Roadha Mihaaru
މީދޫ އަނދިރިކޮށްލައި އިންސާފަށް އެދި އަޑުއުފުލައިފި

އަނަސްގެ މަރަށް ހަތް އަހަރު ވުމުން މީދޫ އަނދިރިކޮށްލައި، އިންސާފަށް އެދި އަޑުއުފުލައިފި

01 އޯގަސްޓް 2024

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރަށް ހަތް އަހަރުވުމުން އޭނާގެ އުފަން ރަށް ރ. މީދޫ ރޭ އަނދިރިކޮށްލައި އިންސާފަށް އެދި އަޑުއުފުލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރަށް ހަތް އަހަރުވުމުން އޭނާގެ އުފަން ރަށް ރ. މީދޫ ރޭ އަނދިރިކޮށްލައި އިންސާފަށް އެދި އަޑުއުފުލައިފި އެވެ.

އަނަސް މަރާލި ވަގުތާއި އެއްވަގުތެއްގައިހެން ރޭ 15 މިނިޓަށް މީދޫގެ ހުރިހާ މަގު ބައްތިތަކެއް ނިއްވާލައި މުޅި ރަށް އަނދިރިކޮށްލި އެވެ. އަދި ސޯޝަލް މީޑިއާގައި ވަނީ އަނަސްގެ މަރަށް އިންސާފަށް އެދި އަޑުއުފުލައިފަ އެވެ.

އަނަސް މަރާލީ ޖުލައި 31، 2017 ވަނަ ދުވަހުގެ ރޭ 9:15 އާއި 9:30 އާ ދެމެދުގަ އެވެ. މީދޫގައި ރޭ މި ހަރަކާތް ބޭއްވީ ވެސް އެ ގަޑިއާ ދިމާކޮށެވެ.

މިއީ މީދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ހަރަކާތެކެވެ.

މުހައްމަދު އަނަސް: އޭނާ މަރާލި ފަހުން އިއްޔެއަށް ވަނީ ހަތް އަހަރު ވެފައި.

މުހައްމަދު އަނަސް: އޭނާ މަރާލި ފަހުން އިއްޔެއަށް ވަނީ ހަތް އަހަރު ވެފައި.

މިކަމުން ދައްކައި ދެނީ އަނަސްގެ މަރުގެ ޚަބަރާ އެކު، މީގެ ހަތް އަހަރު ކުރިން އެ ރޭ އެ ރަށަށް ކުރިމަތިވި ބަނަކަމާއި އަނދިރިކަން ކަމަށާއި އަދި މިއަދު ވެސް އިންސާފު ނުލިބި ރައްޔިތުން ތިބީ އެ އަނދިރިކަމުގައި އެ ހާލަތުގައިކަން ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ އެ މަރަށް ހަތް އަހަރު ވީއިރު ވެސް ރައްޔިތުންގެ ހިތްތަކުން އެ ބިރުވެރި، ހިތާމަވެރި ހިނދުކޮޅު ހަނދާނުން ފިލައިގެން ނުދާ ކަމަށެވެ.

އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި އެންމެންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހައި ކޯޓުގައި މިދިޔަ މެއި މަހު ވަނީ އިސްތިއުނާފުކޮށްފަ އެވެ.

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ. ގަސްދުގައި މީހަކު މަރާލުމުގެ ދައުވާކުރީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށެވެ.

ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލީ ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.

އަނަސް މަރާލިތާ ހަތް އަހަރު ފަހުން ކޯޓުން އިއްވި ހުކުމްގައި ބުނީ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ރިއާޔަތްކޮށް، އެ ހަތް މީހުން ކުށުގައި ބައިވެރިވާ ކަމަށް އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ.