Roadha Mihaaru
ނައީމާގެ މަރާ ގުޅިގެން ފަޅުގެއެއް ބަލައި ފާސްކުރަނީ

ނައީމާގެ މަރާ ގުޅިގެން ފުލުހުން ފަޅުގެއެއް ބަލައި ފާސްކުރަނީ

09 އެޕްރީލް 2023

ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ މިދިޔަ ހުކުރުދުވަހު ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން އެ ރަށުގެ ފަޅުގެއެއް ބަލައި ފާސްކުރަން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ މިދިޔަ ހުކުރުދުވަހު ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން އެ ރަށުގެ ފަޅުގެއެއް ބަލައި ފާސްކުރަން ފަށައިފި އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަބްދުއްރަހުމާން ސަބީހު "މިހާރު" އަށް ވިދާޅުވީ މަނަދޫގައި ހުންނަ ނ. އަތޮޅު އަތޮޅު ހޮސްޕިޓަލާ ކައިރީގައި ހުންނަ ފަޅުގެއެއް މިއަދު ހެނދުނުން ފެށިގެން ފުލުހުން ފާސްކުރަމުން އަންނަ ކަމަށެވެ. ނައީމާގެ މަރާ ގުޅިގެން ހިންގާ ތަހުގީގުގައި ބަލާފާސްކުރަމުން ދިޔަ ނަމަވެސް އެއީ ކޮން ކަމަކަށް ޝައްކުކުރެވިގެން ކަމެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

"އެ ގެއަކީ ވަރަށް ގިނަ ދުވަސް ވަންދެން ފަޅަށް ހުރި ގެއެއް. އެ ގޭގެ މީހުން މިހާރު ދިރިއުޅެނީ [މަނަދޫ] އެހެން ގެއެއްގައި،" ސަބީހު ވިދާޅުވި އެވެ.

އެކަނި ދިރިއުޅެމުން އައި ނައީމާ މަރާލާފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވެގެން ފުލުހުން އެގޭގެ ދޮރު ވައްޓާލައިގެން ވަދެ ބެލި އިރެވެ. އޭނާ ފެނުނުއިރު ހަށިގަނޑުގައި ބޮޑެތި ޒަހަމްތައް ހުއްޓެވެ. ތަހުގީގަށް ބޭނުންވާ މައުލޫމާތު ފުލުހުން ނެގުމަށް ފަހު، ނައީމާގެ ހަށިގަނޑު އިއްޔެ ހަވީރު ވަނީ އެ ރަށުގައި ވަޅުލައިފަ އެވެ.

އާންމުކޮށް މަރުގެ މައްސަލަތަކުގައި މީހުން ވަޅުލަނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ކަމުގައި ވިޔަސް، މި މައްސަލާގައި ޕޯސްޓްމޯޓަމް ނެހެދީ ހަށިގަނޑުން ބޭނުންވާ ސާމްޕަލްތައް ލިބިފައި ވާތީ އާއި އިތުރަށް ޕޯސްޓްމޯޓަށް ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ތަހުގީގުކުރަން ފުލުހުންގެ ހާއްސަ ޓީމެއް މާލެއިން އެ ރަށަށް ގޮސް، މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެ މައްސަލަ ނިމެންދެން، ކައުންސިލްގެ ހުއްދަ ނެތި އެ ރަށަށް އަރައި، ފޭބުން ކައުންސިލުން ވަނީ މަނާކޮށްފަ އެވެ.