Roadha Mihaaru
ބިދޭސީ 12 މީހެއްގެ ނަންމަތީ 38،000 ސިމް

ބިދޭސީ 12 މީހެއްގެ ނަންމަތީ 38،000 ސިމް ބޭނުންކުރި

20 މާޗް 2023

މަދު ބައެއްގެ ނަންމަތީ ގިނަ އަދަދެއްގެ ސިމް ކާޑު ނަގައިގެން ބޭނުންކުރާ މައްސަލަ ހައްލު ނުކުރާތީ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މެންބަރުން ކޮމިއުނިކޭޝަން އޮތޯރިޓީ އާއި ހޯމް މިނިސްޓްރީއަށްް ފާޑު ކިޔައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މަދު ބައެއްގެ ނަންމަތީ ގިނަ އަދަދެއްގެ ސިމް ކާޑު ނަގައިގެން ބޭނުންކުރާ މައްސަލަ ހައްލު ނުކުރާތީ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މެންބަރުން ކޮމިއުނިކޭޝަން އޮތޯރިޓީ އާއި ހޯމް މިނިސްޓްރީއަށްް ފާޑު ކިޔައިފި އެވެ.

ސްކޭމްތަކުގެ މައްސަލަތަކާ ގުޅޭ ގޮތުން މިއަދު ބޭއްވި އެސްއޯއީ ކޮމިޓީގައި ވަނީ ފުލުހުންނާއި އެމްއެމްއޭ އާއި ބީއެމްއެލް އިން ފާހަގަކުރި މައްސަލަތަކާ ގުޅޭ ގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކޮށްފަ އެވެ.

އެސްއޯއީ ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ، ފުލުހުން ކޮމިޓީއަށް ފޮނުވި ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެކެއްގެ ނަން މަތީ ގިނަ އަދަދެއްގެ ސިމް ބޭނުންކުރާ މައްސަލަ ކަމަށެވެ. ފުލުހުން ފޮނުވި ރިޕޯޓުގައި ވަނީ އެކެއްގެ ނަން މަތީ 800 އަށް ވުރެ ގިނަ ސިމް ނަގާފައިވާ މައްސަލައަކާއި ދެ ބިދޭސީންގެ ނަން މަތީ 24،000 ސިމް ނެގި މައްސަލައަކާއި 12 ބިދޭސީއެއްގެ ނަންމަތީ ދިރާގުގެ 38،000 ސިމެއް ނެގި މައްސަލަ އެވެ.

އޭނާ ވިދާޅުވީ، މިފަދަ ސްކޭމްގެ މައްސަލަތައް ހިންގުމުގައި މާފުށީ ޖަލުން އެކަން ކުރާކަން ފާހަގަކުރެވިފައިވާތީ، ފުލުހުންނާއި ކޮމިއުނިކޭޝަން އޮތޯރިޓީން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

އެސްއޯއީ ކޮމިޓީގެ މުގައްރިރު އިލްޔާސް ލަބީބު މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް

އެސްއޯއީ ކޮމިޓީގެ މުގައްރިރު އިލްޔާސް ލަބީބު މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް

"މިއީ ކަންބޮޑުވާ ކަމެއް. އެއަށްވުރެ ބޮޑަށް އެތަނަށް ފޯނު ނުވެއްދޭނެ ގޮތް ހެދުން. ޖަލަށް ވެއްދުން މަނާތަކެތީގެ ގޮތުގައި ފޯނު އޮންނަނީ،" އޭނާ ވިދާޅުވި އެވެ

ޖަލަށް ފޯނު ވައްދައިގެން އެކަން ކުރާއިރު އެކަން ހުއްޓުވަން ކުރާ ކަމަކީ އެންޓަނާއެއް ޖަހާފައި އެ އެންޓަނާ މެދުވެރިކޮށް ނަންބަރުތައް ބްލޮކް ކުރުން ކަމަށް ވާއިރު އެކަން އެކަނި ކޮށްގެން އެ މައްސަލަ ހައްލުވާތަން ނުފެނަން ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްއޯއީ ކޮމިޓީން ސްކޭމްގެ މައްސަލަ ބަލަން ފެށީ އޮޅުވާލައިގެން މީހުންގެ އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާ ނަގާ ކަމުގެ ޝަކުވާތައް އިތުރުވުމުގެ ސަބަބުންނެވެ.

އެ މައްސަލައާ ގުޅިގެން ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމް ވިދާޅުވީ، ކޮމިއުނޭޝަން އޮތޯރިޓީން ވެސް މިކަން އިސްލާހުކުރަން ކަންތައްތަކެއް ނިންމަން ބުނެފައިވާ އިރު، އެކެއްގެ ނަންމަތީ އެހާ ގިނަ ސިމްތަކެއް ނެގޭ އިރު، ވަގު ސިމްތަކެއް ގެންގުޅުން ހުއްޓުވަން ޖެހޭ ކަމަށެވެ.

"ވަގު ސިމްތަކެއް މި ގެންގުޅެނީ ވަގު ކަންތައްތަކެއް ކުރަން. އެ ހަމަގައިމު ވެސް އަދިވެސް އެކްޓިވް ސިމްތަކަކަށް މިވަނީ. އެކަމަކު އަދިވެސް ކޮމިއުނިކޭޝަން އޮތޯރިޓީން ވިދާޅެއް ނުވޭ އެ ސިމްތަކަށް ހަދަންވީ ގޮތެއް. އެއީ ވަރަށް ބޮޑު ކަންބޮޑުމެއް. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެކެއްގެ ނަމުގައި އެހާ ބައިރަރު ސިމް އޮންނަން ޖެހޭ އެއްވެސް ސަބަބެއް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކަރެކްޝަނަލް ސާވިސް އިން މިހާރު މިކުރާ ކަންކަމުން ސްކޭމް މައްސަލައަށް ހައްލެއް އަންނަތަން އަދިވެސް ނުފެންނަ ކަމަށާއި، މި މައްސަލައަށް އަދި އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެމްއޭ އިން ކޮމިޓީއާ ހިއްސާކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު 1،450 ސްކޭމް މައްސަލަ ހުށަހަޅާފައި އެބަ އޮތެވެ. އަދި މިދިޔަ އަހަރު ދެ މަސް ތެރޭ ވެސް 250 ސްކޭމް މައްސަލަ ހުށަހަޅަފައި އެބަ އޮތެވެ.

އެސްއޯއީ ކޮމިޓީން ވަނީ މި މައްސަލަ އިތުރަށް ދިރާސާކުރަން ކަރެކްޝަން ސާވިސް އާއި އައިޑީކާޑުތަކުގެ މައުލޫމާތުތައް ލީކުވާ މައްސަލައާ ގުޅިގެން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އާއި އެންވަޔަރްމަންޓް މިނިސްޓްރީ އަންނަ ހަފްތާގައި ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފަ އެވެ.