Roadha Mihaaru
ކޮމިއުނިޓީ ފަންޑުން އެހީ ލިބޭ ޖަމިއްޔާތައް ހޮވައިފި

އެލައިޑުގެ ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަން ފަންޑުން އެހީ ލިބޭ ޖަމިއްޔާތައް ހޮވައިފި

04 ޖެނުއަރީ 2024

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖުތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް" ގެ ދަށުން ތައާރަފު ކޮށްފައިވާ ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަން ފަންޑަށް ހޮވުނު ފަރާތްތައް އިއުލާނުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖުތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް" ގެ ދަށުން ތައާރަފު ކޮށްފައިވާ ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަން ފަންޑަށް ހޮވުނު ފަރާތްތައް އިއުލާނުކޮށްފި އެވެ.

އެލައިޑުގެ ކޮމިއުނިޓީ ފަންޑުން ފައިސޭ ދެނީ މުޖުތަމައަށް ފައިދާކުރާނެ ޕްރޮޖެކްޓުތައް އަތޮޅުތަކުގެ ޖަމިއްޔާތައް މެދުވެރިކޮށް ހިންގާށެވެ. އެ އެހީ ދިނުމުގައި ބަލާ ހަ ދާއިރާގެ ތެރޭގައި ހިމެނެނީ ސިއްހީ ދުޅަހެޔޮކަމާއި އިޖުތިމާއީ ހިދުމަތްތަކާއި ތިމާވެށި ރައްކާތެރިކުރުމާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކާއި ތައުލީމާއި ތާރީހާ ގުޅުން ހުރި ދާއިރާތަކެވެ.

އެލައިޑު ކޮމިއުނިޓީ ފަންޑުގެ ދަށުން އެހީ ދިން ޕްރޮޖެކްޓުތައް:

- ޅ. ނައިފަރު، ނައިފަރު ޖުވެނައިލް އިން ނައިފަރުގައި ޕްލާސްޓިކް މަދުކުރުމުގެ ޕްރޮގްރާމް.

- ށ. މިލަންދޫ، މިލަންދޫ ސްޕޯޓްސް ކްލަބްގެ ޖިމް ޓްރެއިނިން ޕްރޮގްރާމް.

- ވ. ކެޔޮދޫ، ކެޔޮދޫ އިސްދަރިވަރުންގެ ޖަމިއްޔާގެ ކެޔޮދޫ ސްކޫލަށް ބޭނުންވާ ކުޅިވަރު ސާމާނު ހޯދުމުގެ ޕްރޮޖެކްޓު.

- ށ. ކަނޑިތީމު، ބްލޫ ގިލްޑް ފައުންޑޭޝަންގެ ސާފު ސްކިލް ޑިވެލޮޕްމެންޓް ޕްރޮގްރާމް.

މި ހަތަރު ޕްރޮޖެކްޓު ހިންގުމަށް ހަތަރު ކޮންމެ ޕްރޮޖެކްޓަކަށް 50،000ރ. ގެ ފައިސާގެ އެހީ އެލައިޑުން ވަނީ ދީފަ އެވެ.

އެލައިޑުގެ އެޑިއުކޭޝަން ފަންޑުން އެހީދެނީ ތައުލީމީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ޕްރޮޖެކްޓުތައް ހިންގުމަށެވެ. އެ ފަންޑުން ސްކޫލްތަކުގެ ލައިބްރަރީ އާއި ޓީޗިން ސްކޫލާއި ލެބޯޓަރީ އާއި ޓީޗާސް ޑިވެލޮޕްމަންޓް ޕްރޮގްރާމް އަދި ސްޓޫޑެންޑް ޑިވެލޮޕްމަންޓް ފަދަ މަސައްކަތްތަކަށް އެހީ ފޯރުކޮށްދެ އެވެ.

އެލައިޑުގެ އެޑިއުކޭޝަން ފަންޑުން އެހީ ދިން ސްކޫލުތައް:

- ށ. ފޯކައިދޫ ސްކޫލްގެ ސްޓަޑީ ބެންޗް ގާއިމްކުރުމުގެ ޕްރޮޖެކްޓު

- ލ. މާމެންދޫ ސްކޫލްގެ ސްޓޫޑެންޓް ޑިވެލޮޕްމެންޓް ޕްރޮގްރާމު

- ތ. ހިރިލަންދޫ ސްކޫލްގެ ސެން ކުދިންނަށް ކިޔަވައިދޭން ރަނގަޅު މާހައުލެއް ބިނާ ކުރުމުގެ ޕްރޮޖެކްޓު

- ބ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ އޯޑިއޯ ވިޝުއަލް ރޫމް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓު

- މުހައްމަދު ޖަމާލުއްދީން ސްކޫލްގެ ލައިބްރަރީއަށް ފޮތް އިތުރުކުރުމުގެ ޕްރޮޖެކްޓު

- މަދަރުސަތުލް އިފްތިތާހުގެ ބެލެނެވެރިންނަށް ލިޓަރަސީ ވޯކްޝޮޕް

އެޑިއުކޭޝަން ފަންޑަށް ހޮވުނު ކޮންމެ ޕްރޮޕޯޒަލްއަކަށް 25،000ރ. ގެ އެހީ ވަނީ ދީފަ އެވެ.

އެލައިޑުން ބުނި ގޮތުގައި މި ފަދަ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ މުޖުތަމައުތަކުގައި ފާހަގަވެފައި ހުރި ކަންތައްތައް ރަނގަޅު ކުރުމަށް މާލީގޮތުން ކުރިމަތިވާ ހުރަސްތަކުން އަރައިގަތުމަށް އެހީތެރިވުމެވެ. އެ ކުންފުނިން ބުނީ މި ޕްރޮގުރާމު މެދުވެރިކޮށް ބާރުވެރި ރައްޔިތުންތަކެއް އުފެދި ދުޅަހެޔޮ މުޖްތަމައުތަކެއް ބިނާވާން ފަށާފައިވާ ކަމަށާއި އެ ކަމުގެ ސަބަބުން މި ޕްރޮގުރާމު ކުރިއަށް ގެންދިއުމަށް އިތުރަށް ހިތްވަރު ލިބިފައިވާ ކަމަށެވެ.

އެލައިޑުގެ އިޖްތިމާއީ ޒިންމާގެ ދަށުން ޕްރޮގުރާމުތައް ހިންގުމަށް ޕްރިމިއަމް ފޯ ގުޑް ތައާރަފްކުރީ 2018 ވަނަ އަހަރު އެވެ.