Roadha Mihaaru
ނައީމާގެ ގާތިލް ފެނޭތޯ 100 އަށްވުރެ ގިނަ ސާމްޕަލް!

ނައީމާގެ މަރަށް މަހެއް: ގާތިލް ފެނޭތޯ 100 އަށްވުރެ ގިނަ ފޮރެންސިކް ސާމްޕަލް ނަގައިފި

07 މެއި 2023

ނ. މަނަދޫގައި އެ ރަށު ނައީމާ މޫސާ އަނިޔާވެރިކޮށް މަރާލާފައި އޮއްވައި ފެނުނުތާ މިއަދަށް މަސް ދުވަސް ވީއިރު ވެސް މި ރަހުމެއް ނެތް އަމަލު ހިންގި މީހަކު ނުވަތަ ބަޔަކު ނުހޯދެ އެވެ. ތުހުމަތުވާ މީހަކު ވެސް ނެތެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ނ. މަނަދޫގައި އެ ރަށު ނައީމާ މޫސާ އަނިޔާވެރިކޮށް މަރާލާފައި އޮއްވައި ފެނުނުތާ މިއަދަށް މަސް ދުވަސް ވީއިރު ވެސް މި ރަހުމެއް ނެތް އަމަލު ހިންގި މީހަކު ނުވަތަ ބަޔަކު ނުހޯދެ އެވެ. ތުހުމަތުވާ މީހަކު ވެސް ނެތެވެ.

އެކަނި ގެއެއްގައި ދިރިއުޅުނު ނައީމާ، 62، ގެ ހަބަރެއް ނުވެގެން ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން މިދިޔަ މަހުގެ ހަތްވަނަ ފުލުހުން ގޮސް ނައީމާގެ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ވަން އިރު ފެނުނީ ހަށިގަނޑުގެ އެތަންމިތަނަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވަ އެވެ. ނިސްބަތުން ކުށް މަދު މަނަދޫގައި ހިންގި މި ގަތުލާ އެކު މުޅި ރަށް ނާމާންކަމުގެ ތެރެއަށް ވެއްޓުނު ގޮތަށް އަދިވެސް ތިބީ އެ ބިރުވެރިކަމުގަ އެވެ.

އެ މަރުގެ ތަހުގީގަށް މާލެ އިން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ޓީމެއް ގޮސް ހުއްޓުމެއް ނެތި އަންނަނީ މަސައްކަތްކުރަމުންނެވެ. ތަހުގީގު ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ފުލުހުން އެއްވެސް ތަފްސީލެއް ނުދެ އެވެ. ބުނާހާ ވެސް ވާހަކަ އަކީ ތުހުމަތުކުރެވޭ މީހަކު އަދި ނެތް ކަމަށެވެ. އެކަމަކު ފުލުހުން އަންނަނީ ރަށުގެ އެކި މީސްމީހުންގެ ފޮރެންސިކް ސާމްޕަލްތައް ނަގަމުންނެވެ.

މަރާލާފައި އޮއްވައި ފެނުނު ނައީމާގެ ގެ ހިމެނޭ ސަރަހައްދު ބަންދުކޮށް ފުލުހުން ބަލަހައްޓަނީ

މަރާލާފައި އޮއްވައި ފެނުނު ނައީމާގެ ގެ ހިމެނޭ ސަރަހައްދު ބަންދުކޮށް ފުލުހުން ބަލަހައްޓަނީ

އެ ރަށު ކައުންސިލްގެ ރައީސް އަބްދުއްރަހުމާން ސޮބީހު ވިދާޅުވީ އެކި އުމުރުފުރާތަކަށް ބަހާލައިގެން ދިވެހިންނާއި ބިދޭސީންން ވެސް ހިމެނޭ ގޮތަށް ސާމްޕަލް ނަގަމުން އަންނަ ކަމަށާއި މިހާތަނަށް 100 އަށްވުރެ ގިނަ މީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ފިންގަޕްރިންޓާއި ޑީއެންއޭ ސާމްޕަލް ނަގަނީ އެއްވެސް މީހަކާ މެދު ތުހުމަތެއް އޮވެގެން ނޫންކަން ރައްޔިތުންނަށް އަންގާފައިވާ ކަމަށެވެ.

