Roadha Mihaaru
އަރަބިއްޔާގެ އާ އިމާރާތް އަންނަ އަހަރު ހުޅުވޭނެ

ޝެޑިއުލާ އެއްގޮތަށް އަންނަ އަހަރު އަރަބިއްޔާގެ އާ އިމާރާތް ނިމޭނެ: މިނިސްޓަރު

10 އެޕްރީލް 2023

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ނަމަ އަންނަ އަހަރުގެ ދިރާސީ އާ އަހަރު ހުޅުވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ނަމަ އަންނަ އަހަރުގެ ދިރާސީ އާ އަހަރު ހުޅުވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމަށް މަޖިލީހަށް ހާޒިރުވެވަޑައިގެން މިނިސްޓަރު ވިދާޅުވީ އަރަބިއްޔާ ސްކޫލް އާ އިމާރާތުގެ ކޮންސެޕްޓް ކުރެހުން މިހާރު އެއްކޮށް ފައިނަލް ކޮށްފައިވާ ކަމަށާއި މިހާރު ކުރިޔަށް ދަނީ ޑީޓެއިލް ޑްރޯވިންގެ މަސައްކަތް ކަމަށެވެ.

އެ މަސައްކަތް ވެސް މި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާއި މިއަދުގެ ވަގުތެއްގައި ބާޖަމާލުއްދީނުގައި އަމަލީ މަސައްކަތް ވެސް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޝެޑިއުލާ އެއްގޮތަށް ދަންޏާ ލަފާކުރެވެނީ 2024 ވަނަ އަހަރުގެ ދިރާސީ އާ އަހަރަށް ހުޅުވޭނެ ކަމަށް." އައިޝަތު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ އަރަބިއްޔާ ސްކޫލުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

މީގެ އަށް އަހަރު ކުރިން ބޭނުންކުރަން ފެށި އަރަބިއްޔާގެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ގެއްލުން ލިބިފައި ހުރުމުން މިދިޔަ އަހަރުން ފެށިގެން އެ ސްކޫލުގެ ކުދިން ވަގުތީ ގޮތުން ކިޔަވަނީ ފޮރިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގަ އެވެ.

އެކަމަކު، އެ ތަނުގެ ހާލަތު ރަނގަޅު ނޫން ކަމަށް ބުނެ ބެލެނިވެރިން އަންނަނީ ޝަކުވާ ކުރަމުންނެވެ.