Roadha Mihaaru
"ފިކުރެއްގެ ދިރުން"އަށް ފިޔަވަޅުއަޅަން ގޮތެއް ނުނިންމާ

"ފިކުރެއްގެ ދިރުން" މެންބަރުން ކޮމިޓީތަކުން ވަކިކުރުމާ މެދު މިއަދު ގޮތެއް ނުނިންމާ!

04 އެޕްރީލް 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެންބަރުން އުފައްދާފައިވާ "ފިކުރެއްގެ ދިރުން" ގެ މެންބަރުން ރަައްޔިތުންގެ މަޖިލިހުގެ ކޮމިޓީތަކުން ވަކި ކުރުމާ ގުޅޭ ގޮތުން މިއަދު ވަކި ގޮތެއް ނުނިންމުނެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެންބަރުން އުފައްދާފައިވާ "ފިކުރެއްގެ ދިރުން" ގެ މެންބަރުން ރަައްޔިތުންގެ މަޖިލިހުގެ ކޮމިޓީތަކުން ވަކި ކުރުމާ ގުޅޭ ގޮތުން މިއަދު ވަކި ގޮތެއް ނުނިންމުނެވެ.

ނަޝީދަށް ތާއިދު ކުރައްވާ މެންބަރުން ކޮމިޓީތަކުން ވަކި ކުރަން ހުށަހެޅުއްވީ އެމްޑީޕީގެ ޕީޖީގެ ޗީފް ވިޕް އަދި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އެވެ. އެ މައްސަލާގައި މިއަދު ޕީޖީގެ ބައްދަލުވުމެއް ވަނީ ބާއްވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން މުޣުނީ "މިހާރު" އަށް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި އެ މައްސަލާގައި މެންބަރުން މަޝްވަރާ ކުރެއްވި ކަމަށެވެ. ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންގެ އަމަލުތައް ހުންނަ ގޮތާ މެދު އެހެން މެންބަރުން ކަންބޮޑުވާ ކަމަށާއި ނަމަވެސް ފިޔަވަޅު އެޅުމާ ބެހޭ ގޮތުން މިއަދު ވަކި ގޮތެއް ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއް ބައްދަލުވުން ނޫނީ ދެ ބައްދަލުވުމަކުން ނިންމޭނެ ކަމެއް ނޫން މިއީ. ކުރިއަށް އޮތް ތަނުގައި އިތުރަށް މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ހުންނެވި މުޣުނީ ވިދާޅުވި އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މެންބަރުން ކޮމިޓީން ވަކި ކުރާ ނަމަ ނުވަތަ ބަދަލު ކުރާ ނަމަ އެކަން ޖެހޭނީ މަޖިލީހުގެ ރައީސަށް އަންގާށެވެ.

ނަޝީދު އިސްކޮށް ހުންނަވައި، އެމްޑީޕީގެ ތެރެއިން ވަކި ފެކްޝަނެއް އުފައްދަވައިގެން މަސައްކަތްޕުޅު ކުރައްވާތީ ބައެއް މެންބަރުން މީގެ ކުރިން ވަނީ އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން ވެސް މަސައްކަތް ކުރައްވައިފަ އެވެ. އެކަމަކު ފަހުން ވަނީ އެ މަސައްކަތް މަޑުޖައްސާލައިފަ އެވެ.

އެމްޑީޕީގެ އެތެރޭގެ ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ޕާޓީގައި ދެ ފެކްޝަނެއް އޮތްއިރު، ނަޝީދާ އެކު ތިއްބެވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޖުމްލަ 68 މެމްބަރުންގެ ތެރެއިން 12 މެމްބަރުންނެވެ. ގިނަ މެމްބަރުން ތިއްބެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކުގަ އެވެ.