Roadha Mihaaru
ދާއިރާއަށް ނުކުތީ ބޭބެގެ ލެގަސީ ދަމަހައްޓަން: ހުސައިން

ގުރައިދޫ ދާއިރާ އަށް ކުރިމަތިލީ ބޭބެގެ ލެގަސީ ދަމަހައްޓަން: ހުސައިން ރިޒާ

04 އެޕްރީލް 2023

މި މަހުގެ 15 އިގައި ބާއްވާ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވަނީ ކުރީގެ މެމްބަރު އަދި ބޭބެ އިބްރާހިމް ރިޒާގެ ލެގަސީ ދަމަހައްޓަން ކަމަށް ކޮއްކޮ ހުސައިން ރިޒާ މިރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މި މަހުގެ 15 އިގައި ބާއްވާ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވަނީ ކުރީގެ މެމްބަރު އަދި ބޭބެ އިބްރާހިމް ރިޒާގެ ލެގަސީ ދަމަހައްޓަން ކަމަށް ކޮއްކޮ ހުސައިން ރިޒާ މިރޭ ވިދާޅުވެއްޖެ އެވެ.

ގުރައިދޫ ދާއިރާގެ މެންބަރުކަމުގައި މިދިޔަ ތިން ދައުރުގައި ހުންނެވި ރިޒާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ 23 އިގަ އެވެ.

އިދިކޮޅު ޕީޕީއެމުން މާފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ހުސައިން ރިޒާ ވިދާޅުވީ، ގުރައިދޫ ދާއިރާ އަށް ކުރިމަތިލަައްވަން ނިންމެވީ ބޭބެ ގެންގުޅުއްވި ރީތި ސިޔާސަތު ދެމެހެއްޓުމަށް ކަމަށެވެ.

"ޕީޕީއެމާއި ތިން ރަށު ރައްޔިތުންގެ ފަރާތުން ހުށަހެޅުމުން އަޅުގަޑު ދެންނެވިން، އަޅުގަނޑު ގަޔަކު ނެތޭ މި މަަސައްކަތް ކުރުމަށް ރޫހާނީ ގޮތުން ހިތްވަރެއް. ބޭބެ ވަކިވުމުން އެކަންވީ އަޅުގަނޑު ވަރަށް ބަލިކަށިވި ކަމަކަށް،" ގުރައިދު އާއި މާފުށި އަދި ގުޅި ހިމެނޭ ދާއިރާގެ ބައި އިލެކްޝަނާ ގުޅޭ ގޮތުން ގާނޫނީ ވަކީލް ހުސައިން ރިޒާ ވިދާޅުވި އެވެ.

މާފުށީގައި ޕީޕީއެމުން މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ބައެއް އިސްވެރިން.---- ފޮޓޯ: ޕީޕީއެމް

މާފުށީގައި ޕީޕީއެމުން މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ބައެއް އިސްވެރިން.---- ފޮޓޯ: ޕީޕީއެމް

އެކަމަކު އޭނާ ވިދާޅުވީ، ބޭބެގެ ވަރަށް ގާތް އެމްޑީޕީގެ މެމްބަރުންތަކެއް މިރޭ ޕީޕީއެމާ އަލަށް ގުޅުމުން، އަނެއްކާ ވެސް އާ އުންމީދަކާއި އާ ހިތްވަރަކާއި އާ ޖޯޝެއް ކުރިއަށް ވަޑައިގަތުމަށް ލިބިއްޖެ ކަމަށެވެ.

ހުސެއިން ރިޒާ ވިދާޅުވިގޮތުގައި، އެހެން މެމްބަރުން ނުވަތަ އެހެން ޕާޓީތަކުން މެނިފެސްޓޯއެއް ހިފައިގެން ރަށްރަށަށް ދަތުރު ކުރިޔަސް ޕީޕީއެމުން އެފަދަ ކަމެއް ނުކުރާނެ އެވެ.

"އަޅުގަނޑުމެން އައީ ބަހާނެ އެއްޗެއް ހިފައިގެނެއް ނޫން. މި ޕާޓީން އަޅުގަނޑަށް ދިން ޒިންމާއަކީ ބޭބެގެ އެ ލެގަސީ ދެމެހެއްްޓުން. ބޭބެގެ އެ އޯގާތެރިކަން ދަމަހައްޓަން. އެ ހިތްހެޔޮކަމާއި އެ ރީތި ސިފަތައް ދަމަހައްޓަން. އެ ލެގަސީ ދަމަހައްޓަން،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ އިތުރުން ދެން ގުރައިދޫ ދާއިރާ އަށް ކުރިމަތިލާފައި ވަނީ އެމްޑީޕީ އާއި އެމްއެންޕީ އެވެ. އެމްޑީޕީގެ ޓިކެޓުގައި ބައި-އިލެކްޝަންގައި ވާދަކުރައްވާ އިބްރާހިމް ޝާޒެވެ. އެމްއެންޕީގެ ފަރާތުން ބައި-އިލެކްޝަންގައި ވާދަކުރައްވާނީ އަލީ އަރީފެވެ. އޭނާއަކީ އެ ރަށު ސްކޫލުގެ ކުރީގެ ލީޑިން ޓީޗަރެކެވެ.

މިއީ މި ދައުރުގެ މަޖިލީހުގައި ބައި އިލެކްޝަން ބާއްވާ، ދެވަނަ ދާއިރާ އެވެ. މިދިޔަ އަހަރު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވީ، ކުރިން އެ ދާއިރާގައި މެންބަރުކަމުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމުންނެވެ. އެ އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީ އެވެ.