Roadha Mihaaru
މާރުކޭޓުގެ ގޮޅިތަކުގެ ކުލި ކުޑަކޮށްދީފި

މާރުކޭޓުގެ ގޮޅިތަކުގެ ކުލި ކުޑަކޮށްދީފި

03 ޖޫން 2021

ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގެ ގޮޅިތަކުން ނަގަމުން އައި ކުލި މާލެ ސިޓީ ކައުންސިލުން މިއަދު ކުޑަކޮށްދީފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގެ ގޮޅިތަކުން ނަގަމުން އައި ކުލި މާލެ ސިޓީ ކައުންސިލުން މިއަދު ކުޑަކޮށްދީފި އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެ މާރުކޭޓާއި ފައްތިޔާތަކުގެ ކުލި ކުޑަކޮށް، ލިޔުންތައް މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.

ކުލި ކުޑަކޮށްދިން ކަމުގެ ލިޔުން ހަވާލުކޮށް، މުއިއްޒު ކުރި ޓްވީޓް--

މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ ހުރިހާ ތަނެއްގެ ކުލި 30 ޕަސެންޓަށް ކުޑަ ކުރާނެ ކަމަށެވެ. އަދި މިއީ ކޮވިޑް-19ގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ ލުޔެއް ދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ ވިޔަފާރިވެރިއަކު "މިހާރު"އަށް ބުނިގޮތުގައި އެތަނުގެ ކުލި މިހާރު ވަނީ 1400ރ. އަށް ކުޑަކޮށްފަ އެވެ. ކުރިން އެ މާރުކޭޓުގެ ގޮޅިއަކުން ނަގަމުން އައީ 2000ރ. އެވެ.

މާރުކޭޓުތައް މަރާމާތު ކުރުމަށްފަހު އަލުން ހުޅުވިފަހުން ގޮޅިތައް ކުޑަވެފައި ކުލި ބޮޑުވުމުގެ ޝަކުވާތައް ވިޔަފާރިވެރިން އައީ ކުރަމުންނެވެ. މިއީ ވިޔަފާރިވެރިންނަށް ލިބުނު ވަރަށް ބޮޑު ލުޔެއްގެ ގޮތުގައި ގޮޅިތަކުގެ ވެރިން ފާހަގަކުރެ އެވެ.

މުއިއްޒު ވަނީ މޭޔަރު ކަމާ ހަވާލުވެޑައިގަތުމަށް ފަހު މާރުކޭޓުގެ ވިޔަފާރިވެރިންނާ ބައްދަލުކޮށް އެ މީހުންގެ ޝަކުވާތައް އަޑު އައްސަވައިފަ އެވެ. އަދި އެކަންކަމަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ފެށުމުގެ ކުރިން ވަގުތީ ހައްލެއް ވެސް ހޯއްދަވައިދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.