Roadha Mihaaru

ރާއްޖެ އަތުނުވެދާނެ ކަމުގެ ބިރުގައި ކެޔޮޅުގެ އަށް ގަޑިއިރު

14 އެޕްރީލް 2023

ފަޅުވެރިން އެއްފަހަރާ އިނގިލި ދިއްކުރީ މަސައްކަތުގައި އަވަދިނެތި ކޮޅުކޮޅަށް ދުވެދުވެ އުޅުނު ޒުވާން ހުސެއިން މާޖިދަށެވެ. ބަސްވިކޭ މުރާލި, ހިތްވަރުގަދަ, އިތުބާރު އޮތް ކެޔޮޅެއް ކަމަށް ބުނެދޭން އެ ތައާރަފް ފުދެ އެވެ. ކަންނެލި މަސްވެރިކަމުގައި ފަހަތަށް ނުޖެއްސޭނެ ގަދަ ކެޔޮޅުން ތިބި މި ރަށުގައި އޭނާއަކީ ނަގާ ކިޔާ އެކަކެވެ.

ފަޒީނާ އަހުމަދު އދ. މަހިބަދޫން ފަޒީނާ އަހުމަދު

ފަޅުވެރިން އެއްފަހަރާ އިނގިލި ދިއްކުރީ މަސައްކަތުގައި އަވަދިނެތި ކޮޅުކޮޅަށް ދުވެދުވެ އުޅުނު ޒުވާން ހުސެއިން މާޖިދަށެވެ. ބަސްވިކޭ މުރާލި, ހިތްވަރުގަދަ, އިތުބާރު އޮތް ކެޔޮޅެއް ކަމަށް ބުނެދޭން އެ ތައާރަފް ފުދެ އެވެ. ކަންނެލި މަސްވެރިކަމުގައި ފަހަތަށް ނުޖެއްސޭނެ ގަދަ ކެޔޮޅުން ތިބި މި ރަށުގައި އޭނާއަކީ ނަގާ ކިޔާ އެކަކެވެ.

ބައްޕަ, އޭނާގެ އަތަށް ދޫކޮށްލި "ރަންތަރި" އޮއްސުނަ ނުދެ އެވެ. މިސްރާބުގައި ކަސިޔާރު ކަމެއް ނެތެވެ. ކަނޑަށް ގަދަ އެވެ.

"ރޯދައިގެ ކުރިން އިންޖީނު މަރާމާތަށް ދޯނި އަޅައިގެން މިއަދު މިއުޅެނީ. ނޫން ނަމަ ދިމާނުވީސް,"

ވާހަކަ ދެއްކޭވަރަށް ވުރެން މާ ބިޒީކަމަށް ބުނުމުން، ފަޅުވެރިންގެ އެދުނީ އޭނާގެ ތަޖުރިބާ ކިޔައިދިނުމަށެވެ. މާޖިދު ވާހަކަ ފެށީ އެ ހިސާބުންނެވެ.

މާޖިދު: ކަންނެލި މަސްވެރިކަމުގައި އުޅޭތާ 12 އަހަރު ވި އިރު ވަރަށް ގިނަ ކަންކަމާ ދިމާވި ކަމަށް ބުނޭ.

މާޖިދު: ކަންނެލި މަސްވެރިކަމުގައި އުޅޭތާ 12 އަހަރު ވި އިރު ވަރަށް ގިނަ ކަންކަމާ ދިމާވި ކަމަށް ބުނޭ.

ކަނޑުމައްޗަށް އަރާ ގޮތަށް އެނބުރި ރަށަށް އާދެވެނީ 15-20 ދުވަސް ފަހުންނެވެ. މަހަކު ގިނަވެގެން ދެ ފަހަރު ނުވަތަ ތިން ފަހަރެވެ. މި ހިތްވަރުގައި 12 އަހަރުވި އިރު ލައްކަ ކަންކަމާ ދިމާވެއްޖެ އެވެ. އެތައް ކަމެއް ދަސްވެއްޖެ އެވެ.

ކަނޑުމަތީގައި ގޮތް ހުސްވީ އެންމެ ރެއަކު އެވެ. އެއީ ދޯނީގެ މިސްރާބު ބަދަލުކޮށްލަން ވެސް ނުލިބުނު އަށް ގަޑިއިރެވެ.

ސަލާމަތްވީ ކިރިޔާ!

