މި ރަށުގެ ތާރީޚުގެ ތެރެއިން ޝައުގުވެރިވި ވާހަކައެކެވެ; ހަންޏާމީދުއަށް ނާރައި އަލިހުރަސްކަނޑު ގިރާކޮށް ދަތުރެއް ނުކުރެވޭނެ އެވެ. އެއީ ހަމަ ހިނގި ކަމެއްތޯ އަހައި ނުނިމެނީސް، އެގޮތަށް މިރަށަށް އަރަން ޖެހުނު އެތައް ބައެއްގެ ވާހަކަ، އުމުރުން 80 އަހަރުގެ އަންހެންމީހާ ފެށި އެވެ.
16 އެޕްރީލް 2023
މި ރަށުގެ ތާރީޚުގެ ތެރެއިން ޝައުގުވެރިވި ވާހަކައެކެވެ; ހަންޏާމީދުއަށް ނާރައި އަލިހުރަސްކަނޑު ގިރާކޮށް ދަތުރެއް ނުކުރެވޭނެ އެވެ. އެއީ ހަމަ ހިނގި ކަމެއްތޯ އަހައި ނުނިމެނީސް، އެގޮތަށް މިރަށަށް އަރަން ޖެހުނު އެތައް ބައެއްގެ ވާހަކަ، އުމުރުން 80 އަހަރުގެ އަންހެންމީހާ ފެށި އެވެ.
"މި ރަށް ކުރިމަތިން ހުރަސްކޮށްފައި ހަމަ ނުދެވެނީ. އެ މީހުންނަށް ކޮންމެވެސް ގޮތެއް މެދުވެރިވެގެން މި ރަށަށް ލަފަން ޖެހެނީ."
ގާތުގައި އިން އެހެން މީހަކު އޭނާގެ ވާހަކައަށް ބާރުދިނެވެ.
"އަހަރެމެން އަދި މީ މާ ހަގު މީހުން، ހަނދާންހުރޭ. ރަށަށް އަރައި ޒިޔާރަތުގައި ދުންދަނޑި ޖަހައި ސޮލޮވާތް ކިޔާވާފައި ނޫނީ ލާހިކެއް ނޫން [އަލިހުރަސްކަނޑު] ގިރާކުރަން. ކިތަންމެ ބަޔަކު އަރަން ޖެހުނު,"
ހަންޏާމީދޫ އަތިރިމަތި. -- ފޮޓޯ: މިހާރު
އެކަނި ދަތުރުކުރި މީހުންނާއި ބައިބަޔަށް އެ ޒަމާނުގައި މި ރަށަށް މީހުން އެރިކަން ފިޔަވައި އަލިހުރަސްކަނޑު ގިރާކުރުމާއި މި ރަށަށް އަރަންޖެހުމާ ހުރި ގުޅުމެއް ކިޔައިދޭކަށް ނޭނގެ އެވެ. އެ މީހުން ބުނާ ގޮތުން އެއީ ކޮންމެހެން އެ ސަރަހައްދުގެ ކަނޑު ގަދަވެގެން ވާ ކަމެއް ނޫނެވެ. އޮންނަނީ، ރަށަށް އަރައި ޒިޔާރަތަށް ނަދުރު ބުނެފައި ނޫނީ ދަތުރު ނުކުރެވެނީ ކަމަށް ބުނާ ޔޯލަ ވާހަކައެކެވެ.
އަތިރިމަތީގެ އެކި މައިޒާންތަކުން ދިމާވި، އެ ހާދިސާ ކިޔައިދިން މީހުންގެ ތެރޭގައި ވެސް ސަބަބު އެނގޭ މީހަކު ނެތެވެ.
އެ ދުވަސްވަރު ދަތުރުފަތުރުގެ ކަންކަން ހުންނަ ގޮތަށް ބަލާއިރު އަލިހުރަސްކަނޑު ހުރަސްކޮށް އާންމުކޮށް ދަތުރުކުރަންޖެހޭ ގޮތުން އެ ދިގު ދަތުރުގައި އަރާމުކޮށްލަން ނުވަތަ އެހެން މުހުތާދެއްގައި ވެސް އެންމެ އަވަހަށް އެރޭނެ މީހުން އުޅޭ ރަށަކީ ހަންޏާމީދޫއޭ ބުންޏަސް އެއީ ގަބޫލުކުރެވޭނެ ވާހަކައެކެވެ. އެކަމަކު އެހެން ބުނި މީހަކާ ވެސް ދިމައެއް ނުވި އެވެ.
