Roadha Mihaaru
ޖޭޕީގެ ޓިކެޓަށް އެއްވެސް މީހަކު އަދި ކުރިމައްޗެއް ނުލާ

މާދަމާ މުއްދަތު ހަމަވާނެ، ޖޭޕީގެ ރިޔާސީ ޓިކެޓަށް އެއްވެސް މީހަކު އަދި ކުރިމައްޗެއް ނުލާ

29 މާޗް 2023

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ މުއްދަތު މާދަމާ ހަމަވާއިރު މިހާތަނަށް އެއްވެސް މީހަކު ފޯމު ހުށަހަޅާފައި ނުވާ ކަމަށް ޕާޓީގެ ސެކްރެޓެރީ ޖެނެރަލް އަލީ އާރިފް ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ މުއްދަތު މާދަމާ ހަމަވާއިރު މިހާތަނަށް އެއްވެސް މީހަކު ފޯމު ހުށަހަޅާފައި ނުވާ ކަމަށް ޕާޓީގެ ސެކްރެޓެރީ ޖެނެރަލް އަލީ އާރިފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެމްބަރު، އަލީ އާރިފް "މިހާރު"އަށް ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު މާދަމާ މެންދުރު 12 އަށް ހަމަވާނެ ކަމަށެވެ. ޕާޓީގެ ސެކްރެޓޭރިއެޓަށް މިއަދު މެންދުރާ ހަމައަށް އެއްވެސް ބޭފުޅަކު ޝައުގުވެރިކަން ފާޅުކޮށް ފޯމު ހުށަހަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައި ޖޭޕީގެ ޓިކެޓަށް ވާދަކުރަން ހުޅުވާލީ މި މަހުގެ 16 ގަ އެވެ.

ޖޭޕީން މިހާތަނަށް އެއްވެސް ބޭފަކު ފޯމު ހުށަނޭޅުއްވިޔަސް ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވަން ތާއީދުކޮށް އެ ޕާޓީގެ މެމްބަރުން އަންނަނީ ސޯޝަލް މީޑިއާގައި ކެމްޕޭނެއް ހިންގަމުންނެވެ. އެކަމަކު އިންތިހާބުގައި ވާދަކުރައްވާނެ ކަމެއް ސީދާ ގާސިމް މިހާތަނަށް ވިދާޅެއް ނުވެ އެވެ.

ޖޭޕީން ކެންޑިޑޭޓަކު ނުކުތުމަށާއި އެ ޕާޓީ އިސްވެ އޮވެ އެހެން ޕާޓީތަކާ އެކު ކޯލިޝަން ހެދުމަށް ފާސްކޮށްފައި ވަނީ ޖޭޕީގެ ކައުންސިލުންނެވެ. އެކަމަކު ވާދަކުރެއްވުމާއި ނުކުރެއްވުމާ މެދު ގޮތެއް ނިންމަވާނީ ގާސިމް އެވެ.

ޖޭޕީގެ ކައުންސިލްގެ ބައްދަލުވުން ގާސިމް ކުރިއަށް ގެންދަވާއިރު، އޭނާގެ ވާހަކަ މެމްބަރުން އަޑުއައްސަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ޖޭޕީގެ ކައުންސިލްގެ ބައްދަލުވުން ގާސިމް ކުރިއަށް ގެންދަވާއިރު، އޭނާގެ ވާހަކަ މެމްބަރުން އަޑުއައްސަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އާ ގާނޫނުއަސާސީއަށް ފަހު މިހާތަނަށް ބޭއްވި ހުރިހާ ރިޔާސީ އިންތިހާބެއްގައި ވެސް ޖޭޕީ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ގާސިމް ނުކުންނަވަ އެވެ. އެންމެ ފަހުން 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ޖޭޕީގެ ކެންޑިޑޭޓަކަށް ގާސިމް ހަމަޖައްސާފައި ވަނިކޮށް ކުރިމަތި ނުލެއްވުނީ އޭރުގެ ސިޔާސީ ހާލަތު ހުރި ގޮތުންނެވެ.

ގާސިމް މި ފަހުން ވަނީ ޖޭޕީގެ ރިޔާސީ ކެމްޕޭން ހިންގުމުގެ އެންމެ އިސް ބޭފުޅަކަށް ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ހަމަޖައްސަވައިފަ އެވެ. އިންތިހާބު ކާމިޔާބު ކުރެވޭނީ އެންމެންގެ އެއްބާރުލުމާ އެކުގައި ކަމަށް ވިދާޅުވެ އެހީތެރިކަމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.

ޖޭޕީން އިންތިހާބަށް ނުކުންނަން ގެންގުޅޭ ވިސްނުމާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާތަކެއް ވަނީ ބާއްވައިފަ އެވެ. އެންމެ ގިނަ ބައްދަލުވުންތައް މިހާތަނަށް ބޭއްވީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި ހިންގަވާ "ފިކުރެއްގެ ދިރުމުގެ" ބޭފުޅުންނާ އެކުގަ އެވެ.

މެނިފެސްޓޯ އެކުލަވާލުމާ ހަމައަށް މަޝްވަރާ ހިނގާފައިވާ އިރު މިރޭ ވެސް ނަޝީދުގެ މަންދޫބުންގެ ގޮތުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް އާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ އިތުރުން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވަނީ ޖޭޕީއާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަކަށް އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ދެއްވި ދައުވަތަށް ޖޭޕީން މިހާތަނަށް ރަސްމީ ޖަވާބެއް ނުފޮނުވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އިންތިހާބަށް ވަކިން ވާދަކުރަން ގާސިމް ނިންމަވައިފި ނަމަ އެކަމަކީ ކޯލިޝަނެއްގެ ގޮތުގައި ކުރިއަށްދާން އުނދަގޫވާނެ ކަމެއް ކަަމަށާއި އެކުގައި ނުތިބެވޭ ނަމަ ކޯލިޝަން އެއްބަސްވުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.