Roadha Mihaaru
ރަމީޒާ ދެކޮޅަށް ހެކިބަސް ދެއްވަން ޝިޔާމާއި ޝުޖާއު

ރަމީޒާ ދެކޮޅަށް ހެކިބަސް ދެއްވަން ޝިޔާމާއި ޝުޖާއު

18 އެޕްރީލް 2023

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދީފައި ވަނިކޮށް، އެ މަނިކުފާނުގެ ކެންޑިޑެސީ އަށް ހުރަސް އެޅޭ ގޮތަށް މާލެ ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒު މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެ އެ މައްސަލާގައި ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން ސުލޫކީ ކޮމިޓީ އަށް ހެކި ބަސް ދެއްވުމަށް ނިންމައވައިފި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދީފައި ވަނިކޮށް، އެ މަނިކުފާނުގެ ކެންޑިޑެސީ އަށް ހުރަސް އެޅޭ ގޮތަށް މާލެ ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒު މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެ އެ މައްސަލާގައި ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން ސުލޫކީ ކޮމިޓީ އަށް ހެކި ބަސް ދެއްވުމަށް ނިންމައވައިފި އެވެ.

އެނގިފައިވާ ގޮތުގައި ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް އަދި ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝުޖާއު މިރޭ 9:30 އަށް ސުލޫކީ ކޮމިޓީ އަށް ހާޒިރު ކުރަން ވަނީ ނިންމައިފަ އެވެ.

ސުލޫކީ ކޮމިޓީ އަށް ރަމީޒް މިއަދު މެންދުރު ހާޒިރުކޮށް ވަނީ ބަޔާން ނަގައިފަ އެވެ. ޔާމީނާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމާ ވެސް ގާތް ގުޅުމެއް އޮންނަ ރަމީޒު ވަނީ ޔާމީނާ ދެކޮޅަށް މަސައްކަތް ނުކުރައްވާ ކަން ދެއްކުމަށްޓަކައި ހެކި ހުށަހަޅުއްވާފައި ކަމަށް ވެ އެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ބައެއް ސެނެޓަރުން ހިމެނެ އެވެ.

ރަމީޒާ މައިގަނޑު ގޮތެއްގައި ކުރި ސުވާލަކީ ޔާމީންގެ ކެންޑިޑެސީ އަށް އަސަރު ކުރާ ގޮތަށް ޕީޕީއެމްގެ ސެނެޓަރުންނާއި އެހެން ތަންތަނުގައި ވާހަކަ ދައްކަވާތޯ އެވެ. އެކަމަކު، ރަމީޒް އެ ތުހުމަތުތަކަށް ސުލޫކީ ކޮމިޓީގައި އިންކާރު ކުރެއްވި ކަމަށް ވެ އެވެ.

އެނގިފައިވާ ގޮތުގައި، ރަމީޒްގެ މައްސަލާގައި ސުލޫކީ ކޮމިޓީން މާދަމާ ގޮތެއް ނިންމާނެ އެވެ.

ރަމީޒްގެ މައްސަލަ ސުލޫކީ ކޮމިޓީ އަށް ފޮނުވީ ޖަލަށް ލާފައިވާ ޔާމީންގެ ފަރާތްޕުޅުން ފޮނުވި ނޯޓަކާ ގުޅިގެން ކަމަށް ވަނީ އަޑު އަރައިފަ އެވެ. އެ ނޯޓުގައި ޔާމީން ފާހަގަކުރެއްވީ އެ މަނިކުފާނުގެ ކެންޑިޑެސީ އަށް ހުރަސް އެޅޭ ގޮތަށް ރަމީޒް އެކި މީސްމީހުންނާ ވާހަކަ ދައްކަވައި މަސައްކަތް ކުރައްވާ ކަމަށެވެ. އެހެންވެ، ޔާމީން ޕީޕީއެމަށް ނޯޓެއް ފޮނުއްވައި އޭގައި އެދިވަޑައިގަތީ ރަމީޒުގެ މައްސަލަ ސުލޫކީ ކޮމިޓީން ބަލައިދިނުމަށެވެ.

އެއާ އެކު، ރަމީޒުގެ މައްސަލަ ސުލޫކީ ކޮމިޓީ އަށް ފޮނުވީ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުންނެވެ.

ރަމީޒާ ދެކޮޅަށް ހެކިބަސް ދޭން އެ ކޮމިޓީ އަށް ވަޑައިގަންނަވާ ޝިޔާމާއި ޝުޖާއު އަކީ ވެސް ޕީޕީއެމް ކޯލިޝަންގެ ލީޑަޝިޕްގައި ނަގައި ކިޔާ ބޭފުޅުންގެ ތެރެއިން އެންމެ ހަރަކާތްތެރި ދެ ބޭފުޅުންނެވެ.

ރަމީޒަށް "މިހާރު" އިން ގުޅި ނަމަވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. އެހެންވެ، މިހާތަނަށް އޭނާގެ ބަހެއް އެ މައްސަލާގައި ނުލިބެ އެވެ.

ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާއިރު، މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ވާދަކުރެވިދާނެ ކަމާ މެދު ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ހިމެނެ އެވެ. އެކަމަކު، ޕީޕީއެމްގެ ލީޑަޝިޕުން ބުނަނީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޔާމީން ވާދަކުރައްވާނެ ކަމަށާއި ޝަރުއީ ނިޒާމުގެ ތެރެއިން އެ މަނިކުފާނަށް އެ ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އާރަށުގެ މައްސަލާގައި މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމާއެކު، ރައީސް ކަމަށް ކުރިމަތިލުމުގެ ޝަރުތު އެ މަނިކުފާނުގެ ކިބައިން މި ވަގުތަށް ވަނީ އުނިވެފަ އެވެ. އެކަމަކު، އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި އޮތުމުން އެ ކޯޓުން ނިމޭ ގޮތެއްގެ މަތިން ފުރުސަތު ލިބިވަޑައިގަންނަވާނެ އެވެ. ނަމަވެސް އިސްތިއުނާފުގެ މުއްދަތު ދިގުވެ، އިންތިހާބަށް އިއުލާން ކުރާ ހިސާބަށް މައްސަލަ ނުނިމިއްޖެ ނަމަ ބިރު ބޮޑު ކަމަށް ޕީޕީއެމްގެ އިސްބޭފުޅުން ވެސް ވިދާޅުވެ އެވެ.