Roadha Mihaaru
ޖަރުމަން ސަޕޯޓަރުން އިޓަލީގައި ހަމަނުޖެހުން ހިންގައިފި

ފްރެންކްފަޓުގެ ހައްދުފަހަނައެޅި ސަޕޯޓަރުން ނޭޕްލްސްގެ ސިޓީ ސެންޓަރު ފުނޑުފުނޑުކޮށްލައިފި

16 މާޗް 2023

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ ނަޕޯލީ އާއި ޖަރުމަނުގެ އެއިންޓްރެކްޓް ފްރެންކްފަޓް ކުޅުނު މެޗާ ދިމާކޮށް ނޭޕްލްސް އަށް ދިޔަ ފްރެންކްފަޓްގެ ހައްދުފަހަނައެޅި ސަޕޯޓަރުންގެ ގްރޫޕަކުން ސިޓީ ސެންޓަރުގައި ހަމަނުޖެހުން އުފައްދައި ފުލުހުންނާއި ތަކެއްޗަށް ގެއްލުންދީފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ ނަޕޯލީ އާއި ޖަރުމަނުގެ އެއިންޓްރެކްޓް ފްރެންކްފަޓް ކުޅުނު މެޗާ ދިމާކޮށް ނޭޕްލްސް އަށް ދިޔަ ފްރެންކްފަޓްގެ ހައްދުފަހަނައެޅި ސަޕޯޓަރުންގެ ގްރޫޕަކުން ސިޓީ ސެންޓަރުގައި ހަމަނުޖެހުން އުފައްދައި ފުލުހުންނާއި ތަކެއްޗަށް ގެއްލުންދީފި އެވެ.

އެކަމަކު މި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް ހާނިއްކައެއްވީ ކަމުގެ ރިޕޯޓެއް ނެތެވެ.

ޖަރުމަނުގައި ކުޅުނު ފުރަތަމަ ލެގުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، އިޓަލީގެ ހޯމް މިނިސްޓްރީން އޮތީ، ރޭ ނަޕޯލީ 3-0 އިން މޮޅުވެ ކުއާޓާ ފައިނަލަށް ދަތުރުކުރި މެޗާ ދިމާކޮށް ޖަރުމަނުގެ ރައްޔިތުންނަށް އެ ސިޓީ އަށް ނޭރޭ ގޮތަށް ނިންމައިފަ އެވެ.

މިނިސްޓްރީން ފަހުން އެ ނިންމުން ބަދަލުކުރި ނަމަވެސް، ނޭޕްލްސްގެ ސިޓީ ކައުންސިލުން ނިންމާފައި އޮތީ ފްރެންކްފަޓުގެ ސަޕޯޓަރުންނަށް ޑިއެގޯ މަރަޑޯނާ ސްޓޭޑިއަމުން ޓިކެޓް ނުވިއްކާ ގޮތަށެވެ. އެހެންވެ ފްރެންކްފަޓުން، އެ ޓީމަށް ހާއްސަކޮށްފައި ހުރި ޓިކެޓުތައް ދޫކޮށްލީ އެވެ.

އެކަމާ ހިތްހަމަނުޖެހިގެން، ފްރެންކްފަޓުގެ އަލްޓްރަސް ސަޕޯޓަރުން ގްރޫޕުން އިއްޔެ މެންދުރުފަހު ނޭޕްލްސް އަށް ގޮސް، މަސައްކަތްކުރީ ސްޓޭޑިއަމާ ދިމާލަށް ދާށެވެ. ހަމަނުޖެހުމެއް ހިނގާފާނެ ކަމުގެ ބިރަށް، ފުލުހުން ދިޔައީ އެ ގްރޫޕް ވަށައިގެން ސެކިއުރިޓީ ބަލަހައްޓަމުންނެވެ. އެކަމަކު ފުލުހުންގެ ލައިން ފޫއަޅުވާލައި ސަޕޯޓަރުން، ސިޓީ ސެންޓަރުގައި ބޮޑު ހަމަނުޖެހުމެއް ހިންގީ އެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި އެ ގްރޫޕުން ވަނީ ފުލުހުންނާ ދިމާލަށް ފަޓާހާއި ސްމޯކް ބޮން އުކައިފަ އެވެ. އަދި ޕޮލިސް ކާރެއްގައި ހުޅުޖަހައި، ގޮނޑިތަކާއި ދަގަނޑު ހޮޅިތައް ވެސް ފުލުހުންނާ ދިމާލަށް އުކި އެވެ. ފުލުހުން އެ ގްރޫޕް ކޮންޓްރޯލްކުރީ ކަރުނަ ގޭސް ޖަހައިގެންނެވެ.

