮޅު އަދި ކާމިޔާބު މީހަކަށް ވާން ކުރި އުންމީދުތަކުގެ ވާހަކަ އެވެ.

ދާދި ފަހުން ވުޖޫދުވި އެސްޓިއަން ރެކޯޑްސްގެ ގިނަ ލަވަތަކެއް މިހާރު ވަނީ ރިލީޒް ކޮށްފަ އެވެ. އޭގެ ތެރެއިން، އެންމެ މަގްބޫލު ލަވަޔަކީ، މިދިޔަ އަހަރު ނެރުުނު "ހަންޖަރު" ލަވަ އެވެ. އޮސްކޯ އާއި މީސަމް ތޯރިފް ވަހީދް (މިއްޓު) އަދި މުހައްމަދު ނިޒާމް ނަސްރުﷲ (ޒޫމް) ކިޔާފައިވާ އެ ލަވަޔަށް، އަޕްލޯޑުކުރި ހުރިހާ ޕްލެޓްފޯމަކުން ޖުމްލަ ބައި މިލިއަނަށް ވުރެ ގިނަ ހިޓު ލިބިފައިވެ އެވެ.

އެސްޓިއަން ރެކޯޑްސްގައި މައިގަނޑުކޮށް އުޅޭ އާޓިސްޓުން

އެސްޓިއަން ރެކޯޑްސްގައި މައިގަނޑުކޮށް އުޅޭ އާޓިސްޓުން

އަމިއްލައަށް ރާގާއި ޅެން ހަދަައިގެން ލަވަ އުފެއްދުމުގެ މަގްސަދުގައި ފެށި އެސްޓިއަން ރެކޯޑްސްގެ ގިނަ ލަވަތަކެއް ކުރިއަށް ވެސް އެބަހުރި ކަމަށް އޮސްކޯ ބުންޏެވެ.

"ރޯދައިގެ ފަހުން އަދި ވަރަށް ގިނަ ލަވަ ނެރޭނަން. އެބައިން ގާތްގަނޑަކަށް ފަންސާހަކަށް ލަވަ އަދި އަލްބަމެއް ވެސް ރިލީޒް ނުކޮށް، ޕެންޑިންގައި،" އޮސްކޯ ބުންޏެވެ.

އެސްޓިއަން ރެކޯޑްސްގެ އުންމީދަކީ އަންނަން އޮތް ޖީލުގައި ރަނގަޅު އާޓިސްޓުން އުފެއްދުން ކަމަށާއި އަދި ގިނަ އާޓިސްޓުންނެއް އިންސްޕަޔާ ކޮށްދިނުމެވެ. އަދި މިކަމަށް ޝައުގުވެރިވާ އާޓިސްޓުންނަށް ކުރިއަށްދާން މަގު ފަހި ކޮށްދޭނެ ކަމަށް އޮސްކޯ ބުންޏެވެ.