އެއީ ކަނޑުމަތީގައި ހަފުތާއަކަށް ފަހު އެންކޮޅު ހުސްކޮށްލާފައި މަސްވެރިކަން ނިންމަން އޮތް ދުވަހެވެ. މަސްކޮޅު ކިރުވަން މާލެ ދާން ތައްޔާރުވިތަނާ އިރުއޮއްސި ހަތެއް ޖެހިއިރު، ކުޑަކޮށް ވިއްސާރަ ހަދާލީ އެވެ. އޭރު ތިބީ ހއ. އަތޮޅު ބޭރުގަ އެވެ. ކޮޅިގަނޑުގައި ޖެހުމަކީ އާއްމު ކަމެކެވެ.

ރަންތަރި ދޯނި މަރާމާތުކުރުމުގައި ފަޅުވެރިން: މި ދޯނިން ވެސް ކަންނެލި މަސްވެރިކަން ކުރަނީ އުތުރުން.

ރަންތަރި ދޯނި މަރާމާތުކުރުމުގައި ފަޅުވެރިން: މި ދޯނިން ވެސް ކަންނެލި މަސްވެރިކަން ކުރަނީ އުތުރުން.

"ވައިބާރުވެ, ވިއްސާރަ ވާން އެ ރޭ ފެށީ ހުޅަނގުން. ދެން ހަމަ ކުއްލިއަކަށް ރާޅު ބޮޑުވަމުން ބޮޑުވަމުން ގޮސް އަޅުގަނޑުމެންނަށް ހއ. އަތޮޅަށް ދުއްވާލެވޭ ވަރެއް ނުވި. އަތޮޅަށް ދުއްވާލާއިރު ސީދާ އެއްކޮށް ފަހިވުމަށް ވުރެން ކުޑަކުޑަކޮށް ޖެހޭނެ ކަތިކޮށްލަން ދެކުނުކޮޅަށް," މާޖިދު ކިޔައިދިނެވެ.

އެކަމަކު ގަދަކަމުން އެވަރަށް ކަތިކޮށްލަން ވެސް ނުކެރުނީ އެވެ. ހެދޭނެ ހަމަ އެއްގޮތެއް އެވަގުތަކު ނެތެވެ. ފައްސިޔަށް ދޯނި ދިޔައިރު ވެސް ދެ ފަރާތުން ރާޅު މުގުރެމުންދާތަން ފެނެ އެވެ.

"އެ ރޭ އަސްލު އަޅުގަނޑު ވަރަށް ބިރުގަތް. އަތޮޅަށް ސީދާ ދުއްވާނުލެވޭތީވެ. އަތޮޅުން ނައްޓާލާފައި ދުއްވަން މި ޖެހެނީ. އެގަދަ ހިފެހެއްޓި މަޑުނުވި ނަމަ އަތޮޅު ވެސް ކީއްކުރަން, ރާއްޖެ ވެސް އަތެއް ނުވީސް. ރާއްޖެ އުތުރުން ނައްޓާލައިގެން ފައިބައިގެން ދާން ޖެހެނީ."

އޭރު ހިތަށް އަރައި ފައިބަމުން ދިޔައީ ފަޅުވެރިންގެ ފުރާނަ ސަލާމަތްކުރަން އޭނާގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާ އެވެ. ހިނދުކޮޅަކަށް ވެސް ހުންގާނު ދޫކޮށްނުލަ އެވެ. ވަރުބަލިވުމުން ދެން ހަވާލުކުރަނީ އެ ދޯނީގައި އުޅޭ ބޭބެއާ އެވެ.

ރަންތަރި ދޯނި ބަނދަރުގައި: މި ރަށުގައި ކަންނެލި މަސްވެރިކަމުގައި 15 ދޯނި އުޅޭ.

ރަންތަރި ދޯނި ބަނދަރުގައި: މި ރަށުގައި ކަންނެލި މަސްވެރިކަމުގައި 15 ދޯނި އުޅޭ.

ކިރިޔާ ވެސް ހިތްހަމަޖެހުމެއް ލިބުނީ، މާޖިދު ބުނި ގޮތުގައި، އެ ރޭ ދަންވަރު ތިނެއް ޖަހަން އުޅެނިކޮށެވެ.