މި ރަށުގެ ޒިޔާރަތަކީ ނަދުރު ބުނުމަށް އަތޮޅަށް މަޝްހޫރު ތަނެކެވެ. ކަނދި ދުވަސް ފަދަ އޭރު ފާހަގަކުރާ ޚާއްސަ ދުވަސްތަކުގައި ނަދުރު ފުއްދަން އަތޮޅުގެ ކައިރި ރަށްތަކުން ބޮޑެތި ކެޔޮގަނޑުތަކާ އެކު މީހުން އާދެ އެވެ.
މި ފާޑުގެ ނަދުރުބުނެ އުޅުމަކީ ބިދުއެއް ކަމަށް ވާތީ އެކަން އެގޮތަށް ނުކުރަން މީގެ 15 ވަރަކަށް އަހަރުކުރިން ސަރުކާރުން އެންގި ފަހުން ކުރީގެ އެފަދަ އާދަކާދަތައް މި ރަށުގައި ވެސް ވަޅުޖެހުނީ އެވެ. ނޫން ނަމަ ކޮންމެ ހުކުރު ހޯމަ ވިލޭރެޔަކު ޒިޔާރަތްދޮށަށް ކޭމެއް ނުގެންގޮސް ފަރުނުޖެހެ އެވެ. އެއީ ރައްޔިތު އެންމެންގެ ބައިވެރިވުމާ އެކު ނެރޭ ބޮޑު ކޭމެވެ.
"އެކަން އޭރުގެ ސަރުކާރުން ހުއްޓުވީ ބިދުއަކަށް ވެގެން."
ކުރީ ޒަމާނުގައި އަތޮޅުން މީހުން އައިސް ނަދުރުބުނެ އުޅުނު ޒިޔާރަތް. މިތަން ނިސްބަތްވަނީ ކަލާފާނު ރަސްގެފާނަށް.
އެ ހަނދާންތަކަކީ މި ރަށުގެ ދިރުމެވެ. "ދަރިފުޅު މެންނޭ މިވެނި ދުވަހެއް އަންނަނީ" ކަމަށް ބުނެ ދުރާލައި ތައްޔާރުވުމާއި އެންމެން އެއްވެ ކަނދި ކޭމުގައި ބައިވެރިވުމަކީ މި ރަށުގެ ސަގާފަތެވެ. ހުރިހާ ގެއެއްގައި ކެއްކިއަސް އެއް ގެއިން އަނެއް ގެއަށް ކެއުން ފޮނުވާނެ އެވެ.
އިރުއޮއްސުމަށް ފަހު ރަށުތެރެ ގުގުމާނީ ގޭގޭގައި އަޑު ހަރުކޮށް ކިޔަވަން ފަށާ ޔާސީން ސޫރަތުގެ އަޑުންނެވެ. ނުކިޔަވާ ބޭރަށް ނުކުތުން އެއީ ކޮންމެ ގެއެއްގައި ވެސް މަނާ ކަމެކެވެ.
"އޭރު ފަހެއް ޖަހާއިރު ކުޑަކުދިން ގެއަށް ވައްދާނެ. ނުކެރޭނެ މަގުމަތިން ކުއްޖަކު ދައްކާކަށް. ވަރަށް އަމާން ވެސް އަމާން ރަށެއް މިއީ."
ޒިޔާރަތުގެ ތެރޭގައި ހުރި ވަޅެއް. ޒިޔާރަތްތަކަށް ނަދުރުބުނުން ހުއްޓުވި ފަހުން މިތަނުގެ ވަށައިގެން ދިދަ ދަމައި ޒީނަތްތެރިކުރުން ވަނީ ހުއްޓާލާފައި.
ދިރިއުޅުމަށް ހެޔޮ މަގަށް ގެންދަން ބާރުއެޅުވި ކަމަށް މި ރަށު މީހުން ގަބޫލުކުރި މި އާދަތައް ބީވެ ދިއުމަކީ މި ރަށުގެ ދުވަސްވީ މީހުންގެ ހިތުގައި އޮތް ނުތަނަވަސްކަމެކެވެ. ބިދުއަކަށްވާ ކަންކަން ނުކުރިއަސް އޭރުގެ ބަދަހި ގުޅުން އަލުން ދިރުވޭނެ ގޮތެއް ހުރިހާ ރަށެއްގައި ވެސް އޮންނާން ޖެހޭ ކަމަށް ގަބޫލުކުރެ އެވެ. ތިޔާގިކަމާއި ކުރިއެރުމުން ބަލިކަށިވީ ބަދަހި ގުޅުންތައް ކަމަށް އެ މީހުން ދެކެ އެވެ.
