Roadha Mihaaru
ޝިޔާމާއި ޝުޖާއު ހެކިބަސް ދޭކަށް ނެތް: ޕީޕީއެމް

ޝިޔާމާއި ޝުޖާއު އެއްވެސް ކޮމިޓީއަކަށް ހެކިބަސް ދޭކަށް ނެތް: ޕީޕީއެމް

18 އެޕްރީލް 2023

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދީފައި ވަނިކޮށް، އެ މަނިކުފާނުގެ ކެންޑިޑެސީ އަށް ހުރަސް އެޅޭ ގޮތަށް މާލެ ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒު މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެ އެ މައްސަލާގައި ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން ސުލޫކީ ކޮމިޓީ އަށް ހެކި ބަސް ދެއްވުމަށް ނިންމަވާފައި ނުވާ ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދީފައި ވަނިކޮށް، އެ މަނިކުފާނުގެ ކެންޑިޑެސީ އަށް ހުރަސް އެޅޭ ގޮތަށް މާލެ ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒު މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެ އެ މައްސަލާގައި ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން ސުލޫކީ ކޮމިޓީ އަށް ހެކި ބަސް ދެއްވުމަށް ނިންމަވާފައި ނުވާ ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް އަދި ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝުޖާއު މިރޭ 9:30 އަށް ސުލޫކީ ކޮމިޓީ އަށް ހާޒިރު ކުރަން އެންގި ކަމަށް އަޑު ފެތުރުމުން މީޑިއާ އިން އެ ވާހަކަ ރިޕޯޓް ކުރުމާއެކު، ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު އެކަން ދޮގުކުރެއްވި އެވެ.

"ވީޕީ ޝިޔާމް އަދި ވީޕީ ޝުޖާއު އެއްވެސް ކޮމިޓީއަކަށް ހެކިބަސް ދޭކަށް ނެތް،" މީޑިއާތަކާ ހިއްސާ ކުރެއްވި މެސެޖެއްގައި ހީނާ ވިދާޅުވި އެވެ.

ނަމަވެސް ސުލޫކީ ކޮމިޓީ އަށް މިއަދު މެންދުރު 2:00 ގައި ރަމީޒު ހާޒިރުކޮށް، އޭނާގެ ހެކިބަސް ނެގުމަށް ފަހު އެންގި ކަމަށް ވަނީ މިރޭ 9:30 އަށް ޝިޔާމާއި ޝުޖާއު އެ ކޮމިޓީ އަށް ހާޒިރުކުރާނެ ކަމަށެވެ. ބޭނުމަކީ ރަމީޒާ ދެކޮޅަށް ހެކިބަސް ދިނުން ކަމަށް މައުލޫމާތު އެނގިވަޑައިގަންނަވާ އިސް ބޭފުޅަކު ވިދާޅުވި އެވެ. އެކަމަކު، ފަހުން ޕީޕީއެމުން އެކަން ދޮގުކުރީ އެވެ.

ޔާމީނާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމާ ވެސް ގާތް ގުޅުމެއް އޮންނަ ރަމީޒު ވަނީ ޔާމީނާ ދެކޮޅަށް މަސައްކަތް ނުކުރައްވާ ކަން ދެއްކުމަށްޓަކައި ސުލޫކީ ކޮމިޓީ އަށް މިއަދު ހެކި ހުށަހަޅުއްވާފައި ކަމަށް ވެ އެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ބައެއް ސެނެޓަރުން ހިމެނެ އެވެ.

ރަމީޒާ މައިގަނޑު ގޮތެއްގައި ކުރި ސުވާލަކީ ޔާމީންގެ ކެންޑިޑެސީ އަށް އަސަރު ކުރާ ގޮތަށް ޕީޕީއެމްގެ ސެނެޓަރުންނާއި އެހެން ތަންތަނުގައި ވާހަކަ ދައްކަވާތޯ އެވެ. އެކަމަކު، ރަމީޒް އެ ތުހުމަތުތަކަށް ސުލޫކީ ކޮމިޓީގައި އިންކާރު ކުރެއްވި ކަމަށް ވެ އެވެ.

ރަމީޒުގެ މައްސަލަ ސުލޫކީ ކޮމިޓީ އަށް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން އިސްވެ ފޮނުވީ ސީދާ ޔާމީންގެ އެންގެވުމަކަށް ކަމަށް ވެ އެވެ. އެއީ ޔާމީންގެ ކެންޑިޑެސީ އަށް ހުރަސް އެޅޭ ގޮތަށް ރަމީޒް އެކި މީސްމީހުންނާ ވާހަކަ ދައްކަވައި މަސައްކަތް ކުރައްވާ ކަމުގެ ޝަކުވާއެއް، ޖަލަށް ލާފައިވާ ޔާމީނާ ހަމައަށް ބަޔަކު ގެންގޮސް ދިނުމުން މައުލޫމާތު އެނގޭ މީހަކު ބުންޏެވެ. އެހެންވެ، ޔާމީން ޕީޕީއެމަށް ނޯޓެއް ފޮނުއްވައި އޭގައި އެދިވަޑައިގަތީ ރަމީޒުގެ މައްސަލަ ސުލޫކީ ކޮމިޓީން ބަލައިދިނުމަށެވެ.