ފަހުން ބޮޑެތި ބަސްތަކުގައި ސަޕޯޓަރުން އެ ސަރަހައްދުން ގެންދިޔަ އެވެ. ނަމަވެސް މެޗު ކުޅެމުން ދިޔައިއިރު ދަނޑު ބޭރާއި އެތެރޭގައި ހަމަނުޖެހުމެއް ނުހިނގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފްރެންކްފަޓުގެ ސަޕޯޓަރުންނާ އެކު، މި ހަމަނުޖެހުމުގައި އިޓަލީގެ އެޓަލާންޓާގެ ހައްދުފަހަނައެޅި ސަޕޯޓަރުންގެ ގްރޫޕުން ވެސް ބައިވެރިވި އެވެ.

ޔޫރަޕުގެ ގިނަ ގައުމުތަކުގައި، ހާއްސަކޮށް ޖަރުމަނާއި އިޓަލީގެ ކްލަބްތަކުގައި، ހައްދުފަހަނައެޅި ސަޕޯޓަރުންގެ ގްރޫޕްތަކެއް އޮވެ އެވެ. އެ ގްރޫޕުގައި ގިނަ އަދަދަކަށް ކުށްވެރިން އުޅޭތީ، ދަނޑާއި، ދަނޑު ބޭރުގައި އާއްމުކޮށް ހަމަނުޖެހުން ހިނގަ އެވެ.

ފަހަކަށް އައިސް ފްރެންކްފަޓުގެ އެ ގްރޫޕުގެ މައްސަލަތައް ބޮޑުވެ ޔުއެފާގެ ރާޑަރަށް ވަނީ އަރައިފަ އެވެ. އެގޮތުން ޗެމްޕިއަންސް ލީގުގައި މިދިޔަ އަހަރު ފްރާންސްގެ އޮލިމްޕިކް މާސޭއާ ދެކޮޅަށް ކުޅުނު މެޗެއްގައި ވެސް ހަމަނުޖެހުން ހިންގި އެވެ. އަދި މިދިޔަ ސީޒަނުގެ ޔުރޮޕާ ލީގުގެ ފައިނަލަށް އެ ޓީމަށް ދިއުމުން ސަޕޯޓަރުން ދަނޑަށް އެރި އެވެ. ބެލެވޭ ގޮތުގައި ޔުއެފާ އިން އެ ކްލަބަށް ބޮޑު އަދަބެއް ދޭނެ އެވެ.

އެކަމަކު އެ ކްލަބުގެ ބޯޑު މެމްބަރު ފިލިޕް ރެޝްކޭ ވިދާޅުވީ ހަމަނުޖެހުން ހިނގަން މެދުވެރިވީ ފުލުހުންގެ ކަފުގައި، އެ ޓީމުގެ ސަޕޯޓަރުން މަގުމަތީގައި ހިނގާލުމެއް ބާއްވަމުން ދަނިކޮށް އިޓަލީ އަށް ނިސްބަތްވާ ގްރޫޕަކުން އެ މީހުންނަށް ހަމަލާ ދިނުމުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަމަނުޖެހުން ހިނގުމުން ކަންބޮޑުވާ ކަމަށާއި އެކަމަކު އެއްވެސް މީހަކަށް އަނިޔާނުވެ، ހަމަނުޖެހުން ކޮންޓްރޯލްކުރެވުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ. ޖަރުމަނުގެ ހޯމް މިނިސްޓަރު ނެންސީ ފައެސާ ވަނީ، ހަމަނުޖެހުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފަ އެވެ.