Roadha Mihaaru
އިމުގެ މައްސަލަ ރާއްޖޭން ކާމިޔާބުކޮށްފި

ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިމުގެ މައްސަލަ ނިންމައިފި

28 އެޕްރީލް 2023

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލާގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިންމައިފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލާގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިންމައިފި އެވެ.

އިޓްލޮސް އިން ނިންމީ ފުށު އަރާބައި އިކުއި ޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލާށެވެ. މި އުސޫލް އެޕްލައިކުރުމުގައި ހިޔާލު ތަފާތުވުން އުފެދުނީ ބްލެންހެމް ރީފުން ފެށިގެން މޮރިޝަސް އިން މިން އަޅަން ބުނާތީ އެވެ.

ރާއްޖޭން ބުނަނީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. އެކަން ސާބިތުކުރުމަށް ރާއްޖޭން ވަނީ ސެޓެލައިޓް ފޮޓޯތަކާއި ސައިންޓިފިކް އެކި ހެކިތައް ހުށަހަޅައިފަ އެވެ. ހަމައެކަނި ހިކި ދިޔަވަރުގައި ފެންނަ މި ފަރަކީ އިކުއި ޑިސްޓެންސް ލައިން ކުރެހުމުގައި ބޭސް ޕޮއިންޓަކަށް ބެލިދާނެތޯ ބެލުމަށް ފަހު އިޓްލޮސް އިން ނިންމީ މޮރިޝަސްގެ ހުށަހެޅުން ބަލައިނުގަނެވޭނެ ކަމަށެވެ. އަދި ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް އިކުއި ޑިސްޓެންސް ލައިން ކުރެހުމުގައި ނުބަލަން އިޓްލޮސްގެ ހާއްސަ ޗެމްބާއިން ވަނީ ކަނޑައަޅައިފަ އެވެ.

މޮރިޝަސް އިން އެދުނު ގޮތަށް ސަރަހައްދު ބެހި ނަމަ، އެ ގައުމުން މިން އަޅަން ފަށާ ހިސާބަކީ ކޮންޓިނެންޓަލް ޝެލްފަށްވުރެ މާ ބޮޑަށް ބޭރުގައިވާ ތަނަކަށް ވާތީ، 4،687 އަކަކިލޯމީޓަރު އެ ގައުމަށް އިތުރުވެ އެވެ. ދެ ގައުމުން ހިޔާލު ތަފާތުވި ބައި އިޓްލޮސް އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބެ އެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ.

މޮރިޝަސް އަށް ލިބުނީ ރާއްޖެއަށް ލިބުނު ކޮންމެ އަކަކިލޯމީޓަރަކަށް 0.960 އަކަކިލޯމީޓަރެވެ.

ރާއްޖެ-މޮރިޝަސް އިމުގެ މައްސަލަ އިޓްލޮސްގައި ތަމްސީލްކުރާ ރާއްޖޭގެ ވަކީލުންގެ ޓީމް

ރާއްޖެ-މޮރިޝަސް އިމުގެ މައްސަލަ އިޓްލޮސްގައި ތަމްސީލްކުރާ ރާއްޖޭގެ ވަކީލުންގެ ޓީމް

ޗާގޮސްގެ ރަށްތައް އިސްތިމާރުކޮށްގެން ތިބި އިނގިރޭސި ވިލާތަށް އެ ސަރަހައްދުގެ ބާރު ނޯންނާނެ ކަމަށާއި އެއީ މޮރިޝަސްގެ ބާރު ހިނގާ ސަރަހައްދެއް ކަމަށް ބުނެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019 ވަނަ އަހަރު ނެރުނު އިސްތިޝާރީ ލަފާ ރާއްޖޭން ގަބޫލު ނުކޮށް މި މައްސަލަ އިޓްލޮސް އަށް ނުބެލޭނެ ކަމަށް ރާއްޖޭން ވަކާލާތުކުރި އެވެ. އެކަމަކު ރާއްޖޭގެ އެ ދިފާއު ގަބޫލު ނުކޮށް އިޓްލޮސް އިން މައްސަލަ ބަލަން ފެށީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) ގައި އޮންނަ ގޮތަށް ކޮންމެ ގައުމަކަށް 200 މޭލު ދޭންޖެހޭ ގޮތަށެވެ.

ރާއްޖެ-މޮރިޝަސް އިމުގެ މައްސަލަ ބެލި ހާއްސަ ޗެމްބަރުގެ ރައީސް ޖިން-ހިއުން ޕައިކް މައްސަލައިގެ ނިންމުން އިއުލާނުކުރައްވަނީ

ރާއްޖެ-މޮރިޝަސް އިމުގެ މައްސަލަ ބެލި ހާއްސަ ޗެމްބަރުގެ ރައީސް ޖިން-ހިއުން ޕައިކް މައްސަލައިގެ ނިންމުން އިއުލާނުކުރައްވަނީ

އެކަމަކު އެހެން ބަލާއިރު ދެ ގައުމުގެ އިމުން 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރަ އެވެ. މިބައި ބަހާއިރު މޮރިޝަސް އިން ބޭނުންވީ ބޭސް ޕޮއިންޓަކަށް "ބްލެންހެމް ރީފް" ބެލުމަށެވެ. އެކަމަކު ރާއްޖޭން ބުނަމުން އައީ އެއީ މީހުންނަށް އުޅެވޭ ގޮތަށް އޮތް ހިކިފަސް ތަނަކަށް ނުވާތީ އެތަން ބޭސް ޕޮއިންޓަކަށް ނުބެލޭނެ ކަމަށެވެ.

