Roadha Mihaaru
މަޖިލީހަށް ހާޒިރުނުވާތީ ޖަޕާނުގެ މެންބަރަކު ވަކިކުރަނީ

މަޖިލީހަށް ހާޒިރުނުވާތީ ޖަޕާނުގެ މެންބަރަކު ވަކިކުރަނީ

16 މާޗް 2023

ސެލެބްރިޓީންނާ ގުޅޭ ވާހަކަތައް ގެނެސްދޭ ޖަޕާނުގެ ޔޫޓިއުބައެއް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހޮވުނު ފަހުން، އެއްވެސް ޖަލްސާއަކަށް ހާޒިރުނުވާތީ މެންބަރުންގެ ވޯޓާ އެކު އޭނާ މަގާމުން ދުރުކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ސެލެބްރިޓީންނާ ގުޅޭ ވާހަކަތައް ގެނެސްދޭ ޖަޕާނުގެ ޔޫޓިއުބައެއް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހޮވުނު ފަހުން، އެއްވެސް ޖަލްސާއަކަށް ހާޒިރުނުވާތީ މެންބަރުންގެ ވޯޓާ އެކު އޭނާ މަގާމުން ދުރުކޮށްފި އެވެ.

ޔޮޝިކަޒު ހިގަޝިތާނި ނުވަތަ ޔޫޓިއުބް ނަމުން ނަމަ "ގޭސީ" އަކީ ޖަޕާނުގެ ތާރީހުގައި ވެސް މަޖިލީހަށް ހާޒިރުނުވެގެން މަގާމުން ދުރުކުރި ފުރަތަމަ މެންބަރެވެ.

ޔޮޝިކަޒު ހިގަޝިތާނި: ޖަޕާނުގެ މަގްބޫލު ޔޫޓިއުބަރު "ގޭސީ"

ޔޮޝިކަޒު ހިގަޝިތާނި: ޖަޕާނުގެ މަގްބޫލު ޔޫޓިއުބަރު "ގޭސީ"

ބީބީސީން ބުނި ގޮތުގައި، މިދިޔަ އަހަރުގެ ޖުލައި މަހު އޭނާ އެ މަޖިލީހަށް އިންތިހާބުވި ހިސާބުން ފެށިގެން މިހާތަނަކަށް އެންމެ ޖަލްސާއެއްގައި ވެސް ބައިވެރިއެއް ނުވެ އެވެ. އެހެންވެ، މަޖިލީހުގެ ސުލޫކީ ކޮމިޓީން ނިންމީ އޭނާ ވަކިކުރާށެވެ.

"އެކްސްޕަލްޝަން" ނުވަތަ ހައިސިއްޔަތު ގެއްލުވާލުމަށް ފަހު ތަޅުމުން ބޭރުކުރުމަކީ ގާނޫނު ހަދާމީހަކަށް ލިބޭނެ އެންމެ ބޮޑު އަދަބެވެ. މިހާތަނަށް، 1950 ވަނަ އަހަރުން ފެށިގެން ޖަޕާނުން އެފަދަ ގޮތަކަށް ބޭރުކުރީ ދެ މީހުންނެވެ. އަދި ޖަލްސާއަށް ހާޒިރުނުވެގެން މެންބަރަކު ބޭރުކޮށްލި މިއީ ފުރަތަމަ ފަހަރެވެ.

ޔޮޝިކަޒޫ ހިގަޝިތާނި

ޔޮޝިކަޒޫ ހިގަޝިތާނި

މަޖިލީހުން އެ ނިންމުން ރަސްމީކޮށް އިއުލާނު ކުރަން ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ތެރޭގަ އެވެ.

ވަނަމަކަށް، "ނޯ ޝޯ އެމްޕީ" ގެ ނަން ކިޔާ ހިގަޝިތާނީ މިވަގުތު ދިރިއުޅެނީ ޔޫއޭއީގައި ކަމަށް ބީބީސީން ބުނެ އެވެ.

އޭނާ މިހާތަނަށް މަޖިލީހަށް ހާޒިރުވުމަށް ދެކޮޅު ހަދާފައިވަނީ މަކަރާއި ހީލަތުގެ ތުހުމަތުތަކާއި، މަޝްހޫރު ފަރާތްތަކުގެ އަބުރުގެ ދައުވާތަކާ ގުޅިގެން ހައްޔަރުކޮށްފާނެ ކަމުގެ ބިރު އޮތުމުން ކަމަށް ޖަޕާނުގެ މީޑިއާތަކުން ބުނެ އެވެ.

އެންމެ ފަހު ފުރުސަތެއްގެ ގޮތުން އެ ގައުމުގެ މަޖިލީހުން އޭނާ އަށް ވަނީ މިދިޔަ ހަފްތާގައި ހާޒިރުވެ އާންމުކޮށް މާފަށް އެދެން އަންގާފަ އެވެ. ނަމަވެސް، އޭނާ ހާޒިރެއް ނުވެ އެވެ.

އޭގެ ބަދަލުގައި އޭނާގެ ޔޫޓިއުބް ޗެނަލްގައި ވަނީ ތުރުކީއަށް ދާކަން އިއުލާން ކޮށް، މުސާރަ ތުރުކީގެ ބިންހެލުމުގައި އެހީތެރިވުމަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.