Roadha Mihaaru
ނިއު ޒީލެންޑުގެ ޖުޑީޝަލް ބެންޗަށް ދިވެއްސެއް

ނިއު ޒީލެންޑުގެ ޖުޑީޝަލް ބެންޗަށް ދިވެއްސަކު އައްޔަންކޮށްފި

07 އެޕްރީލް 2023

ނިއު ޒީލެންޑުގެ ޖުޑީޝަލް ބެންޗަށް ދިވެއްސަކު އައްޔަންކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނިއު ޒީލެންޑުގެ ޖުޑީޝަލް ބެންޗަށް ދިވެއްސަކު އައްޔަންކޮށްފި އެވެ.

ޖުޑީޝަލް ބެންޗަށް އައްޔަންކޮށްފައި ވަނީ 2000 ވަނަ އަހަރުން ފެށިގެން ނިއު ޒީލެންޑުގައި ދިރިއުޅޭ ހ. ރަންގަލި އިހުސާނާ އަގީލެވެ.

ނިއު ޒީލެންޑުގެ ޖުޑީޝަރީގެ ބެންޗު ބަހާލާފައި ވަނީ ތިން ބަޔަކަށެވެ. އެއީ ޖުޑީޝަލް ޖަސްޓިސް، ކޮމިއުނިޓީ މެޖިސްޓްރޭޓްސް އަދި ފަނޑިޔާރެވެ. އެ ކޮންމެ ލެވެލްއެއްގައި ޒިންމާ ތަފާތެވެ.

އިހުސާނާ އައްޔަންކުރީ ޖުޑީޝަލް ޖަސްޓިސްގެ މަގާމަށެވެ. އޭނާގެ ޒިންމާއަކީ ކުދި ކުށްތައް ހިމެނޭ އެއް ވަނަ ކެޓަގަރީގެ މައްސަލަތައް ބެލުމެވެ. އެ މައްސަލަތައް ބަލައި ޖަލަށް ލުމަށް ހުކުމް ކުރުމުގެ ބަދަލުގައި ޖޫރިމަނާކުރުން ނުވަތަ ކޮމިއުނިޓީގައި މަސައްކަތްކުރަން އަމުރުކުރާނެ އެވެ. އޭގެ އިތުރުން ކުށެއްގެ ތުހުމަތުގައި މީހަކު ފުރަތަމަ ފަހަރަށް ހާޒިރުކޮށްފި ނަމަ، އެ މައްސަލައެއް ވެސް ބެލޭނެ އެވެ.

އިހުސާނާ "މިހާރު" އަށް ވިދާޅުވީ ނިއު ޒީލެންޑުގެ ގާނޫނީ ނިޒާމް ބައްޓަންކޮށްފައި އޮންނަ ގޮތުން، ޖުޑީޝަލް ޖަސްޓިސްއަކަށް ވެވޭނީ ޖަސްޓިސް އޮފް ޕީސްގެ މަގާމު ފުރުމަށް ފަހު ކަމަށެވެ. އޭނާ ޖަސްޓިސް އޮފް ޕީސްގެ މަގާމަށް 2010 ވަނަ އަހަރު ވަނީ އައްޔަންކޮށްފަ އެވެ.

އިހުސާނާ.

އިހުސާނާ.

އެ ޒިންމާގެ ތެރޭގައި ލިޔެކިޔުމާއި ސެޓްފިކެޓް އެޓެސްޓުކުރުމާއި ރަށްވެހިކަމުގެ ހުވައި ލައިދިނުމާއި ކައިވެނި ރޫޅާލުން ފަދަ ކަންތައްތައް ހިމެނެ އެވެ.

ޖަސްޓިސް އޮފް ޕީސްގެ ގޮތުގައި ކިތަންމެ ގިނަ ދުވަހަކު މަސައްކަތް ކުރިޔަސް ޖުޑީޝަލް ޖަސްޓިސް އަކަށް ބަދަލުވާއިރު ފުރިހަމަކުރަންޖެހޭ ޓެސްޓުތަކެއް އޮވެ އެވެ. އެހެންވެ، އިހުސާނާ އަށް ވެސް ލިބިވަޑައިގެންނެވި ފުރުސަތުގައި ޓެސްޓުތަކެއް ހެއްދެވުމަށް ފަހު، ސީނިއާ ފަނޑިޔާރެއްގެ ކުރިމަތީގައި އޭނާގެ ގާބިލްކަން ސާބިތުކޮށްދޭން ޖެހުނެވެ.

"އަޅުގަނޑުމެންނަކަށް މި ވަޒީފާއަށް ކުރިމައްޗެއް ނުލެވޭނެ. މިއީ މި މުޖުތަމައުގެ ހިދުމަތާއި އިޖްތިމާއީ އަދުލު އިންސާފަށް އޮތް ޝައުގުވެރިކަން އިތުރުވެގެންދިޔަ ކަމެއް." ނިއު ޒީލެންޑުގެ ވެސް ރަށްވެހިކަން އޮންނަ އިހުސާނާ ވިދާޅުވި އެވެ.

ނަމަވެސް، މިއީ އޭނާގެ ފުލްޓައިމް ވަޒީފާއެއް ނޫނެވެ. އިހުސާނާގެ ރަސްމީ ވަޒީފާއަކީ ލޯންގް ސިސްޓަމް ޕްލޭނިންގެ މެނޭޖަރުކަމެވެ. އެހެންވެ، ހަފުތާގެ ދުވަސްތަކުގައި ވަރަށް މަދުން ނޫނީ ކޯޓަށް ވަޑައެއް ނުގަންނަވަ އެވެ. ކޯޓުގެ މަސައްކަތް އާންމުކޮށް އޮންނަނީ ހޮނިހިރު ދުވަހު އެވެ.