Roadha Mihaaru
ނައީމާގެ ގާތިލް ހޯދޭނެ ހެކި އެބަހުރި: އޭސީޕީ ރިޔާޒް

ނައީމާގެ މަރުގެ މައްސަލައިގައި ގިނަ ބައެއްގެ ސާމްޕަލް ނަގަނީ ފޮރެންސިކް ހެކި ލިބިފައި ހުރުމުން: އޭސީޕީ ރިޔާޒް

18 މެއި 2023

ނ. މަނަދޫގައި މަރާލާފާއި އޮއްވައި ފެނުނު ނައީމާ މޫސާގެ ގާތިލް ކަމަށް ބެލެވޭ މީހާގެ ޑީއެންއޭ އާއި އިތުރު ފޮރެންސިކް ހެކި ވެސް ފުލުހުންގެ ތަހުގީގަށް ލިބިފައިވާ ކަމަށް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އޭސީޕީ މުހައްމަދު ރިޔާޒް ވިދާޅުއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ނ. މަނަދޫގައި މަރާލާފާއި އޮއްވައި ފެނުނު ނައީމާ މޫސާގެ ގާތިލް ކަމަށް ބެލެވޭ މީހާގެ ޑީއެންއޭ އާއި އިތުރު ފޮރެންސިކް ހެކި ވެސް ފުލުހުންގެ ތަހުގީގަށް ލިބިފައިވާ ކަމަށް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އޭސީޕީ މުހައްމަދު ރިޔާޒް ވިދާޅުއްޖެ އެވެ.

މި ހަފްތާގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި އޭސީޕީ ރިޔާޒް މަނަދު އަށް ކުރެއްވި ދަތުރުގައި އެ ރަށުގެ ކައުންސިލާއި އާންމުގެ ތެރެއިން ބަަޔަކާ ބައްދަލުކުރެއްވިއިރު، ރަށުގެ ގިނަ ބައެއްގެ ސާމްޕަލް ފުލުހުން ނަގަމުންދާތީ ބައެއް މީހުން ނުރުހުން ފާޅުކޮށް ޝަކުވާ ކޮށްފައި ވެ އެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލުކުރުމުން ރިޔާޒު ވިދާޅުވީ އެއީ ސާމްޕަލް ނަގަމުންދާ ބޭނުމާއި އެ ސާމްޕަލް ދިނުމުގައި ރައްޔިތުންނަށް އޮތް އިޚްތިޔާރު އެންމެ ރަގަޅަށް ސާފު ނުވެ އޮތުމުން އައި ޝަކުވާއެއް ކަމަށެވެ.

ރިޔާޒު ވިދާޅުވީ އެ މައްސަލައިގައި މިހާތަނަށް ފުލުހުންގެ ފޮރެންސިކް ޓީމުން ކުރި މަސައްކަތްތަކުން ކުށުގެ ވެށިން ގިނަ އަދަދެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެ ތެރޭގައި ކުށް ކުރި ކަމަށް ބެލެވޭ މީހާގެ ޑީއެންއޭ އާއި އިތުރު ފޮރެންސިކް ސާމްޕަލްތައް ވެސް ހިމެނޭ ކަމަށެވެ. މި ވަގުތު އެ ސާމްޕަލްތައް ފުލުހުންގެ ސެންޓްރަލް ލެބޯޓަރީގައި ޕްރޮސެސް ކުރަމުން އަންނައިރު މަސައްކަތް އަަވަސް ކުރަން އައްޑު އާއި ކުޅުދުއްފުށީގައި ހުންނަ ފުލުހުންގެ ލެބޯޓަރީ އަށް ވެސް ބައެއް ސާމްޕަލްތައް ފޮނުވަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވިގޮތުގައި، ރާއްޖެ އިން ބޭރުން ބައެއް ތަހްލީލުތައް ކުރުމުގެ މަސައްކަތް ވެސް އެބަ ކުރެ އެވެ.

މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާ

މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާ

ސާމްޕަލް ނެގުމުގައި އުފެދިފައިވާ ކަންބޮޑުވުމާ ގުޅޭ ގޮތުން ރިޔާޒް ވިދާޅުވީ ސާމްޕަލް ނަގަން ފެށީ މަނަދޫ ކައުންސިލް މެދުވެރިކޮށް ވެސް ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ފަހު ކަމަށާއި މިހާރު ވެސް ސާމްޕަލް ނަގަނީ އިއުތިރާޒް ނެތް ކަމުގެ ލިޔުމެއްގައި ސޮއިކުރުމުން ކަމަށެވެ. އެކަމަކު، ސާމްޕަލް ދިނުމަކީ އިޚްތިޔާރީ ކަމެއް ކަން ބައެއް މީހުންނަށް ސާފު ނުވެ އޮތް ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.

"ކުރިޔަށް އޮތް ތަނުގައި ވަކިވަކިން ކޮންމެ މީހަކަށް، ސާމްޕަލް ނެގުމުގެ ކުރިން ފުލުހުން ތަފްސީލްކޮށް އެކަން ބުނެދޭނެ. ސާމްޕަލް ނެގުމުގައި އާއިލީ ގޮތުން ގުޅުން އޮންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ ބައެއް މީހުންގެ ސާމްޕަލް ނަގާފައި ވާތީ އާއިލާ އާއި އަވަށްޓެރިން ވެސް ކަންބޮޑުވުން އޮތްކަން ފާހަގަކުރެވުނު،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އެ ސާމްޕަލްތައް ނެގި ބޭނުން މިހާރު ވަރަށް ތަފްސީލްކޮށް ކިޔައިދީފައި ވާނެ އެވެ.

ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދާއި އިސް ބައެއް އޮފިސަރުން މަނަދޫގައި--- ފޮޓޯ: ޕޮލިސް

ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދާއި އިސް ބައެއް އޮފިސަރުން މަނަދޫގައި--- ފޮޓޯ: ޕޮލިސް

ކްރައިމް ސީނުން ލިބުނު ސާމްޕަލްތައް ތަހްލީލު ކުރާއިރު، ޖާއިޒު ބޭނުމެއް އޮވެގެން އެ ތަނަށް ވަދެފައިވާ ފަރާތެއްގެ ސާމްޕަލް ވެސް ހުރުމަކީ އެކަށީގެންވާ ކަމަކަށް ވާތީ އެ މީހުން އެލިމިނޭޓް ކުރުމަށް ސާމްޕަލް ނަގަންޖެހޭ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާސް ސާމްޕްލިންގައި އެއްވެސް ފަރާތަކަށް މަޖްބޫރު ނުކުރާނެ ކަމަށާއި ނަމަވެސް ތުހުމަތު ކުރެވޭ މީހަކު ސާމްޕަލް ދިނުމަށް އިންކާރުކޮށްފި ނަމަ ގާނޫނުތަކާ އެއްގޮތަށް ސާމްޕަލް ނެގުމުގެ ކަންކަން ކުރިޔަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

މަނަދޫގެ ރައްޔިތުންނާއި އެ ރަށުގައި ދިރިއުޅޭ ބިދޭސީންނާ އެކު މިހާތަނަށް 600 އާ ގާތްކުރާ އަދަދަކަށް މީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހޯދައި ހައްޔަރު ނުކުރެވޭތީ އެ ރަށުގެ މީހުން އަދިވެސް ތިބީ ވަރަށް ބޮޑު ބިރުވެރި ކަމެއްގައި ކަމަށް ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.

ފުލުހުންގެ ދަތުރުގައި ރަށު ކައުންސިލާއި ނައީމާގެ އާއިލާއާ ބައްދަލުކޮށް، އެ މައްސަލައިގައި ހިމެނޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ސީޕީ ހަމީދު ދެއްވި އެވެ.

އޭސީޕީ ރިޔާޒް ވެސް ވިދާޅުވީ އެ މައްސަލައިގައި ހިމެނޭ މީހުން ދެނެގަނެވޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށާއި މުހިންމު ފޮރެންސިކް ހެކިތަކެއް ލިބިފައިވުމުން ގާތިލް ހޯދޭނެކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށެވެ.

ނައީމާގެ މަރަށް ދޮޅުމަސް ވާން ގާތްވާއިރު އެ މައްސަލައިގެ ތަހުގީގަށް މަނަދު އަށް ދިޔަ ޚާއްސަ ޓީމާއި ފުލުހުންގެ ސީނިއާ އިސް ބައެއް އޮފިސަރުން އަދިވެސް މަނަދޫގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.