Roadha Mihaaru
ރާއްޖެ-މޮރިޝަސްގެ 200 މޭލުގެ ސުވާލާއި ކުރު ޖަވާބު!

ރާއްޖެ-މޮރިޝަސްގެ 200 މޭލުގެ ސުވާލަށް ކުރު ޖަވާބެއް!

23 އެޕްރީލް 2023

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ ހިސާބުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން އަންނަ ހުކުރު ދުވަހު ނިންމާއިރު މިހާރު ވެސް ކަނޑައެޅިގެން އެނގޭ ކަމަކީ ރާއްޖޭން މި ހުރިހާ ދުވަހަކު ދައުވާކުރަމުން އައި 200 މޭލުގެ ސަރަހައްދު އެއްކޮށް ނުލިބޭނެ ކަމެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ ހިސާބުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން އަންނަ ހުކުރު ދުވަހު ނިންމާއިރު މިހާރު ވެސް ކަނޑައެޅިގެން އެނގޭ ކަމަކީ ރާއްޖޭން މި ހުރިހާ ދުވަހަކު ދައުވާކުރަމުން އައި 200 މޭލުގެ ސަރަހައްދު އެއްކޮށް ނުލިބޭނެ ކަމެވެ.

ރާއްޖޭގެ ސަރަހައްދުން އެންމެ އިންޗިއެއް ވެސް ގެއްލުމަކީ އެއްވެސް ދިވެއްސަކު އެދޭނެ ކަމެއް ނޫނެވެ. އެކަމަކު މި ގެއްލެނީ ރާއްޖޭގެ ސަރަހައްދުން ބައެއްތޯ އެއީ ސުވާލެކެވެ.

ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) ގައި އޮންނަ ގޮތުން ކޮންމެ ގައުމަކަށް 200 މޭލުގެ ކޮންޓިނެންޓަލް ޝެލްފެއް ލިބިދެ އެވެ. އެކަމަކު ގުދުރަތީ ގޮތުން ބަލާއިރު ކޮންޓިނެންޓަލް ޝެލްފް 200 މޭލަށް ވުރެ ބޭރަށް ދާ ނަމަ އެ ހިސާބަކަށް އިން ކަނޑައަޅަށް ހުށަހެޅެވެ އެވެ. ކަނޑުގެ ސަރަހައްދު ބަހަންޖެހޭ ހިސާބަށް ދިޔައީ ރާއްޖޭން ބައިވެރިވެފައިވާ މި މުއާހަދާގެ ދަށުން ޖުލައި 26، 2010 ގައި ރާއްޖޭން މި 200 މޭލުން ބޭރުން ވެސް ބައެއް ހޯދަން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް ހުށަހެޅުމާ އެކު މޮރިޝަސް އިން އެ ގޮތް ގަބޫލު ނުކޮށް "ފޯމަލް ޕްރޮޓެސްޓް" ހުށަހެޅުމުންނެވެ. މޮރިޝަސް އިން ވެސް ހުށަހެޅީ 200 މޭލަށް ވުރެ ބޮޑު ސަރަހައްދެން ލިބެންޖެހޭނެ ކަމަށް ބުނެ އެވެ.

އަންކްލޮސްގައި މި މައްސަލަ އޮއްވައި، ޗާގޮސްގެ ރަށްތަކުގެ މައްޗަށް އޮންނާނީ އިނގިރޭސި ވިލާތުގެ ސިޔާދަތު ނޫން ކަމަށާއި މޮރިޝަސްގެ ބާރު ކަމަށް ބުނެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019 ވަނަ އަހަރު ނެރުނު އިސްތިޝާރީ ލަފަޔާ އެކު މުޅި މަންޒަރު ބަދަލުވީ އެވެ.

ރާއްޖެ އާއި މޮރިޝަސްގެ އިމުގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ރާއްޖޭ ގާނޫނީ ޓީމް ބައިވެރިވަނީ.

ރާއްޖެ އާއި މޮރިޝަސްގެ އިމުގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ރާއްޖޭ ގާނޫނީ ޓީމް ބައިވެރިވަނީ.