އެކަމަކު އޭނާ ވިދާޅުވީ ގާތިލް ނުހޯދި ލަސްވާތީ ކަންބޮޑުވުން އެބަ އޮތް ކަމަށާއި "ގާތިލް އެންމެ ގާތުގައި ވެސް އުޅެދާނެ" ކަމުގެ ބިރު މީހުންގެ ހިތުގައި އެބަ އޮތް ކަމަށެވެ. ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި އަނިޔާވެރި މަރާ އެކު އުފެދުނު ބިރުވެރިކަމާ އެކު އެތައް ބައެއްގެ އުޅުމަށް ވަނީ ބަދަލު އައިސްފަ އެވެ. ހަލަބޮލި ރަށުތެރެ މިހާރު ވަނީ ހިމޭންވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ނައީމާ އަކީ ސިހުރު ހަދާ މީހެއް ކަމަށާއި އެކަމާ ހެދި އޭނާއަށް ނަފުރަތުކުރާ ބައެއް މީހުން އުޅޭ ކަމުގެ ވާހަކަ ދެކެވޭތީ މިހާތަނަށް އެންމެ ބޮޑަށް ބެލެވިފައި އޮތީ މަރާ ގުޅުން ހުރި ކަމަކީ މިއީ ކަމަށެވެ. އެކަމަކު ރަށުގައި އުޅޭ ބިދޭސީން ކުރި ކަމެއްގެ ގޮތުގައި ވެސް ބައެއް މީހުން ތުހުމަތުކުރެ އެވެ. ނަމަވެސް މިއިން އެއްވެސް ކަމަކާ ބެހޭ ގޮތުން ފުލުހުން ވާހަކައެއް ނުދައްކަ އެވެ.

ނައީމާ މަރުވެފައި އޮއްވާ ފެނުމުގެ ދެތިން ދުވަސް ކުރިން، އެ ރަށުގެ މަގެއް މަތިން އޭނާ ހިނގާފައި ދަނިކޮށް ނެގި ފޮޓޯއެއް.

ނައީމާ މަރުވެފައި އޮއްވާ ފެނުމުގެ ދެތިން ދުވަސް ކުރިން، އެ ރަށުގެ މަގެއް މަތިން އޭނާ ހިނގާފައި ދަނިކޮށް ނެގި ފޮޓޯއެއް.

"ފުލުހުން ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނައިރު، ފުލުހުން ދަނީ ގޭގޭއަށް ގޮސް ރައްޔިތުންނާ އިންޓަވިއުކުރަމުން. ކައުންސެލިން ބޭނުންވާ މީހަކު ހުރިތޯ ނުވަތަ އެހެން އެހީތެރިކަމެއް ބޭނުންވާ ރައްޔިތަކު ހުރިތޯ ވެސް ފުލުހުން އަހާ،" ސޮބީހު ވިދާޅުވި އެވެ.

މި ތަހުގީގު ފުލުުހުންނަށް އުނދަގޫވެފައިވާ އެއް ސަބަބަކީ ރަށުތެރޭ މީހުންގެ ހަރަކާތްތައް ފެންނަ ސީސީޓީވީ ފުޓޭޖެއް ވެސް އަދި އެފަދަ އެހެން ހެއްކެއް ވެސް ލިބެން ނެތުމެވެ. އެހެންވެ ފުލުހުންގެ މުޅި ތަހުގީގު ބިނާކޮށްފައިވަނީ ފޮރެންސިކް ހެކީގެ މައްޗަށެވެ.

އެނގިފައިވާ ގޮތުގައި ރަށުގެ ގިނަ ބައެއްގެ ފޮރެންސިކް ސާމްޕަލް ފުލުހުން ނަގަމުން ގެންދަނީ ކުށުގެ ވެށިން ލިބިފައިވާ ފޮރެންސިކް ބައެއް ހެކިތަކާ ގުޅުން ހުރި މީހަކު ފެނޭތޯ ބެލުމަށެވެ. ފިންގަޕްރިންޓާއި ޑީއެންއޭ ފަދަ ސާމްޕަލްތައް ތަހުލީލު ކުރުމަކީ ގިނަ ވަގުތު ހޭދަވާ ކަމަކަށް ވާތީ ތަހުގީގަށް ވެސް އެ ލަސްކަން ވަނީ ކުރިމަތިވެފަ އެވެ.

މިހާރު އޮތް އުންމީދަކީ ނަގަމުން އަންނަ ފޮރެންސިކް ސާމްޕަލްތަކާ ގުޅުން ހުރި މީހަކު، ތަހުލީލުތަކުގެ ތެރެއިން ފެނުމެވެ. ތަހުގީގު ކުރިއަށްދާތީ، ކައުންސިލްގެ ހުއްދަ ނެތި ރަށަށް މީހުން އަރައި ފޭބުން މަނާކޮށްފައި އޮތުމާއި ރަށުތެރޭ އޮތް ބިރުވެރިކަން ފިލައި ދާނީ އޭރުންނެވެ.