Roadha Mihaaru
ނައީމާގެ މަރު؛ ތަހުގީގަށް ކުރިއެރުމެއް ނުލިބި ހާސްކަން

ނައީމާގެ މަރަށް ހަފްތާއެއް؛ ތަހުގީގަށް ކުރިއެރުމެއް ނުލިބި ހާސްކަން

13 އެޕްރީލް 2023

ނ. މަނަދޫގައި އަނިޔާވެރިކޮށް މީހަކު މަރާލާފައި އޮއްވައި ފެނުނުތާ ހަފްތާއެއްވީ އެވެ. ނިސްބަތުން ކުށް މަދު އެ ރަށް ބިރުވެރިކަމުގެ ތެރެއަށް ވައްޓާލި މަރުގެ ތަހުގީގުގައި މިހާތަނަށް ކުރިއެރުމެއް ނުލިބި ސުވާލުތައް ވަނީ ގިނަވެފަ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ނ. މަނަދޫގައި އަނިޔާވެރިކޮށް މީހަކު މަރާލާފައި އޮއްވައި ފެނުނުތާ ހަފްތާއެއްވީ އެވެ. ނިސްބަތުން ކުށް މަދު އެ ރަށް ބިރުވެރިކަމުގެ ތެރެއަށް ވައްޓާލި މަރުގެ ތަހުގީގުގައި މިހާތަނަށް ކުރިއެރުމެއް ނުލިބި ސުވާލުތައް ވަނީ ގިނަވެފަ އެވެ.

އުމުރުން 62 އަހަރުގެ ނައީމާ މޫސާގެ ހަބަރެއް ނުވާތާ ދެ ދުވަސް ވެގެން މިދިޔަ ހުކުރު ދުވަހު ގެޔަށް ގޮސް ދޮރު ވައްޓާލައިގެން ވަން އިރު އޭނާ "މަރުވެފައި އޮއްވައި" ފެނުނުކަން ފިޔަވައި މިކަމާ ބެހޭ ގޮތުން ފުލުހުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އެކަމަކު އެނގިފައިވާ ގޮތުގައި ނައީމާ އޮތީ ހަށިގަނޑުގެ 25 އަށް ވުރެ ގިނަ ތަނަށް ވަޅި ހަރައި މަރާލައިފަ އެވެ. ކަނދުރާމަތިން ބުރިކޮށްލަން ވެސް މަސައްކަތްކޮށްފައިވެ އެވެ. ނައީމާގެ ހަށިގަނޑު އޮތީ އޭނާ ނިދާ އެނދު ކައިރީ ބިންމަތީގަ އެވެ.

މަރާ ގުޅޭ ގޮތުން ސުވާލުކުރުމުން ފުލުހުންގެ ޖަވާބަކީ އަދި ހާމަކުރާނެ މައުލޫމާތެއް ނެތް ކަމަށެވެ.

މައުލޫމާތު އެނގޭ މީހަކު ބުނީ ނައީމާ އެކަނި އުޅޭ ގޭތެރެއަށް ވަންނަ ދޮރު ހުރީ ހުޅުވާފައި ކަމަށާއި ނައީމާގެ ހަށިގަނޑު އޮތީ އޭނާ ނިދާ ކޮޓަރީގައި ކަމަށާއި އެއީ އާދައިގެ އެޕޯލޯ ތަޅެއް ހަރުކޮށްފައި ހުރި ކޮޓަރިއެއް ކަމަށެވެ. އެހެންވެ އޭނާއަށް ހަމަލާދިން މީހަކު ނުވަތަ ބަޔަކަށް ދޮރު ތަޅުލާފައި ވެސް ދެވޭނެ އެވެ.

ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ސޮބީހް ވިދާޅުވިގޮތުގައި ގާތިލް ނުފެނި ހޭދަވާ ކޮންމެ ހިނދުކޮޅަކީ ވެސް ކަންބޮޑުވުމެކެވެ. އެ މަރާ އެކު އުފެދުނު ބިރުވެރިކަމުގައި މީހުން ބޭރަށް ނުކުމެ އުޅުން ވެސް މިހާރު މަދުވެފައިވާ ކަމަށް ވިދާޅުވި އެވެ.

މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާ

މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާ

"ބައެއް މީހުންނަށް މިކަމާ ގުޅިގެން ނަފްސާނީ އުނދަގޫތައް ވެސް ވަނީ ކުރިމަތިވެފައި. ތަހުގީގަށް އަދި ކުރިއެރުމެއް ނެތުމުން އެއީ އިންތިހާއަށް ކަންބޮޑުވުން އޮތް ކަމެއް. ގާތިލް މި ރަށުތެރޭ އުޅޭ ކަމެއް ނުވަތަ ނޫން ކަމެއް އެނގެނީއެއް ނޫން،" ސޮބީހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުން ރަށުތެރެ ބެލެހެއްޓުމާއި ރަށަށް އަރައި ފައިބައި މީހުން މޮނިޓަކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ފަހުން ފުލުހުންނާ ބައްދަލުކުރުމުން ވިދާޅުވީ އަދި މިވަގުތަށް ދެއްކޭނެ ވާހަކައެއް ނެތް ކަމަށް. އަޅުގަނޑުމެން ފުލުހުންނަށް އިތުބާރު ނުކުރަނީއެއް ނޫން. އެ ބޭފުޅުން ވެސް ވިދާޅުވި ވަގުތު ނަގާނެ ކަމަށް،" ސޮބީހް ވިދާޅުވި އެވެ.

އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް ގަބޫލުކުރެވިފައި ވަނީ ނައީމާގެ ގާތިލު އުޅޭނީ ރަށުގައި އުޅޭ ބިދޭސީންގެ ތެރޭގައި ކަމަށެވެ. އެކި ޕްރޮޖެކްޓްތަކަށް ގިނަ އަދަދެއްގެ ބިދޭސީން މަނަދޫގައި އުޅޭއިރު ރަށު މީހުންނަށް ހަގީގަތް ނޭނގޭ ބަޔަކަށް އުޅެނީ އެ ބިދޭސީންނެވެ.

ދެން އޮތީ ސިހުރާ ގުޅުވައިގެން ނައީމާއަށް ކުރާ ތުހުމަތެވެ.

"އެކަމުގައި ހިތްހަމަނުޖެހޭ ކަންތައްތަކެއް ހުރެގެން އޭނާއަށް ކަމެއް ކުރާނެ ނަމަ މިއަދަކު ނޫން މި ރަށު މީހުން ކަމެއް ކުރާނީ. އޭނާއަށް އެ ކުރާ ތުހުމަތެއް ކުރާތާ އެތައް އަހަރެއް. އެހެންވެ ރަށު މީހުން ސުވާލު އުފައްދަނީ،" ނަން ނުޖަހާ ގޮތަށް ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އޭނާ ބުނީ ރަށުގައި މިހާރު ގިނަ އަދަދެއްގެ ބިދޭސީން އުޅޭއިރު އެކި ކަންކަމުގައި ބިދޭސީން އައިސް އުޅޭ ކަމަށެވެ.

ނައީމާ އަށް ކަމެއް ކޮށްފާނެ ކަމަށް ތުހުމަތު ކުރެވޭ ވަރުގެ މީހަކު ވެސް މަނަދޫގައި ނެތް ކަމަށް ގިނަ މީހުން ގަބޫލު ކުރެ އެވެ.

ކައުންސިލްގެ ރައީސް ސޮބީހް ވިދާޅުވީ މަނަދޫގެ ބައެއް މީހުން ބިދޭސީންނަށް ތުހުމަތުކުރަނީ އެފަދަ އަނިޔާވެރި އަމަލެއް ހިންގަފާނެ އެ ރަށުގެ މީހަކު އުޅޭނެ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ. އޭނާ ވިދާޅުވީ ރަށުތެރޭ އެކި ގޮތްގޮތަށް ވާހަކަ ދެއްކެވޭ ކަމަށާއި އެކަމަކު ތުހުމަތުވާ ވަކި މީހަކު ނެތް ކަމަށާއި މިވަގުތު ކޮންމެ މީހަކީ ވެސް ތުހުމަތު އޮތް މީހެއް ކަމަށް ބަލައިގެން ތަހުގީގު ކުރިއަށްދާ ކަމަށެވެ.

ބެލެވޭ ގޮތުން ނައީމާގެ ހަށިގަނޑު ފެނުނީ އޭނާ މަރާލިތާ ދެ ދުވަހެއް ފަހުންނެވެ. އެގޮތަށް ބެލެވެނީ، މަގު ކުނިކެހުމުގެ ވަޒީފާގައި އުޅޭ ނައީމާ ބުރާސްފަތި ދުވަހު ވެސް ޑިއުޓީއަށް ނުދާތީ ބަޔަކު ގޮސް އޭނާގެ ކޮޓަރީގައި ޓަކި ޖެހުމުން ވެސް ހަބަރެއް ވެފައި ނުވާތީ އެވެ. އޭނާ އަށް ވީގޮތެއް ބަލަން ކޮޓަރިއަށް ވަނީ ހުކުރު ދުވަހު ގޮސް ގޮވުމުން ވެސް ހަބަރެއް ނުވުމުންނެވެ.