Roadha Mihaaru
ލ. ގަމުގައި ވެލާތަކެއް މަރާލި މައްސަލައެއް

ލ. ގަމުގައި ވެލާތަކެއް މަރާލި މައްސަލައެއް؛ ޝައްކުކުރެވޭ ބަޔަކު ނެތް

19 މާޗް 2023

ލ. ގަމުގެ އަތިރިމަތިން މަރާލާފައި އޮތް ވެލާތަކެއް ފެނުނު މައްސަލައެއްގެ ރިޕޯޓް މީގެ ހަފުތާއެއް ކުރިން ލިބުނު ކަމަށާއި އެކަމަކު އެކަން ކުރި ކަމަށް ޝައްކުކުރެވޭ ބަޔަކު އަދި ނެތް ކަމަށް އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ލ. ގަމުގެ އަތިރިމަތިން މަރާލާފައި އޮތް ވެލާތަކެއް ފެނުނު މައްސަލައެއްގެ ރިޕޯޓް މީގެ ހަފުތާއެއް ކުރިން ލިބުނު ކަމަށާއި އެކަމަކު އެކަން ކުރި ކަމަށް ޝައްކުކުރެވޭ ބަޔަކު އަދި ނެތް ކަމަށް އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

މަރާލާފައި އޮތް ބޮޑު ދެ ވެލާ، ގަމުގެ އަތިރިމަތިން ފެނުނީ މި މަހުގެ 11 އިގަ އެވެ.

އީޕީއޭގެ ސީނިއާ އެންވަޔަރުމެންޓަލް އެނަލިސްޓް، އީނާސް މުހައްމަދު ރިޔާޒް "މިހާރު" އަށް ވިދާޅުވީ އެ އެޖެންސީން މިހާރު އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެކަމަކު، ތަހުގީގު ހިންގަން ބޭނުންވާ ވަރަށް މައުލޫމާތު އަދިވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ލ. ގަމުގައި މަރާލާފައި އޮއްވާ ފެނުނު ވެލައެއްގެ ތޮށިގަނޑު. -- ފޮޓޯ: އޯއާރްޕީ

ލ. ގަމުގައި މަރާލާފައި އޮއްވާ ފެނުނު ވެލައެއްގެ ތޮށިގަނޑު. -- ފޮޓޯ: އޯއާރްޕީ

"މިހާ މަދު މައުލޫމާތުން އަޅުގަނޑުމެންނަށް މި ކަހަލަ މައްސަލައެއް ތަހުގީގެއް ނުކުރެވޭ. އެއްވެސް ވަރަކަށް މީގައި ޝައްކު ކުރެވެނީ ކޮން ބަޔަކަށް ކަމެއް އަޅުގަނޑުމެންނަށް ވެސް ޕޮލިހުންނަށް ވެސް އަދި އެނގިފައެއް ނެތް،" އީނާސް ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން މީތި ލޮގް ކުރާނަން. އަޅުގަނޑުމެންގެ ޑޭޓާބޭސް ބަލަހައްޓާނެ. އޭގެ ބޭނުމަކީ އާންމުކޮށް މިގޮތަށް ޕޯޗުކުރާ [ދިރޭ އެއްޗެހި މަރާ] ސަރަހައްދުތައް ދެނެގަނެ، އެ ތަންތަން ޕެޓްރޯލްކުރުން، އަޅުގަނޑުމެންނާއި ޕޮލިހުން ގުޅިގެން."

އޭނާ ވިދާޅުވި ގޮތުގައި، މި ކަހަލަ މައްސަލަތައް އާންމުކޮށް ލިބެ އެވެ. އެހެންވެ، ހިމާޔަތްކޮށްފައިވާ ދިރޭ ތަކެތި އާންމުކޮށް މަރާ އުޅޭ ސަރަހައްދުތައް ދެނެގަނެ، މިހާރު ވެސް މޮނިޓާކުރެ އެވެ.

ގަމުގައި ވެލާތަކެއް މަރާލި މައްސަލައިގެ ރިޕޯޓް އެންމެ ފުރަތަމަ ލިބުނީ ވެލާކަހަނބުގެ ހިމާޔަތުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އޮލިވް ރިޑްލީ ޕްރޮޖެކްޓް (އޯއާރްޕީ) އާއި އީޕީއޭގެ ފަރާތުން ލ. އަތޮޅުގެ ވެލާކަހަނބުގެ ހާލަތު ބެލެހެއްޓުމަށް ހަމަޖައްސާފައި ހުންނަ، ސީ ޓާޓަލް ރޭންޖާ އެންޑް ކޮމިއުނިޓީ އޮފިސަރު އިނާން އަހްމަދަށެވެ.

