Roadha Mihaaru
އެލައިޑުން ވެހިކަލް އިންޝުއަރެންސް އޮންލައިންކޮށްފި

ވެހިކަލް އިންޝުއަރެންސަށް އޮންލައިންކޮށް ހުށަހެޅޭނެ ގޮތް އެލައިޑުން ހަދައިފި، ފުރަތަމަ 100 މީހުންނަށް ހެލްމެޓެއް

25 މާޗް 2023

އެލައިޑް އިންޝުއަރެންސުން އުޅަނދުުފަހަރުގެ ފުލް ކަވަރޭޖް ފޯރުކޮށްދޭ "މޮޓޯ ކޮމްޕްރިހެންސިވް ޕްލޭން" އަށް އޮންލައިންކޮށް ވެސް ހުށަހެޅޭނެ ގޮތް ހަދައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެލައިޑް އިންޝުއަރެންސުން އުޅަނދުުފަހަރުގެ ފުލް ކަވަރޭޖް ފޯރުކޮށްދޭ "މޮޓޯ ކޮމްޕްރިހެންސިވް ޕްލޭން" އަށް އޮންލައިންކޮށް ވެސް ހުށަހެޅޭނެ ގޮތް ހަދައިފި އެވެ.

އެއީ އެކްސިޑެންޓެއް ފަދަ ހާލަތެއްގައި އުޅަނދާއި އުޅަނދުގެ ވެރިފަރާތާއި ތިން ވަނަ ފަރާތާއި އޭނާގެ ވެހިކަލަށް ލިބޭ ގެއްލުމަށް ކަވަރޭޖް ފޯރުކޮށްދޭ އިންޝުއަރެންސް ޕްލޭނެކެވެ. އެ ޕްލޭން ހޯދުމަށް މީގެ ކުރިން ހުށަހެޅެނީ ހަމައެކަނި އެލައިޑްގެ ހިދުމަތް ފޯރުކޮށްދޭ އޮފީސްތަކާއި ކައުންޓަރުތަކަށެވެ.

އެލައިޑުން ބުނިގޮތުގައި، އުޅަނދުުފަހަރުގެ ފުލް ކަވަރޭޖް ފޯރުކޮށްދޭ ހިދުމަތަށް އޮންލައިންކޮށް ވެސް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ އެ ކުންފުނީގެ އެއް އަސާސް ކަމަށް ވާ "ކަސްޓަމާ ސެންޓްރިސިޓީ" އަށް އިސްކަން ދީ، ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތަކަށް އިންޝުއަރެންސް ހޯދައިދިނުމުގެ މަގު ތަނަވަސް ކޮށްދިނުމަށެވެ.

އެލައިޑުން ބުނީ، ކުންފުނީގެ އޮންލައިން ޕޯޓަލް "މައި އެލައިޑް" މެދުވެރިކޮށް، އެ ޕްލޭން ވަގުތުން ނެގޭނީ ބޭނުން ކުރާތާ ފަސް އަހަރުވެފައި ނުވާ 40،000ރ. އާއި 100،000ރ. އާ ދެމެދުގެ އަގެއްގައި ގަނެފައިވާ ސައިކަލުތަކަށެވެ.

އެހެން އުޅަނދުތަކަށް އޮންލައިންކޮށް ކޮމްޕްރިހެންސިވް ޕްލޭން ނެގޭނީ ޕޯޓަލް މެދުވެރިކޮށް، އެޕްލިކޭޝަން ޕްރޮސެސް ފުރިހަމަކޮށް، އެލައިޑުން އެޕްލިކޭޝަންގެ ސައްހަކަން ވެރިފައި ކުރުމަށް ފަހު ފޮނުވާ ޕޭމަންޓް ލިންކަށް ފައިސާ ދެއްކުމުންނެވެ.

އެލައިޑުން ބުނި ގޮތުގައި އެ ކުންފުނީގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް"އިން ވެސް އެ ހިދުމަތް ހޯދޭނެ އެވެ.

އޮންލައިންކޮށް އެ ހިދުމަތް ހޯދުމުގައި ހުށަހަޅާ މައުލޫމާތުގެ ސައްހަކަން ޔަގީންކޮށް، ވެހިކަލް ރަޖިސްޓަރީ ކޮށްފައިވާ ފަރާތުގެ ނަމުގައި ޕްލޭން ނެގުމަށް އެލައިޑުން އެދެ އެވެ.

"މޮޓޯ ކޮމްޕްރިހެންސިވް ޕްލޭން" އޮންލައިން ކުރީ މި ރޯދަމަހުގައި ހިދުމަތް ހޯދާ ފުރަތަމަ 100 ކަސްޓަމަރުންނަށް ހިލޭ ހެލްމެޓް ވެސް ދޭ ޕްރޮމޯޝަނަކާ އެކު އެވެ.

އެލައިޑުން "މޮޓޯ ކޮމްޕްރިހެންސިވް ޕްލޭން"ގެ އިތުރުން ގާނޫނު ލާޒިމް ކުރާ "ތާޑް ޕާޓީ މޮޓޯ" އިންޝުއަރެންސް ޕްލޭނެއް ވެސް ހިމެނެ އެވެ. އެ ޕްލޭންގެ ދަށުން ކަވަރު ކުރާނީ އެކްސިޑެންޓެއްގެ ސަބަބުން ތިންވަނަ ފަރާތަށާއި އެ ފަރާތުގެ އުޅަނދަށް ލިބޭ ގެއްލުން އެކަންޏެވެ.

އެލައިޑްގެ ހިދުމަތްތަކުގެ އިތުރު މައުލޫމާތު 1600 އަށް ގުޅައިގެން ލިބޭނެ އެވެ.