Roadha Mihaaru
މި ރަށުގައި ބަދިގެ ހުންނަނީ ގެއާ މާ ދުރުގައި

މި ރަށުގައި ބަދިގެ ހުންނަނީ ގެއާ މާ ދުރުގައި

07 އެޕްރީލް 2023

މި ރަށުގެ ބައެއް ގޭގޭގެ ބަދިގެ ހުރީ މަގު ހުރަސްކޮށް، ގޭގެ ކުރިމަތީގަ އެވެ. އެހެން ބައެއް ގޭގޭގެ ބަދިގެ ތިން ހަތަރު ގެ ދޫކޮށްފައި ވެސް ހުއްޓެވެ. ތިން ހަތަރު ގޭގޭގެ ބަދިގެ އެއްކޮށް ވެސް އެބަހުއްޓެވެ. ގެއާ މާ ދުރުގައި، އެހެން މަގުތަކުގައި ވެސް ބަދިގެ ހަދާފައި އެބަހުއްޓެވެ.

އިފްރާޒް އަލީ ރ. ރަސްމާދޫން އިފްރާޒް އަލީ

މި ރަށުގެ ބައެއް ގޭގޭގެ ބަދިގެ ހުރީ މަގު ހުރަސްކޮށް، ގޭގެ ކުރިމަތީގަ އެވެ. އެހެން ބައެއް ގޭގޭގެ ބަދިގެ ތިން ހަތަރު ގެ ދޫކޮށްފައި ވެސް ހުއްޓެވެ. ތިން ހަތަރު ގޭގޭގެ ބަދިގެ އެއްކޮށް ވެސް އެބަހުއްޓެވެ. ގެއާ މާ ދުރުގައި، އެހެން މަގުތަކުގައި ވެސް ބަދިގެ ހަދާފައި އެބަހުއްޓެވެ.

މިއީ ރ. ރަސްމާދޫން ފެނުނު ތަފާތު ކަމެކެވެ. އިހުގައި މި ރަށު މީހުން ބަދިގެ ހަދައި އުޅުނީ ގެއާ ދުރުގަ އެވެ.

ރަސްމާދޫ ސްކޫލުގައި ދިވެހި މާއްދާ ކިޔަވައިދެމުން އަންނަތާ 24 އަހަރުވީ މުދައްރިސް އަދި މި ރަށުގެ ތާރީހާ ގުޅޭ މައުލޫމާތު އެނގިވަޑައިގަންނަވާ އަހްމަދު ނަދީމް ވިދާޅުވީ، އިހުގެ މީހުންގެ ފަރާތުން އެނގޭ ގޮތުގައި، މިގޮތަށް ބަދިގެތައް ވަކިން ހެދީ މަސް ކައްކަން ފަސޭހައަކަށް ކަމަށެވެ.

"މިގޮތަށް ބަދިގެތައް ވަކިން އެޅިފައި މި ހުންނަނީ ހަގީގަތުގައި އެ ދުވަސްވަރަކީ ކަރަންޓް ހުރި ދުވަސްވަރަކަށް ނުވާތީ އެންމެން އެއްކޮށް ރޭގަނޑުގެ ވަގުތުގައި މަސް ކައްކަން ތިބެން ފަސޭހައަކަށް ކަމަށް ވަނީ،" ނަދީމް ކިޔައިދެއްވި އެވެ.

ރަސްމާދޫގައި ގެއާ ދުރުގައި ބަދިގެ ހަދައި އުޅުނު ވާހަކަ އެ ރަށު ސްކޫލްގެ ދިވެހި މުދައްރިސް އަހްމަދު ނަދީމް ކިޔައިދެއްވަނީ.-- ފޮޓޯ: މިހާރު

ރަސްމާދޫގައި ގެއާ ދުރުގައި ބަދިގެ ހަދައި އުޅުނު ވާހަކަ އެ ރަށު ސްކޫލްގެ ދިވެހި މުދައްރިސް އަހްމަދު ނަދީމް ކިޔައިދެއްވަނީ.-- ފޮޓޯ: މިހާރު

"ވަކިން ފާރެއްގެ ތެރޭގައި ހުރެއްޖެ ކަމަށް ވަންޏާ، އެހީއަކަށް ބޭނުންވާ ވަގުތު، ކަމެއް ދަމެއް ޖެހޭ ވަގުތު، އެހީތެރިވާނެ މީހަކު ވެސް ހުންނާނެއެއްނުންތޯ. އެހެންވީމަ، ގެއާ އިންވެގެން ހުންނަ ގޭގެ ބަދިގެ ވެސް ގޭގެ ކުރިމަތީގައި އެއްކޮށް ހުންނަނީ."

ކުރިން ބައެއް ބަދިގެތައް ހަދާފައި ހުރީ ފަނުންނެވެ. އަދި ފަހުން ރާނައިގެން ހަދައި، ހިއާކުރަން މުށި ޖެހި އެވެ.

