Roadha Mihaaru
އެލައިޑް ގިފްޓް ވައުޗާ ވިއްކަން ފަށައިފި

އެލައިޑް ގިފްޓް ވައުޗާ ވިއްކަން ފަށައިފި

15 ފެބުރުއަރީ 2018

އެލައިޑުގެ ހިދުމަތްތައް އެހެން ފަރާތަކަށް ހަދިޔާއެއްގެ ގޮތުގައި ދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ "އެލައިޑް ގިފްޓް ވައުޗާ" ވިއްކަން ފަށައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

އެލައިޑުގެ ހިދުމަތްތައް އެހެން ފަރާތަކަށް ހަދިޔާއެއްގެ ގޮތުގައި ދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ "އެލައިޑް ގިފްޓް ވައުޗާ" ވިއްކަން ފަށައިފި އެވެ.

އެލައިޑުގެ ހިދުމަތްތަކުގެ އިތުރުން އެ ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްގެ ހިދުމަތްތަކަށް ވެސް ގިފްޓް ވައުޗާ ބޭނުން ކުރެވޭނެ އެވެ. މި ހިދުމަތް ފެށުމުގެ ގޮތުން މިއަދު އެލައިޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަޔާދީ ތަކާފުލްގެ ޖެނަރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވީ، ގިފްޓް ވައުޗާ ބޭނުން ކުރެވޭނީ މައިގަނޑު ތިން ދާއިރާއަކުން ކަމަށެވެ.

"އެއީ ހޯމް ކޮންސްޓްރަކްޝަން ތަކާފުލް އާއި ހައްޖު، އުމްރާ ތަކާފުލްގެ އިތުރުން 175ރ.ގެ ރޭޓުން ދޫކުރާ މޮޓޯ ތާޑް ޕާޓީ އިންޝުއަރެންސް އަދި ތަކާފުލް... އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ގިފްޓް ވައުޗާ މެދުވެރިކޮށް އިތުރު ހިދުމަތްތައް ވެސް ދޭން ފެށުން،" ފިރުޝާން ވިދާޅުވި އެވެ.

ގިފްޓް ވައުޗާ ބޭނުން ކުރާނީ ކިހިނެއް؟

ތާޑް ޕާޓީ އިންޝުއަރެންސާއި ހައްޖު އަދި އުމްރާ ގިފްޓް ވައުޗާ ބޭނުން ކުރެވޭނީ، ވައުޗާ ގަތުމަށް ފަހު އެލައިޑް ނުވަތަ އަޔާދީ ތަކާފުލްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އަދި އޮންލައިން ޕޯޓަލްގައި ވައުޗާ ނަންބަރު ޖެހުމުން ހިދުމަތާ ގުޅޭ އިންޝުއަރެންސް ޕޮލިސީ އެކްޓިވް ވާނެ އެވެ.

ހައްޖާއި އުމްރާގައި އުޅޭއިރު ގެއްލުމެއް ކުރިމަތިވެއްޖެ ނަމަ އޭގެ ބަދަލުލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ހައްކު ވައުޗަރެއްގެ އަގަކީ 1،000ރ. އެވެ. އަދި އުމްރާ ވައުޗަރެއްގެ އަގަކީ 700ރ. އެވެ.

ހޯމް ކޮންސްޓްރަކްޝަން ވައުޗާ ވެސް ބޭނުން ކުރެވޭނީ، ވައުޗާ ގަތުމަށް ފަހު އެލައިޑް ނުވަތަ އަޔާދީ ތަކާފުލްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ހޯމް ކޮންސްޓްރަކްޝަން ވައުޗާ ނަންބަރު ޖެހުމުން 50،000-500،000ރ. އާއި ދެމެދުގެ މުދާ އިންޝުއާ ކުރެވޭނެ އެވެ.

ހޯމް ކޮންސްޓްރަލްޝަން ވައުޗާ އަކީ އިމާރާތްތައް އިންޝުއާ ކުރުމުގެ ބަދަލުގައި، އެ އިމާރާތެއްގައި ކުއްޔަށް އުޅޭ މީހުން ގެންގުޅޭ މުދާ އިންޝުއާ ކުރުމުގެ ހިދުމަތެކެވެ. މިގޮތުން ގުދުރަތީ ކަމަކުން ނުވަތަ އެފަދަ އެހެން ކަމަކުން މުދަލަށް ލިބޭ ގެއްލުުގެ ބަދަލު ކަވަރު ކުރާނެ އެވެ. މި ހިދުމަތް ހޯދުމަށް އަހަރަކަށް ދައްކަން ޖެހޭނީ 200-1،500ރ.އާ ދެމެދުގެ އަދަދެކެވެ.

އެލައިޑް ގިފްޓް ވައުޗާގެ ހިދުމަތް ތައާރަފް ކުރީ އެ ކުންފުނީގެ 33 ވަނަ އަހަރީ ދުވަހާ ދިމާކޮށް، ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ. އެ ކުންފުނިން ބުނީ އެލައިޑް ގިފްޓް ވަައުޗާ ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ގިފްޓް ވައުޗާގެ އިތުރުން އެލައިޑުން ވަނީ ބައެއް ހިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އާ ހިދުމަތްތަކެއް ވެސް ތައާރަފް ކޮށްފަ އެވެ.