Roadha Mihaaru
ދެކުނު އޭޝިއާ ޓޫރިޒަމް ފެއާގެ ޕާޓްނަރަކަށް މެގަ

ދެކުނު އޭޝިއާގެ ޓޫރިޒަމް ފެއާގެ އެއާލައިން ޕާޓްނަރަކަށް މެގަ މޯލްޑިވްސް

24 ޖެނުއަރީ 2017

އިންޑިއާގައި ބާއްވާ ސައުތު އޭޝިއާ ޓްރެވަލް އެންޑް ޓްރޭޑް އެގްޒިބިޝަނުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބައިވެރިވުމަށް ނިންމައި، އެއާލައިން ޕާޓްނަރެއްގެ ގޮތުގައި މެގަ މޯލްޑިވްސް ހަމަޖައްސައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

އިންޑިއާގައި ބާއްވާ ސައުތު އޭޝިއާ ޓްރެވަލް އެންޑް ޓްރޭޑް އެގްޒިބިޝަނުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބައިވެރިވުމަށް ނިންމައި، އެއާލައިން ޕާޓްނަރެއްގެ ގޮތުގައި މެގަ މޯލްޑިވްސް ހަމަޖައްސައިފި އެވެ.

އަންނަ މަހުުގެ 15 އިން 17 އަށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާއްވާ މި ފެއާގެ ޕާޓްނަރެއްގެ ގޮތުގައި މެގަ މޯލްޑިވްސް ހަމަޖައްސައި، މަޓާޓޯއާ އެކު އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއި ކޮށްފަ އެވެ.

މަޓާޓޯ އިން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ފެއާގައި މެގަ މޯލްޑިވްސްގެ ސްޓޭންޑެއް ބެހެއްޓުމުގެ ފުރުސަތު އެ އެއާލައިނަށް ވަނީ ދީފައ އެވެ.

އަދި މި ފެއާގައި ބައިވެރިވާ ދިވެހި ކުންފުނިތަކާއި ފެއާ އަށް ޒިޔާރަތް ކުރުމަށް ރާއްޖޭން އިންޑިއާ އަށް ދާން ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގުގައި ދަތުރުކުރުމުގެ ފުރުސަތު ދިނުމަށް ވެސް އެއްބަސްވުމުގައިވެ އެވެ.

މިއަހަރުގެ މި ފެއާގައި މަޓާޓޯ އިން ރާއްޖެ ތަމްސީލުކުރާ އިރު، މެގަ މޯލްޑިވްސްގެ އިތުރުން ރާއްޖޭގެ 10 ކުންފުނިން ބައިވެރިވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް މަޓާޓޯ އިން ބުނެ އެވެ. އަދި ފެއާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 30 ގެ ނިޔަލަށް ރަޖިސްޓްރޭޝަންގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.

ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތައް ގުޅުވައިދިނުމުގައި އެންމެ ކުރި ހޯދާފައިވާ ދެކުނު އޭޝިއާގެ މި ފެއާ ވަނީ އިންޑިއާގެ ޓޫރިޒަމް އަދި ޓްރެވަލް މާކެޓުގެ މުހިންމު ބައިވެރިއަކަށްވެފަ އެވެ. އަދި މި ފެއާ އަށް އިންޑިއާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ވިޔަފާރިވެރިން ޒިޔާރަތްކޮށް، ވިޔަފާރި އިޝްތިހާރުކޮށް އިތުރު ފުރުސަތުތައް ހޯދަ އެވެ.

މަޓާޓޯ އިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ފެއާގައި 35 އަށް ވުރެ ގިނަ ގައުމާއި އިންޑިއާގެ 28 ސްޓޭޓުން 750 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވި އެވެ. އަދި އެ ފެއާ އަށް 20،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ ފެއާގައި ބައިވެރިވި ގައުމުތަކުގެ ތެރޭގައި އެމެރިކާ، ބަލްގޭރިއާ، ޗެކް ރިޕަބްލިކް، މެކްސިކޯ، މެލޭޝިއާ، ސްޕެއިން، ޖަޕާން، ބޫޓާން، ކެމްބޯޑިއާ، އެމިރޭޓްސް، ލަންކާ އަދި ރަަޝިއާ ފަދަ ގިނަ ގައުމުތަކުގެ ޓޫރިޒަމް ބޯޑުތައް ހިމެނެ އެވެ.

އިންޑިއާގައި ބާއްވާ ސައުތު އޭޝިއާ ޓްރެވަލް އެންޑް ޓްރޭޑް އެގްޒިބިޝަނުގައި މަޓާޓޯ އިން ބައިވެރިވާ އިރު. އިންޑިއާ އަކީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ބޮޑު ކުރިިއެރުމެއް ހޯދަމުން އަންނަ ގައުމެވެ. އެގޮތުން، މިދިޔަ އަހަރު އެ ގައުމުން ގާތްގަނޑަކަށް 100،000 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އިންޑިއާ މާކެޓުން ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އިރު މެގަ މޯލްޑިވްސް އިން ވަނީ ރާއްޖެ އާއި ދިއްލީއާ ދެމެދު ސީދާ ދަތުރުތައް މިދިޔަ އަހަރު ފަށާފައި އެވެ.