Roadha Mihaaru
މަރުގެ ތުހުމަތު އޮއްވައި ހައްޔަރުވީ ޑްރަގާ އެކު

ނައީމާގެ މަރަށް ތުހުމަތު އޮއްވައި ހައްޔަރުވީ ޑްރަގާ އެކު

27 މެއި 2023

ނ. މަނަދޫގައި މަރާލާފައި އޮައްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލާގައި ތުހުމަތުވާ މީހަކު ވެސް ނެތި ދެ މަސް ވާން ގާތްވި ފަހުން ކުއްލިއަކަށް ދެ މީހަކު ހައްޔަރުކޮށް އެތަނުން އެކަކު ހުރިހާ ވާހަކައެއް ކިޔައިދިނީ އެވެ. މަރުގެ މައްސަލާގައި އެންމެ ފުރަތަމަ ހައްޔަރުކުރި މީހާ އަކީ މީގެ ހަތަރު ދުވަސް ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހެއް ނަމަވެސް، އެއީ މަރުގެ ތަހުގީގުގައި ފުލުހުންނަށް ފާހަގަވެ "ބަލަމުން" އައި މީހުންގެ ތެރެއިން މީހެއް ކަމަށް ވަނީ އެނގިފަ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ނ. މަނަދޫގައި މަރާލާފައި އޮައްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލާގައި ތުހުމަތުވާ މީހަކު ވެސް ނެތި ދެ މަސް ވާން ގާތްވި ފަހުން ކުއްލިއަކަށް ދެ މީހަކު ހައްޔަރުކޮށް އެތަނުން އެކަކު ހުރިހާ ވާހަކައެއް ކިޔައިދިނީ އެވެ. މަރުގެ މައްސަލާގައި އެންމެ ފުރަތަމަ ހައްޔަރުކުރި މީހާ އަކީ މީގެ ހަތަރު ދުވަސް ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހެއް ނަމަވެސް، އެއީ މަރުގެ ތަހުގީގުގައި ފުލުހުންނަށް ފާހަގަވެ "ބަލަމުން" އައި މީހުންގެ ތެރެއިން މީހެއް ކަމަށް ވަނީ އެނގިފަ އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކާއި ތޫނު ހަތިޔާރު ގެންގުޅުމުގެ މައްސަލާގައި މީގެ ކުރިން ވެސް ހިމެނިފައިވާ އަހްޒަމް އަބްދުއްޝަކޫރު ،23، އަކީ ނައީމާގެ މަރުގެ މައްސަލާގައި ތުހުމަތުވާ މީހެއް ކަމަށް ފުލުހުން ފުރަތަމަ ފަހަރަށް ބުނީ އޭނާ އަކީ ބަންދުގައި ބަހައްޓަންޖެހޭ ނުރައްކާ މީހެއްކަން ޝަރީއަތަށް ހާމަކުރުމުގެ ގޮތުން އިއްޔެ ބަންދުގެ މަޖިލީހުގަ އެވެ. އެއާ އެކު އެއީ ތެދެއްދޯ ގާޒީ ސުވާލުކުރެއްވުމުން އަހްޒަމް ވަނީ ފުލުހުން ބުނަނީ ތެދެއް ކަމަށް ބުނެ ބައެއް ތަފްސީލް ވެސް ދީފަ އެވެ.

އޭނާ ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލާގައި ކަމަށް ވާތީ ރަށުތެރޭ ވެސް މަރުގެ މައްސަލައާ އޭނާއާ ގުޅުވައިގެން އެއްވެސް ވާހަކައެއް މިހާތަނަކަށް ނުދައްކަ އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކާއި ތޫނު ހަތިޔާރު ގެންގުޅުމުގެ މައްސަލާގައި މީގެ ކުރިން ވެސް ހިމެނިފައިވާ އަހްޒަމް މިފަހަރު ފުލުހުން ހައްޔަރުކުރީ އޭނާގެ ކޮޓަރިން ފެނުނު 50.1 ގްރާމް މަސްތުވާތަކެއްޗާ އެކުގައި ކަމަށް އޭނާގެ ބަންދަށް 14 ދުވަސް އިތުރުކޮށް މަނަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނެފައިވެ އެވެ. އަދި މިހާރު ވަނީ މަރުގެ މައްސަލާގައި ހައްޔަރު އަމުރެއް ވެސް ހޯދައިފަ އެވެ. އަދި އޭގެ ކުރިން ވެސް ފުލުހުން އައީ އަހްޒަމްއާ ދެކޮޅަށް އިތުރު ހެކި ހޯދައި މައުލޫމާތު އެއްކުރަމުންނެވެ.