"އަތޮޅަށް މިސްރާބު ބަދަލުކޮށްލީމަ ވެސް ހަމަ އަރިމަތިން ރާޅު އަރައިގަންނަނީ. އެކަމަކު ކުރިން ހުރިހާ ގަދައެއް ނޫން. އެއަށް ވުރެން ތަންކޮޅެއް ދޫޖެހިލާފައި އޮތީ. ރާޅު ވެސް ކުޑަވީމަ އަތޮޅު އަތުލެވޭ ވަރަށް ދޯނި އަނބުރާލެވޭވަރުވީމަ ދޯނި އަނބުރާލީ. ސީދާ އަތޮޅަކަށް ނޫން އަނބުރާލީ. އަތޮޅު ދަށަށް ޖަހައިގެން, ހއ. އަތޮޅުގެ މަޑު އަތުލާފައި ގޮސް ދެން އެތެރެއަށް ވައްދާލީ."

އެ ރޭ ދޯނީގެ އިންޖީނު ބަލަން ފަހަތުކޮޅަށް ދާން ޖެހުނީ އެ މީހަކު ވެއްޓިދާނެ ކަމުގެ ބިރު އޮތުމުން އެހެން މީހަކާ އެކުގަ އެވެ.

މާޖިދު މަސައްކަތުގައި އުޅެމުން "މިހާރު"އާ ވާހަކަ ދައްކަނީ.

މާޖިދު މަސައްކަތުގައި އުޅެމުން "މިހާރު"އާ ވާހަކަ ދައްކަނީ.

އޭނާ ބުނިގޮތުގައި އުތުރުގައި އޮވެފައި ދޯނި މިސްރާބު ރާއްޖެ އަތުވާވަރަށް ބަދަލުކޮށްލަން ނުލިބުނު އެ ރޭ ވަރުގެ ގަދަ ރެއަކާ މިހާތަނަށް ދިމައެއް އެވެ.

"މާކެޔޮޅުންގެ އެދުރެއް"

މާޖިދުގެ މަސްވެރިކަން ފެށުނީ ބައްޕައާ އެކު ފަރުމަސް ބޭނުމުންނެވެ. އޭގެ ފަހުން ބައްޕަ "ރަންތަރި" ދޯނި ދުއްވިއިރު ވެސް އެކުގައި އުޅުނެވެ. ވަކިވަރަކަށް ދަސްވުމުން އެ ދޯނި އޭނާއާ ހަވާލުކުރީ އެވެ.

އަލަށް ފެށިއިރު އޭނާއަށް ރަނގަޅު މިސްރާބު ދައްކައިދިނުމުގައި މި ރަށުގެ ގިނަ ކެޔޮޅުން އެހީވި އެވެ. އެންދެމުމާއި މަސްބާނާ ގޮތުގެ ވަރަށް ގިނަ އުކުޅުތައް ކިޔައިދިނެވެ.

"އަޅުގަނޑު ޅައުމުރުވީމަ ނޭނގެ. އެ ކެޔޮޅުންތައް ކިޔައިދޭ އެހެން ހަދާ މިހެން ހަދާ. ކަންނެއްޔަށް ފުރަތަމަ ގޮސް އުޅުނީ މި ރަށުގެ ކަންނެލިކަން އެންމެ އިސްކޮށް މިހާރު ވެސް އުޅޭ ކެޔޮޅާ އެކީ."

ބައްޕަ ދެއްކި މަގުން ކުރިއަށް ދެވުމަކީ މާޖިދުގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

"ވަރަށް އުފާވާ ކަމެއް އެއީ. ކޮންމެ މީހެއް ކައިރީގައި ވެސް ބުނަން ބައްޕަމެން ދެއްކި މަގުންނޭ އާމްދަނީ ހޯދަން ކުރިއަށް މިދަނީ. އެއްބަނޑު އެއްބަފާ ދެން ތިބި ދެ ކޮއްކޮ ވެސް މި ދޯނީގައި ތިބެނީ."

ރަންތަރި ދޯނި: މި ދޯނީގެ ހުންގާނުގައި ހުރީ ބަސްވިކޭ، މުރާލި ކެޔޮޅެއް ކަމަށް ފަޅުވެރިން ބުނޭ.

ރަންތަރި ދޯނި: މި ދޯނީގެ ހުންގާނުގައި ހުރީ ބަސްވިކޭ، މުރާލި ކެޔޮޅެއް ކަމަށް ފަޅުވެރިން ބުނޭ.