އެ ނިންމުމުގެ މާނަ އަކީ މޮރިޝަސް އަށް ވެސް އެ ގައުމުގެ ވަށައިގެން 200 މޭލުގެ އިގްތިސާދީ ސަރަހައްދެއް ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ލިބުމެވެ. އެކަމަކު ރާއްޖޭން ދަމާލާ 200 މޭލުގެ ރޮނގާއި މޮރިޝަސް އިން ދަމާލާ 200 މޭލުގެ ރޮނގުން 95،000 އަކަކިލޯމީޓަރު ފުށުއަރަ އެވެ. މި ފުށުއަރާ ސަރަހައްދަކީ އެއްވެސް އިރަކު އެއްވެސް ގައުމެއްގެ ބައެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގެންފައެއް ނުވެ އެވެ.

މިތަން ބަހާނެ ގޮތަކާ މެދު ވާހަކަ ދެއްކެވެމުން އަޔަސް ރާއްޖޭން އެއްބަސްވުން ހަދާނީ ޗާގޮސް އިސްތިއުމާރު ކޮށްގެން ތިބި އިނގިރޭސި ވިލާތާ އެކުގައިތޯ ނުވަތަ މޮރިޝަސްއާ އެކުގައިތޯ އެއްބަސް ނުވެވޭތީ އެކަމުގައި ވެސް ކުރިއަކަށް ނުދެވުނެވެ. އިޓްލޮސް މެދުވެރިކޮށް މި ސަރަހައްދު ނުބެހޭނެ ކަމަށް ބުނެ ރާއްޖޭން އިޖުރާއީ މައްސަލައެއް ނެގީ ވެސް، މި ސަރަހައްދުގެ ބާރު އޮތީ މޮރިޝަސް އަށް ކަމެއް އިނގިރޭސި ވިލާތަށް ކަމެއް ނޭނގޭ ކަމަށް ބުނެ އެވެ. އެކަމަކު ރާއްޖޭގެ މި ޗެލެންޖު އިޓްލޮސް އިން ގަބޫލު ނުކޮށް ހަވާލާ ދިނީ އައިސީޖޭގެ ލަފަޔަށެވެ.

ފަސް ޕަސެންޓުގެ ކޯޅުމެއް

އިޓްލޮސް އިން ކަނޑައަޅަނީ ދެބަސްވުން އޮތް މި 95،000 އަކަކިލޯމީޓަރު ދެ ގައުމަށް ބަހާނެ ގޮތެވެ. މޮރިޝަސް އިން ބުނަނީ އެ ގައުމުގެ އިން ކަނޑައަޅަން ރޮނގު ދަމަން ފަށަންޖެހޭ ބޭސް ޕޮއިންޓަކަށް ވާނީ "ބްލެންހެމް ރީފް" ކަމަށެވެ. އެކަމަކު ރާއްޖޭން ބުނަނީ ބޭސް ޕޮއިންޓްގެ ގޮތުގައި ބެލޭނީ މީހުންނަށް ދިރިއުޅެވޭ ގޮތަށް އޮންނަ ހިކިފަސް ތަނެއް ކަމަށާއި "ބްލެންހެމް ރީފް" އަކީ ހިކި ދިޔަވަރުގައި ނޫނީ ފެނުން މައްޗަށް ފެންނަ ތަނަކަށް ނުވާތީ އެއީ ބޭސް ޕޮއިންޓަކަށް ނުހެދޭނެ ކަމަށެވެ. މި ދެ ގޮތަށް ބަލާއިރު އެއްބަސްވުމަކަށް ނާދެވިގެން އުޅެނީ ފުށުއަރާ ސަރަހައްދުގެ އެންމެ ފަސް ޕަސެންޓާ މެދުގަ އެވެ. އެއީ 4،687 އަކަކިލޯމީޓަރެވެ.

ފުށުއަރާ ސަރަހައްދު ބަހަން ރާއްޖޭން މި ބުނާ ގޮތަށް އިޓްލޮސް އިން ނިންމައިފި ނަމަ މި 4،687 އަކަކިލޯމީޓަރުގެ ސަރަހައްދު ވެސް ރާއްޖެ އަށް ލިބޭނެ އެވެ. އެހެން ނޫން ނަމަ މި ބައި ލިބޭނީ މޮރިޝަސް އަށެވެ. އިޓްލޮސްގައި ރާއްޖޭގެ ފަރާތުން ވަކާލާތުކުރައްވާ ޓީމުގެ މެންބަރު ޕްރޮފެސަރު ޕަޔަމް އަޚަވަން ކުރިން ވިދާޅުވެފައިވާ ގޮތުގައި މިތަންކޮޅު ވެސް އެއްވެސް ގައުމަކަށް އެއްކޮށް ނުދީ ބަހާލުމަކީ އެންމެ ގާތް ގޮތެވެ.