އަހްޒަމް ދިން މައުލޫމާތަށް ބަލައި އުމުރުން 20 އަހަރުގެ މީހަކު ފަހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ކުޑަ އިރުކޮޅެއްގެ ތެރޭ ފުލުހުން ވަނީ ނައީމާއަށް ހަމަލާދޭން ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅި އާއި ހަމަލާ ދިން މީހުން އެކަން ކުރި ވަގުތު ލައިގެން ތިބި ކަމަށް ބެލެވޭ އަންނައުނު އަތިރިމަތީ ވަޅުލާފައި ހުއްޓާ ހޯދައިފަ އެވެ. އެ އެއްޗެހި ހުރީ ވަޅުގަނޑެއްގެ ތެރެއަށް އަޅައި ރޯކޮށްލުމުން ވަރަށް ބޮޑަށް އަނދައިފަ އެވެ.

އަނިޔާވެރިކޮށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާ

އަނިޔާވެރިކޮށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާ

އެނގިފައިވާ ގޮތުގައި، ނައީމާ މަރާލި ރޭ މި ދެ މީހުން ކާރެއްގައި ރަށުތެރޭ އުޅެފައިވެ އެވެ. ފުލުހުން ވަނީ އެ މީހުން ކާރުގައި އެ ރޭ ރަށުތެރޭ އުޅުނު ގޮތް ކުޅުވައިފަ އެވެ. އެ ކާރަކީ އެހެން މީހެއްގެ އެއްޗެކެވެ.

އަހްޒަމްގެ ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާ އެންމެ ފުރަތަމަ ހައްޔަރުކުރުމުން ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށް ބުނުމުން ބަންދަށް ދިނީ ތިން ދުވަހެވެ. އެހެންވެ އިއްޔެ ކޯޓަށް ހާޒިރުކުރީ ވެސް ދިފާއީ ވަކީލަކާ އެކުގަ އެވެ. އޭނާ ދިފާއުގައި ބުނެފައިވަނީ މަސްތުވާތަކެތި ފެނުނު ތަނަކީ މީގެ ކުރިން ވެސް ފެންލައިޓުން މީހުން ވަދެ ވައްކަންކޮށްފައިވާ ތަނެއް ކަމަށާއި އެތަނަށް އެހެން މީހުން ވެސް ވަދެ އުޅޭ ކަމަށެވެ. އެހެންވެ އޭނާ އެދިފައި އޮތީ ބަންދަށް ލުޔެއް ދިނުމަށެވެ.

އެކަމަކު މިއީ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއް ކަމަށް ވާތީ އާއި ހެއްކަށް ނުފޫޒު ފޯރުވުން ފަދަ ކަމެއް ކޮށްފާނެ ކަމުގެ ފުރުސަތު އޮތުމުން ގާޒީ ނިންމެވީ ބަންދުގައި ބެހެއްޓުމަށެވެ. ފުލުހުން ކޯޓުގައި ބުނި ގޮތުގައި ކުށުގެ ރެކޯޑް ކުރިން ވެސް އޮތް އަހްޒަމްއާ ދެކޮޅަށް ހެކިބަސް ދޭން ތިބި މީހުންގެ ތެރޭގައި އޭނާގެ މަންމަ އާއި ބައްޕަ އާއި އެއްބަނޑު އެއްބަފާ މީހުން ވެސް އެބަތިއްބެވެ.

ނައީމާ މަރާލި ކަމަށް ބެލެވެނީ އޭނާ ނިދާފައި އޮއްވައި ގޭތެރެއަށް ދެ އެވެ. ކަރަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ މަރާލާފައި އޮއްވައި އޭނާ ފެނުނީ ޚަބަރެއް ނުވާތާ ދެ ދުވަސް ފަހުން ބަޔަކު ފުލުހުންނާ އެކު ގޮސް ކޮޓަރި ދޮރު ހަލާކުކޮށްލައިގެން ވަދެ ބެލި އިރު އޭޕްރީލް ހަތް ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ފުލުހުންގެ ތަހުގީގުގައި ވަނީ 600 އަށް ވުރެ ގިނަ މީހުންގެ ފޮރެންސިކް ސާމްޕްލަ ނަގައިފަ އެވެ. އެއީ ކުށުގެ ވެށިން ލިބިފައިވާ ފޮރެންސިކް ހެއްކާ ގުޅުވާލެވޭ ހެކި ހޯދުމަށެވެ.