މި ރަށުގައި ނަދުރުބުނެ އުޅުނީ އައްސުލްތާން އިބްރާހީމް (ތިންވަނަ) ނުވަތަ ކަލާފާނު ރަސްގެފާނަށް ނިސްބަތްކޮށް ހެދި ޒިޔާރަތަށެވެ. ރާއްޖެއަށް މަޝްހޫރި މި ޒިޔާރަތް ކުރިން ހުންނަނީ ހިމާޔަތުގައި ފާރު ރާނައި ވަށައި ދިދަ ދަމައިފަ އެވެ.
ކަލާފާނުގެ ރަސްކަމުގައި ރާއްޖެ އައި ހޮޅިންގެ ބަޔަކާ ދެކޮޅަށް ހަނގުރާމައަށް ނުކުންނަވައިގެން އުޅުއްވަނިކޮށް ހަމަލާތަކެއްގައި ކަނޑުމަތިން ޝަހީދުވީ އެވެ. އަރިހުގައި ހުންނެވި ޖަމާލު ކަލޯ އާއި ދެ މީހުން ލައްވީ ހަންޏާމީދު އަށެވެ.
ޒިޔާރަތުގެ މައުލޫމާތު ހިމެނޭ ބައި: މަރާމާތުނުކުރާތީ މިތަނުން ފެންނަނީ ވީރާނާކަން.
މިސްކިތްދޮށުގައި ފަސްދާނުލައި ހެދި ޒިޔާރަތުން މިހާރު ފެންނަނީ ވީރާނާ ކަމެވެ. ކުރިއެކޭ އެއްގޮތަށް ވަށައި ދިދައެއް ނުދަމަ އެވެ. އެ ޒިޔާރަތުގެ ތާރީހު އޮޅުންފިލުވައިދޭ މައުލޫމާތުތައް ހިމެނޭ ބައި ވެސް އޮތީ ގުދަނަކަށް ވެފަ އެވެ.
އެކަމަކު މިއީ އެއް ޒަމާނެއްގައި މި ރަށުގެ އެންމެ މުގައްދަސް އެއް ތަނުގެ ގޮތުގައި ރައްޔިތުން ގަބޫލުކުރި ބިނާއެކެވެ. އޭރުގެ އާދަތައް މިހާރު ނެތަސް އެތަން ނެތިވެ, ވީރާނާވާކަށް ނޭދެ އެވެ.
ހަންޏާމީދުއަށް ނާރައި އަލިހުރަސްކަނޑު ގިރާ ނުކުރެވޭނެ ކަމަށް ބުނާ ބުނުމާއި މި ބިނާ އާއި ނަދުރުތަކާ ގުޅުމެއް ނެތްކަން ގަބޫލުކުރަން ވެސް އެ މީހުން ދެކޮޅެވެ. އެއީ އެ ޒަމާނުގައި އެކަން ހިނގި ގޮތް ކަމަށް ގަބޫލުކުރެ އެވެ. އެ މީހުންނަށް ސަބަބެއް ނޭނގެ އެވެ.
ސްކޫލް ނިންމާފައި މަހަށް، މިހާރު އެހެން ދިމާއަކަށް!
މި ރީތި ބިނާގެ ފަންނުވެރި ޖީލުގެ ހިލަމެއް ނެތް!
ރާއްޖެ އަތުނުވެދާނެ ކަމުގެ ބިރުގައި އަށް ގަޑިއިރު
ނިލަންދޫ ރިހާކުރު ފެކްޓަރީ: ފައިސާ އުފައްދާ މެޝިނެއް!
މަންދޫ މީހުން ބަންދުން ވީއްލިގޮތް "ކަމަކުނުދޭ"!
އަޖައިބެއް ފަދަ ރީތި ތުނޑި: މި ރަށުގެ ނަސީބު
ބަނދަރާ އެކު މި ރަށުން އެހެން މަންޒަރެއް
މަހިބަދޫގެ ފަޚުރު ދަމަހައްޓާނެ ޒުވާން ޖީލެއް
ބިލެއްދޫގެ ބިލެތްގަނޑު: ވަރަށް ނުރައްކާތެރި އިންޒާރެއް
މި ރީތިކަމާއި ފުރިހަމަ ކަމުގެ ތެރެއަށް ގެއްލިފައި