ރާއްޖެ އާއި މޮރިޝަސްގެ އިމުގެ މައްސަލާގައި އެއްބަސްވުމަކަށް ނާދެވިގެން އުޅެނީ ދަނބުކުލައިން ފާހަގަކޮށްފައިވާ ސަރަހައްދާ މެދުގައި.

ރާއްޖެ އާއި މޮރިޝަސްގެ އިމުގެ މައްސަލާގައި އެއްބަސްވުމަކަށް ނާދެވިގެން އުޅެނީ ދަނބުކުލައިން ފާހަގަކޮށްފައިވާ ސަރަހައްދާ މެދުގައި.

ޕްރޮފެސަރު އަޚަވަން ވިދާޅުވެފައިވާ ގޮތުގައި މިއީ "ފުޓްބޯޅަ މެޗެއްގައި ކޮންމެވެސް އެއްބަޔަކު މޮޅުވެގެން ނިމޭހެން" ނިމޭނެ ކަމެއް ނޫނެވެ. މާނަ އަކީ އެއްވެސް ގައުމަކަށް އެ ގައުމަކުން އެ ބުނާ 200 މޭލު އެއްކޮށް ނުލިބުމެވެ. ރާއްޖޭން ކިތަންމެ އެދުނަސް އެ 200 މޭލު އެއްކޮށެއް ނުލިބޭނެ އެވެ. މޮރިޝަސްއަކަށް ވެސް ނުލިބޭނެ އެވެ. ބައިނަލްއަގުވާމީ ގާނޫނުތަކާއި ސޮއިކޮށްފައިވާ މުއާހަދާތަކުގެ ދަށުން ޖެހޭނީ، ދެބަސްވާ ސަރަހައްދު ބަހާށެވެ.

ރާއްޖޭގެ އުތުރަށް ބަލާއިރު ސްރީ ލަންކާ އާއި އިންޑިއާއާ ފުށުއަރާތީ އެ ދިމާލުން ވެސް އެއްވެސް ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނުލިބި އެ އޮތީ އެހެންވެ އެވެ. ގައުމަކަށް އިގްތިސާދީ ހާއްސަ ސަރަހައްދުގެ ގޮތުގައި 200 މޭލު ލިބޭނެ ގޮތަކީ މި މިން އަޅާއިރު އެހެން ގައުމަކުން ދަމާލާ 200 މޭލުގެ ރޮނގާ ފުށުނޭރުމެެވެ.

ރާއްޖޭން ބޭނުންވާ ގޮތަށް މައްސަލަ ނިމޭނެ ކަމަށް އަޚަވަން ހުންނެވީ ވަރަށް ބޮޑު ޔަގީންކަމެއްގަ އެވެ.

ރައީސްގެ ސިޓީއާ ހެދި ވީކަމެއް؟

އިޓްލޮސްގައި މައްސަލަ ހިނގަމުން ދަނިކޮށް މިދިޔަ އަހަރު އޯގަސްޓް 22 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ސަރުކާރަށް ފޮނުއްވި ސިޓީފުޅެއްގެ މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ. މިއީ ގައުމުގެ ބައެއް ދޫކޮށްލަން އެއްބަސްވެ ވަޑައިގެން ފޮނުއްވި ސިޓީފުޅެއް ކަމުގެ ތުހުމަތުކުރެ އެވެ. އެ ސިޓީފުޅުގައި މިހާތަނަށް ހާމަކޮށްފައި ވަނީ އައިސީޖޭ އިން ޗާގޮސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް އޮންނާނެ ކަމަށް ނެރުނު ލަފަޔާ އެއްގޮތަށް މީގެ ފަހުން އދ. ގައި ރާއްޖޭން ވޯޓު ދޭން ނިންމިކަމެވެ.

