Roadha Mihaaru
ފޯނު ވަގަށް ނެގުން މަދުވެއްޖެ: ޕޮލިސް/ކޭމް

ފޯނު ވަގަށް ނެގުން މަދުވެއްޖެ، އެކަމަކު ސަމާލުވޭ: ޕޮލިސް/ކޭމް

27 ފެބުރުއަރީ 2017

ވަގަށް ނަގާ ފޯނުތައް ހޯދަން ބޭނުން ކުރަމުން އަންނަ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު، ފޯނު ވަގަށް ނެގުން މަދުވެފައިވާ ކަމަށާއި ނަމަވެސް އެކަމަށް ސަމާލުވުމަށް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އާއި ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވަގަށް ނަގާ ފޯނުތައް ހޯދަން ބޭނުން ކުރަމުން އަންނަ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު، ފޯނު ވަގަށް ނެގުން މަދުވެފައިވާ ކަމަށާއި ނަމަވެސް އެކަމަށް ސަމާލުވުމަށް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އާއި ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.

ކޭމް އަދި ފުލުހުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ ސީއީއޯ އިލްޔާސް އަހުމަދު ވިދާޅުވީ ފޯނުތައް ވަގަށް ނަގާ މިންވަރު އިތުރުވެފައިވާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް، ޓެކްނޮލޮޖީ ބޭނުންކޮށްގެން މަޝްރޫއެއް ހިންގަން ފަށާފައިވާ ކަމަށެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލްޔާސް ވިދާޅުވީ ފޯނުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

"ފޯނުގައި ހުންނާނެ ވަރަށް މުހިއްމު، އެހެން މީހުންނަށް އަންގަން ބޭނުން ނުވާ މައުލޫމާތުތައް. އެހެންވެ ފޯނުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ވަރަށް މުހިއްމު ކަމެއް،" އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ފަރާތުން ވާހަކަ ދެއްކެވި، ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ސްޓާފް ސާޖަންޓް އަލީ އިސްމާއިލް ވިދާޅުވީ ފޯނު ގެއްލިގެން ދުވާލެއްގެ މައްޗަށް ހަ މައްސަލަ ހުށަހަޅާ ކަމަށެވެ. އަދި ފޯނު ހޯދަން ބޭނުންކުރާ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ އެހީގައި ވެސް، ބައެއް ފޯނު ހޯދޭކަމަށް އޭނާ ވިދާޅުވި އެވެ.

ފޯނު ގެއްލިގެން މިިދިޔަ އަހަރު ވެސް 700 އަށް ވުރެ ގިނަ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރިއިރު، އޭގެ ތެރެއިން 300 އަށް ވުރެ ގިނަ ފޯނު ވަނީ ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފަ އެވެ. ފޯނު ހޯދުމަށް ބައެއް ފަހަރު ދެ އަހަރު ވެސް ނަގާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"ފޯނު ހޯދާ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ފޯނެއް ގެއްލިއްޖެނަމަ ޓްރެކް ކުރެވޭނެ އަދި ފޯން ބްލޮކް ވެސް ކުރެވޭނެ. ފޯނަށް އެހެން ސިމެއް ލައްވައިފިނަމަ އެ ފޯނު އެލާމެއް އަޅާނެ. އެހެންވެ ފޯނު ވަގަށް ނަގައިގެން، އެ ފޯނު ނިއްވާލާފައި ނުވަތަ ބޭނުން ނުކުރަންޏާ ހޯދުމަށް އުނދަގޫވޭ. ބައެއް ފަހަރު އެއް ދުވަހުން ނޫނީ އަހަރު ދުވަހުން ވެސް ފޯން ހޯދޭ،" އޭނާ ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި ގެއްލޭ ފޯނު ހޯދުމަށް އެންމެ ބޮޑު އެހީއެއް ލިބެނީ ފޯނުގެ އައިއެމްއީއައި ނަމްބަރު ބޭނުންކޮށްގެންނެވެ. އައިއެމްއީއައި ނަމްބަރު ހޯދުމަށް #06#* ޖެހުމުން އެ ނަމްބަރު ފޯނުގެ ޑިސްޕްލޭ އަށް އަރާނެ އެެވެ.

އިލްޔާސް ވިދާޅުވީ ވަގަށް ނަގާ ފޯނުތައް ބޭނުންކުރާ އަދަދު މަދުކުރަން ކުރާ މަސައްކަތްތަކުގެ ނަތީޖާ ފެންނަ ކަމަށެވެ. ވަގަށް ނެގޭ ފޯނުތައް ރާއްޖޭގެ އެއްވެސް ނެޓްވޯކެއްގައި ބޭނުން ނުކުރެވޭ ގޮތް ހަމަަޖައްސާފައި ވުމުން، ފޯނު ވަގަށް ނަގާ މިންވަރު މަދުކުރެވިފައިވާ ކަން ފާހަގަކުރެވޭ ކަމަށް ވެސް ކޭމް އިން ބުންޏެވެ.