ރާއްޖެ-މޮރިޝަސް އިން ފުށުއަރާ ހިސާބު ބަހާ ގޮތުގެ ޗާޓް

ރާއްޖެ-މޮރިޝަސް އިން ފުށުއަރާ ހިސާބު ބަހާ ގޮތުގެ ޗާޓް

މައްސަލަ ހިނގަމުން ދިޔައިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ސަރުކާރަށް ފޮނުއްވި ސިޓީފުޅެއްގައި، ބައިނަލްއަގުވާމީ ނިންމުންތަކާ އެއްގޮތަށް ޗާގޮސް އަށް މޮރިޝަސްގެ ސިޔާދަތު އޮންނާނެ ކަމަށާއި މިފަދަ ކަމެއްގައި ދެން އދ. ގައި ވޯޓު ދޭން ޖެހިއްޖެ ނަމަ މޮރިޝަސް އަށް ރާއްޖޭން ތާއީދުކުރާނެކަން އެންގެވި އެވެ. އަދި ސުލްހަވެރިކަމާ އެކު ގުޅިގެން މަސައްކަތްކޮށް މައްސަލަތައް ހައްލުކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި އެވެ. މި ސިޓީފުޅާ ގުޅިގެން މޮރިޝަސް އިން ވަނީ އެ ގައުމުން މި މައްސަލައިގެ ބޭނުމަށް ބްލެންހެމް ފަރުގެ ސާވޭ ހެދުމަށް ދިޔަ ޚަރަދު ރާއްޖެ އަތުން ހޯދަން ކުރި ދައުވާ އަނބުރާ ގެންގޮސްފަ އެވެ. ރައީސްގެ ސިޓީފުޅާ ހަވާލާދީ އަދި ދެ ގައުމުން މިކަމުގައި ދޫ ދީފައި ވާތީ ޓްރައިބިއުނަލުން ވަނީ މޮރިޝަސް އިން އެދުނު 460،000 ޔޫރޯ (8.2 މިލިއަން ރުފިޔާ) ރާއްޖޭން ދޭން ނުޖެހޭނެ ކަމަށް ކަނޑައަޅައިފަ އެވެ.

މި މައްސަލަ ނިމުނަސް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) ގައި އޮންނަ ގޮތުން، ގުދުރަތީ ގޮތުން ބަލާއިރު ކޮންޓިނެންޓަލް ޝެލްފް 200 މޭލަށް ވުރެ ބޭރަށް ދާ ނަމަ އެ ހިސާބަކަށް އިން ކަނޑައަޅަށް ހުށަހެޅެވެ އެވެ. ރާއްޖެއިން ޖުލައި 26، 2010 ގައި ވަނީ މި 200 މޭލުން ބޭރުން ވެސް ބައެއް ހޯދަން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް ހުށަހަޅައިފަ އެވެ. އެއާ އެކު މޮރިޝަސް އިން ވެސް އެގޮތަށް ހުށަހެޅި އެވެ. ސީއެލްސީއެސްގައި އޮތް މައްސަލަ އަދި ނުނިމެ އެވެ.

ރާއްޖޭން ސްރީ ލަންކާ އަދި އިންޑިއާއާ އެކު ބޯޑަރު ބަހާފައިވާ ގޮތް ފެންނަ ޗާޓެއް

ރާއްޖޭން ސްރީ ލަންކާ އަދި އިންޑިއާއާ އެކު ބޯޑަރު ބަހާފައިވާ ގޮތް ފެންނަ ޗާޓެއް

ރާއްޖެއަށް 1965 ވަނަ އަހަރު މިނިވަންކަން ލިބުމާ އެކު އޭރުގެ ރައީސް އިބްރާހިމް ނާސިރު ވަނީ ރާއްޖޭގެ އުތުރުން ސްރީ ލަންކާ އާއި އިންޑިއާއާ ފުށުއަރާ ސަރަހައްދު ދެ ގައުމާ އެކު އެއްބަސްވުން ހަދައި ހަމަޔަށް ބަހާލައިފަ އެވެ. އެކަމަކު ދެކުނުން އޮންނަ ޗާގޮސްގެ ރަށްތައް އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އޮތުމާ އެކު އުފެދިފައިވާ މައްސަލަތާ ހެދި އެ ސަރަހައްދުގެ އިން މިއަދާ ހަމަޔަށް ވެސް އޮތީ ރަސްމީކޮށް ކަނޑަނޭޅި އެވެ.

ނާސިރުގެ ވެރިކަމުގައި ޖުލައި 31، 1976 ގައި ސްރީ ލަންކާ އެކު އެއްބަސްވުމެއް ހަދައި އިން ވަކިކުރި އެވެ. އަދި އިންޑިއާއާ އެކު ޑިސެމްބަރު 28، 1976 ސޮއިކޮށް އެރެބިއަން ސީގައި އިން ވަކިކުރި އެވެ. އެކަމަކު މި އެއްބަސްވުމަށް އަމަލުކުރަން ފެށީ ޖޫން 8، 1978 ގަ އެވެ. މިގޮތަށް އިން ކަނޑައެޅިއިރު އިންޑިއާ އާއި ސްރީ ލަންކާ އަދި ރާއްޖެއަށް ވެސް އިގްތިސާދީ ހާއްސަ ސަރަހައްދުން 200 މޭލު ނުލިބި އެބަހުއްޓެވެ. އެހެންވެ އިކުއި-ޑިސްޓެންސް ނުވަތަ ވަކި ޕޮއިންޓަކުން ބަލައިގެން ދެ ފަޅިއަށް ހަމަޔަށް ބައި އަޅާ ގޮތަށް ކަނޑުގެ ސަރަހައްދު އޮތީ ބަހާލައިފަ އެވެ.