Roadha Mihaaru
ޖީސަސްގެ އެނބުރި އައުމާއެކު އާޓެޓާ އަށް ބޮޑު އުފަލެއް

ޖީސަސްގެ އެނބުރި އައުމާ އެކު އާޓެޓާ އަށް ބޮޑު އުފަލެއް

02 އެޕްރީލް 2023

ލަންޑަން (އޭޕްރީލް 2) - އަނިޔާއިން ސަލާމަތް ވެގެން ކުޅުމުގެ ތެރެއަށް އައި ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސްގެ ދެ ލަނޑާ އެކު، އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އިން ލީޑްސް ޔުނައިޓެޑް 4-1 އިން ބަލިކުރުމުން ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށް ކޯޗު މިކެލް އާޓެޓާ އަށް ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (އޭޕްރީލް 2) - އަނިޔާއިން ސަލާމަތް ވެގެން ކުޅުމުގެ ތެރެއަށް އައި ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސްގެ ދެ ލަނޑާ އެކު، އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އިން ލީޑްސް ޔުނައިޓެޑް 4-1 އިން ބަލިކުރުމުން ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށް ކޯޗު މިކެލް އާޓެޓާ އަށް ބުނެފި އެވެ.

ޖީސަސް އަށް އަނިޔާ ވީ މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ތެރޭގަ އެވެ. އޭގެ ފަހުން އޭނާ ފުރަތަމަ ފަހަރަށް ދަނޑަށް ނުކުތީ މާޗު މަހު ފުލަމް އާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ ފަހު ވަގުތު ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އޭގެ ފަހުން ޔޫރޮޕާ ލީގުގައި ފުރަތަމަ ހާފް ސްޓާޓް ކުރި ނަމަވެސް އިންޓަނޭޝަނަލް ބްރޭކަށް ދިޔުމުގެ ކުރިން ކްރިސްޓަލް ޕެލަސް އާ ދެކޮޅަށް އޭނާ ޓީމުގައި ނުހިމެނެ އެވެ.

އާސެނަލް އަށް މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިދިނީ ޖީސަސް އެވެ. އޭނާ ލަނޑު ޖަހައިދިނީ 35 ވަނަ މިނިޓުގައި، އޭނާ ހޯދި ޕެނަލްޓީއަކުންނެވެ. ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނިޓުގައި ޑިފެންޑަރު ބެން ވައިޓް ލީޑް ފުޅާ ކޮށްދިންއިރު، 60 ވަނަ މިނިޓުގައި ޖީސަސް ދަނޑުން ފޭބީ، އޭގެ ފަސް މިނިޓު ކުރިން އާސެނަލް އަށް ތިންވަނަ ލަނޑެއް ޖަހައިދީފަ އެވެ.

ލީޑްސް އިން 76 ވަނަ މިނިޓުގައި ރަސްމުސް ކްރިސްޓެންސެން ގޯލެއް ޖަހައިދިނަސް ގްރޭނިޓް ޒާކާ ވަނީ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައި ވަނިކޮށް ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މި މޮޅާ އެކު އާސެނަލް ވަނީ، ލީގު ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން އެއް ވަނައިގައި އަށް ޕޮއިންޓަށް ލީޑު ފުޅާކޮށްފަ އެވެ.

"އަހަރެން އޭނާ [ޖީސަސް] އާ މެދު އުފާކުރަން. މުޅި ޓީމު ވެސް ތިބީ އުފަލުން. ސަޕޯޓަރުން ވެސް އޭނާއަށް ތައުރީފް ކުރަނީ. ފާއިތުވި ފަސްވަރަކަށް މަސް ދުވަހު އޭނާ އައީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން، ޓީމުގެ ސްޓާފުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު. މިއަދު އޭނާ އަށް މެޗް ސްޓާޓް ކުރުމުގެ ފުރުސަތު ހައްގު. އޭނާ ވަނީ މޮޅަށް ކުޅެ ދެ ގޯލު ޖަހައިދީފައި،" މި ސީޒަނަށް ސިޓީ އިން 54 މިލިއަން ޑޮލަރަށް ގެނައި ޖީސަސް އަށް ތައުރީފް ކުރަމުން އާޓެޓާ ބުންޏެވެ.

މި ނަތީޖާއާ އެކު އާސެނަލް ވަނީ 29 މެޗުން 72 ޕޮއިންޓް ހަމަކޮށްފަ އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 28 މެޗުން ލިބިފައި ވަނީ 64 ޕޮއިންޓެވެ.

އާސެނަލް ވަނީ ފެބްރުއަރީ މަހު ލީގުގައި އަމިއްލަ ދަނޑުގައި ސިޓީ އަތުން ބަލިވެފަ އެވެ. އަދި މި މަހު މި ދެޓީމުގެ ކުރިމަތިލުމެއް ސިޓީގެ ދަނޑުގައި އޮންނާނެ އެވެ. އޭގެ ކުރިން ލިވަޕޫލާއި ވެސްޓް ހޭމް ޔުނައިޓެޑް އަދި ސައުތެމްޓަން އާ ދެކޮޅަށް އާސެނަލް ކުޅޭނެ އެވެ. އަދި ސިޓީއާ ދެކޮޅަށް ކުޅުމަށް ފަހު މި މަހުގެ ފަހު މެޗަކަށް އޮތީ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗެވެ.

އާޓެޓާ ބުނީ ސިޓީގެ ނަތީޖާތައް އޭނާ އަށް ނުވަތަ އާސެނަލް އަށް ވެސް ކޮންޓްރޯލް ނުކުރެވޭނެ ކަމަށާއި، އާސެނަލްގެ ފޯކަސް އޮތީ މެޗަކަށް ފަހު މެޗެއް ކޮންޓްރޯލް ކޮށްގެން މޮޅުވުން ކަމަށެވެ.

ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު ބްރެންޓްފޯޑާއި ބްރައިޓަން ބައްދަލުކުރި މެޗު 3-3 އިން އެއްވަރު ވެފައި ވާއިރު ނޮޓިންހަމް ފޮރެސްޓާއި ވުލްވްސް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އަދި ކްރިސްޓަލް ޕެލަސް އިން ލެސްޓާ ސިޓީ 2-1 އިން ބަލިކުރި އިރު ބޯންމަތުން ފުލަމް ބަލިކުރީ ވެސް މި ނަތީޖާއިންނެވެ.