އޭނާ ބުނި ގޮތުގައި އޭރުކުރާ ގޮތާއި މިހާރުގެ މަސްވެރިކަން ވަރަށް ތަފާތެވެ. އޭރު 10 މީހުންނަށް އެންދަމައިގެން ފަސޭހަކޮށް މަސް ބޭނެ އެވެ. އެކަމަކު އެންމެ މަދުވެގެން 15 މީހުންނާ ނުލައި މިހާރު އެންދަމަން އުނދަގުލެވެ. ހާތައް ބޮޑެތިވެފައި ކުރިން ފުން ނުކުރާ ވަރަށް ދާ ފުންކުރަން ޖެހެ އެވެ. މާގިނަ މީހުން މޫދަށް ފައިބަން ޖެހެ އެވެ.

ބޮޑުކަންނެލި މަސްވެރިކަން އޮތީ އާއްމުކޮށް އުތުރުގަ އެވެ. ދަތުރަކަށް ތިން ޓަނު ނުވަތަ ފަސް ޓަނު ވެސް ބޭނެ އެވެ. އެންމެ ރަނގަޅަށް ލިބޭ ފަހަރުތަކުގައި 15,000 ރުފިޔާ އަށް އަރާ ކަމަށް މާޖިދު ބުންޏެވެ.

އަގު ދަށްވާތީ ޒުވާނުން ދުރަށް

މާޖިދުގެ ފަހަތުގައި މި ދޯނީގައި ތިބި 15 ފަޅުވެރިންނަކީ ވެސް ޒުވާނުންނެވެ. ކަންނެލި މަސްވެރިކަމުގައި ވައްޓާނުލެވޭހާ މޮޅު މީހުން ތިބި މި ރަށުގައި ޒަމާނީ ފެންވަރުގެ 15 ދޯނި މަހަށް ފުރަ އެވެ.

އޭނާގެ ވެސް އޮތީ ހުރިހާ މަސްވެރިންގެ ކަންބޮޑުވުމެވެ. މަހުގެ އަގު ދަށްވުމެވެ. ގިނަ ޒުވާނުން ފޫހިވެގެން މިކަން ދޫކޮށްލައި ރިސޯޓްތަކަށް ބަދަލުވާން ޖެހެނީ ވެސް މަހަށް ހަމަ އަގު ނުލިބޭތީ އެވެ.

ރަންތަރި ދޯނިން މަހަށްދާ ޒުވާނުންތަކެއް: މަހުގެ އަގު ދަށްވުމަކީ ގިނަ ބަޔަކު މި ދާއިރާ ދޫކޮށްލާ ސަބަބެއް.

ރަންތަރި ދޯނިން މަހަށްދާ ޒުވާނުންތަކެއް: މަހުގެ އަގު ދަށްވުމަކީ ގިނަ ބަޔަކު މި ދާއިރާ ދޫކޮށްލާ ސަބަބެއް.

"ތެލުގެ އަގާ އެއްޗެހި ބޮޑުވެގެންދާއިރު ކަންނެލި އަގު ދަށްވީމަ ވަރަށް ގެއްލުން ދައްކާ. މިސާލަކަށް 70 އިން މަތީގައި ހިފެހެއްޓިފައި ހުންނަ ނަމަ ވަރަށް ރަނގަޅުވާނެ. އެކަމަކު ކަންނެލި ބާނައިގެންދާ ތަނުން އަގު ހުރެދާނެ 55 ގައި ވެސް. ދެން ހަރަދުތައް ނިންމައި އަތަށް މި ލިބެނީ ކުޑަ އެއްޗެއް," އޭނާ ބުންޏެވެ.

މަސްވެރިކަން ދޫކޮށްލައި ކުރެވޭނެ ލައްކަ ބައިވަރު ކަންކަން އެބަހުއްޓެވެ. އެކަމަކު މާޖިދު ކަނޑުމަތިން ފޭބުމުގެ ހިޔާލެއް ނެތެވެ.

"އެންމެ ކުޑައިރުއްސުރެން ކުރާ ހިތްވާ ކަންތައް. ކިރިޔާ ވެސް މިކަން ކޮށްގެން ކައިގެން ބޮއެގެން އުޅެވޭ ނަމަ ދޫކޮށްނުލާނަން."

ފަޅުވެރިންނަށް ކަމުދަނީ މާޖިދުގެ މި ކެރުންތެރިކަމެވެ.