މިއީ ރާއްޖޭން ދަމަހައްޓަމުން އައި ސްޓޭންޑް ބަދަލުވުމެވެ. މިކަމުގެ ތާރީހަށް ބަލާއިރު އައިސީޖޭގެ ނިންމުން ތަންފީޒު ކުރަން ހުށަހަޅަން އދ. ގައި 2017 ވަނަ އަހަރު ނެގި ވޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވޯޓު ދިނީ މޮރިޝަސްއާ ދެކޮޅަށެވެ. މި ސަރުކާރުން 2019 ވަނަ އަހަރު ވެސް ވޯޓު ދިނީ އެގޮތަށެވެ. އެކަމަކު، ކުރީގެ ސަރުކާރުން ދިން ގޮތަށް މި ސަރުކާރުން ދިން ވޯޓަކީ ގައުމުތައް އިސްތިއުމާރުކުރުމަށް ތާއީދުކުރުން ކަމަށާއި އެ ވޯޓާ މެދު މާފަށް އެދެން ޖެހޭނެ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމުން ބަޔާނެއް ނެރުނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ވ) މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދްއާ ބައްދަލުކުރައްވަނީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ވ) މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދްއާ ބައްދަލުކުރައްވަނީ.

މޮރިޝަސް އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅުގައި ރާއްޖޭން އިސްތިއުމާރާ ދެކޮޅު ކަމަށާއި އެހެންވެ، ޗާގޮސްގެ އިސްތިއުމާރު ދޫކޮށްލައި މޮރިޝަސްއާ އެތަން ހަވާލުކުރުމަށް އދ. ގައި ނަގާ ވޯޓުތަކުގައި ތާއީދުކުރާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. މިއީ އެންމެ ފަހުން މޮރިޝަސްއާ ދެކޮޅަށް މި ސަރުކާރުގައި ވޯޓު ދިން އިރު ވެސް ސަބަބު ބަޔާންކޮށް ދިން "އެކްސްޕްލެނޭޝަން އޮފް ވޯޓް" ގައި ދެއްކި ވާހަކަ އެވެ. އެއީ މޮރިޝަސްއާ ދެކޮޅަށް ވޯޓު ދެނީ އިސްތިއުމާރަށް ތާއީދުކުރާތީ ނޫން ކަމަށާއި ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 މޭލަށް ވުރެ އިތުރު ކުރަން ސީއެލްސީއެސް އަށް ހުށަހަޅާފައިވާ މައްސަލަ އަށް އައިސީޖޭގެ ނިންމުމުން އަސަރު ކުރާތީ އެވެ. އިޓްލޮސްގައި ހިންގާ މައްސަލަ އާއި ސީއެލްސީއެސްގައި އޮތް މައްސަލައާ މިއީ އަދި ދެ ކަމެކެވެ.

ރައީސް ސިޓީފުޅު ފޮނުއްވި އިރު، މޮރިޝަސް އިން ދައުވާކުރާ ސަރަހައްދަށް ގާނޫނީ ގޮތުން ޗެލެންޖުކުރުމުގެ ހުރިހާ ދޮރެއް އޮތީ ބަންދުވެފަ އެވެ. އެއީ އައިސީޖޭގެ ލަފަޔާ އެއްގޮތަށް، އިޓްލޮސް އިން ވެސް ޗާގޮސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް އޮންނާނެ ކަމަށް ނިންމިތާ ދޮޅު އަހަރު ފަހުން ފޮނުއްވި ސިޓީއެކެވެ.

ކޮންމެ ތާކުން ކޮންމެ ގޮތަކަށް ނިންމިޔަސް ރާއްޖޭގެ ސްޓޭންޑް ބަދަލު ނުކޮށް ތިބެވިދާނެ ކަމަށް ބަލައިގެން ކުރިއަށް ދާން ބަލާއިރު އިޓްލޮސް އާއި ގައުމުތަކުން ވެސް އައިސީޖޭގެ ނިންމުމަށް ތާއީދުކޮށް އަދި އެންމެ ފަހުން އިނގިރޭސި ވިލާތުން ވެސް އެ ނިންމުން ތަންފީޒު ކުރުމަށް މޮރިޝަސްއާ އެކު ވަނީ މަޝްވަރާތައް ފަށައިފަ އެވެ. އެހެންވެ ރާއްޖެއަށް ދެން އޮތީ ކޮން ގޮތެއް ހެއްޔެވެ؟

އިޓްލޮސް އިން ކޮންމެ ގޮތަކަށް މައްސަލަ ނިންމިޔަސް، މިކަމުގައި ބަހުސް ނުނިމޭ ވަރަށް މިކަން ވަނީ ސިޔާސީ ވެފަ އެވެ. ދައްކާނެ ކިތަންމެ ވާހަކައެއް ހުންނާނެ އެވެ.