ބައެއް ގޭގޭގެ ބަދިގެ އެހެން ގޭގޭގެ ގޯތިތެރޭގައި ވެސް ހުރެ އެވެ. ބައެއް ގޭގެ ބަދިގެ އެއް ގެ ފަހަނައަޅާ ގޮސް މާ ދުރުގައި ވެސް ހުރެ އެވެ. އެކި ގޭގޭގެ މި ބަދިގެތައް ރަޖިސްޓްރީކޮށްފައި ވެސް އޮންނަނީ ވަކިންނެވެ.

ރަސްމާދޫ ގެއެއްގެ ކުރީގެ ބަދިގެއެއް މިހާރު ކާގެއަަކަށް ހަދައިފައި: އެތަނުގައި މީހަކު ސައިބޮނީ.-- ފޮޓޯ: މިހާރު

ރަސްމާދޫ ގެއެއްގެ ކުރީގެ ބަދިގެއެއް މިހާރު ކާގެއަަކަށް ހަދައިފައި: އެތަނުގައި މީހަކު ސައިބޮނީ.-- ފޮޓޯ: މިހާރު

"ރަސްމާދޫ ނޫން އެހެން ބައެއް ރަށްރަށުން، މީދޫން ވެސް މި ކަހަލަ ތަނެއް އަޅުގަނޑަށް ފެނުނު. އެހެން ރަށްރަށުން ފެންނަވަރަށް ވުރެ ގިނައިން މި ރަށުން ފެނޭ،" އޭނާ ވިދާޅުވި އެވެ.

ނަދީމް ވިދާޅުވީ މިހާރު ގިނަ ގޭގޭގައި، ގޭތެރޭގައި ބަދިގެ ހަދަން ފަށާފައިވާ ކަމަށެވެ. އެކަމަކު މިހާރު ވެސް ކުރީގެ ބަދިގެތައް ބޭނުންކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު މި ބަދިގެތައް ބޭނުންކުރަނީ ބޮޑެތި ކެއްކުންތަކަށެވެ. ކުއްޖަކަށް ނަން ކިޔަން ނުވަތަ ހާއްސަ ދުވަހެއް އައިސްގެން ކައްކަން މި ބަދިގެތައް އަދިވެސް ބޭނުންކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް ގޭގައި މި ބަދިގެތައް ގުދަނުގެ ގޮތުގައި ވެސް މިހާރު ބޭނުންކުރެ އެވެ.

ރަސްމާދޫ ގެއެއްގެ ކުރިމަތީގައި ބަދިގެ (ވ): މި ރަށުގައި ކުރިން ބަދިގެ ހަދާ އުޅުނީ ގެއާ ދުރުގައި.-- ފޮޓޯ: މިހާރު

ރަސްމާދޫ ގެއެއްގެ ކުރިމަތީގައި ބަދިގެ (ވ): މި ރަށުގައި ކުރިން ބަދިގެ ހަދާ އުޅުނީ ގެއާ ދުރުގައި.-- ފޮޓޯ: މިހާރު

"އަދިވެސް ބައެއް ގޭގޭގައި ގުޅަ ތެލަށް އަޅައި، ރިހާކުރު ކައްކާ ކަންތައް ކުރަން މި ބަދިގެ ބޭނުންކުރޭ،" ނަދީމް ވިދާޅުވި އެވެ.

"ބަދިގޭގައި ތަޅުން އަޅާފައި އޮންނަ ތަނުގައި ކުދިކުދި ގޮނޑި ބަހައްޓައިގެން ކުރީގައި ކައި އުޅުނީ ވެސް."

ރ. އަތޮޅުގެ އެހެން ބައެއް ރަށްރަށުގަޔާއި އެހެން އަތޮޅުތަކުގެ ބައެއް ރަށްތަކުގައި ވެސް މިގޮތަށް ބަދިގެ ހަދައި އުޅުނު ކަމަށްވެ އެވެ. ބައެއް މީހުން ބުނި ގޮތުގައި، މިގޮތަށް ބަދިގެ ހެދުމުގެ އެންމެ ބޮޑު ބޭނުމަކަށްވީ އަލިފާނުގެ ހާދިސާއެއް ކަހަލަ ކަމެއް ހިނގާފައި ނެތީ ރައްކާތެރިކަމުގެ ގޮތުންނެވެ.

ކުރީގެ ބައެއް ގެވަޅުތައް ދިން އިރު، މިހެން އެކި ރަށްރަށުގައި މަގުގެ އެއްފަރާތުގައި ގެ، އަދި އަނެއް ފަރާތުގައި ބަދިގެ ހުރެ އެވެ. އެކަމަކު އެއީ ވަރަށް މަދުންނެވެ. އެކަމަކު ރަސްމާދޫގައި އެއީ އާންމު ކަމެކެވެ.