ސީ ޓާޓަލް ރޭންޖާ އިނާން އަހްމަދު، ލ. ގަމުގައި މަރާލާފައި އޮއްވާ ފެނުނު ވެލާގެ ބޮޑުމިން މިން އަޅައިގެން ބަލަނީ.-- ފޮޓޯ: އޯއާރްޕީ

ސީ ޓާޓަލް ރޭންޖާ އިނާން އަހްމަދު، ލ. ގަމުގައި މަރާލާފައި އޮއްވާ ފެނުނު ވެލާގެ ބޮޑުމިން މިން އަޅައިގެން ބަލަނީ.-- ފޮޓޯ: އޯއާރްޕީ

އޯއާރްޕީގެ ފޭސްބުކް ޕޯސްޓެއްގައި ބުނި ގޮތުގައި، މަރާލި ދެ ވެލާގެ ބޮލާއި ތޮށިގަނޑު ފިޔަވައި އެހެން ބައިތައް ނުވަތަ މަސްގަނޑު އެއްކޮށް އޮތީ ނަގައިފަ އެވެ.

އެ ޖަމިއްޔާއިން ބުނީ ވެލައަކީ ރާއްޖޭގައި އަދި ދުނިޔޭގައި ވެސް ނެތި ދިއުމުގެ ބިރުބޮޑުވެފައިވާ އެއްޗެއް ކަމަށެވެ. ވެލާ ދަރިމައިވާ އުމުރަށް ބޮޑުވާން 25-50 އަހަރު ނަގަ އެވެ. އަދި ވެލާ ރާއްޖެއަށް ބިސްއަޅާ މިންވަރު 1980 ގެ އަހަރުތަކާއި އަޅާ ކިޔާއިރު މިހާރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ވެސް ބުންޏެވެ.

"ވެލާގެ ބިސް ނެގުމާއި މަސް ކެއުމަކީ ރާއްޖޭގެ ވެލާގެ އާބާދީ ދަށްވަމުންދާ ސަބަބެކެވެ،" އެ ޖަމިއްޔާއިން ބުންޏެވެ.

ވެލާކަހަނބު މަރާލާފައި ނުވަތަ މަރާލަން އެއްވެސް ބަޔަކު އުޅޭ ނަމަ، އީޕީއޭގެ ހޮޓްލައިން ނަންބަރު 7980379 އަށް ރިޕޯޓް ކުރުމަށް އެ އެޖެންސީ އެދެ އެވެ.

ލ. ގަމުގައި މަރާލާފައި އޮއްވާ ފެނުނު ވެލައެއް. -- ފޮޓޯ: އޯއާރްޕީ

ލ. ގަމުގައި މަރާލާފައި އޮއްވާ ފެނުނު ވެލައެއް. -- ފޮޓޯ: އޯއާރްޕީ

ބ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި މިދިޔަ މަހު ވެލާތަކެއް ފަޅައި، ކެއްކި މައްސަލައެއް ވެސް ފަޅާއެރި އެވެ. އެކަމުގައި އުޅުނީ އެ އަތޮޅު ކެންދޫގެ ފަސް މީހުންގެ ގްރޫޕަކުން ކަމަށް އީޕީއޭ އިން ބުނެފައިވެ އެވެ.

އެ ގްރޫޕުން ހަ ވެލާ ފަޅާލި އެވެ. ފުލުހުން އެ އެންމެންގެ ބަޔާން ނެގުމަށް ފަހު، ދޫކޮށްލި އެވެ. އޭގެ ފަހުން އެ މައްސަލައަށް ވީގޮތެއް އަދި ނޭނގެ އެވެ.

ރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އޭޕްރީލް 4، 2016 އިން ފެށިގެން ވެލަ އާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތްކޮށްފަ އެވެ. ވެލާ ކަހަނބުގެ ބާވަތްތައް ހިފުމާއި އެ އަށް ގޯނާކުރުމަކީ މަނާކަމެކެވެ. އެއީ ބޮޑު ޖޫރިމަނާއެއް އަންނަ ކުށަކަށް ވިޔަސް އަދިވެސް ދިވެހިންގެ ތެރޭގައި ވެލާ ހިފައި، އެ ކައި ހަދާ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވެ އެވެ.