Roadha Mihaaru
ކުލި ކުޑަވާނީ 7 އަހަރަށް، ލޯނަށް އިތުރެއް ނުވާނެ

ހިޔާ ފްލެޓްގެ ކުލި ކުޑަވާނީ ހަތް އަހަރަށް، ލޯނުގެ ޖުމްލަ ބޮޑެއް ނުވާނެ: އާބަންކޯ

11 މެއި 2023

ހިޔާ ފުލެޓަށް މަހަކު ދައްކަން ޖެހޭ އަދަދު 6،300ރ. އަށް ކުޑަކޮށްދިނީ ކުރިއަށް އޮތް ހަތް އަހަރަށް ކަމަށް އާބަންކޯ އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހިޔާ ފުލެޓަށް މަހަކު ދައްކަން ޖެހޭ އަދަދު 6،300ރ. އަށް ކުޑަކޮށްދިނީ ކުރިއަށް އޮތް ހަތް އަހަރަށް ކަމަށް އާބަންކޯ އިން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސް އަށް ފަހު އާބަންކޯ އިން ނެރުނު ނޫސްބަޔާނުގައި ބުނީ މެއިންޓަނަންސް ފީގެ 1،000ރ. ނުލައި މިހާރު ކުލީގެ ގޮތުގައި ކަނޑައަޅާފައިވާ 7،500ރ. އިން 2،200ރ. އުނިކޮށް، 5،300ރ. ދައްކާ ގޮތަށް ހަމަޖެއްސީ ހިޔާ ފްލެޓްގެ ފިނިޝިންގެ މަސައްކަތްކުރުމަށް ނަގާފައިވާ ދަރަނިތައް ހަލާސްކުރުމަށް ލުޔެއްގެ ގޮތުގައި ކަމަށެވެ.

މި ބަދަލާ އެކު ހިޔާ ފްލެޓް މުޅި ލޯނުގެ މުއްދަތު 25 އަހަރުން 27 އަހަރަށް ވަނީ އިތުރުކޮށްފަ އެވެ. އެކަމަކު އާބަންކޯ އިން ބުނީ އިތުރުވާ ދެ އަހަރު ލޯނަށް އިތުރު އިންޓްރެސްޓެއް ނުނަގާނެ ކަމަށެވެ.

ހިޔާ ފްލެޓްގެ ކޮރިޑޯގައި މީހަކު ހިނގާފައި ދަނީ: ފްލެޓްތަކުގެ މަހު ކުލި ކުރިއަށް އޮތް ހަތް އަހަރަށް ވަނީ ކުޑަކޮށްދީފައި. -- ފޮޓޯ: މިހާރު

ހިޔާ ފްލެޓްގެ ކޮރިޑޯގައި މީހަކު ހިނގާފައި ދަނީ: ފްލެޓްތަކުގެ މަހު ކުލި ކުރިއަށް އޮތް ހަތް އަހަރަށް ވަނީ ކުޑަކޮށްދީފައި. -- ފޮޓޯ: މިހާރު

"އެހެންކަމުން މި ގެނެވުނު ބަދަލުގެ ސަބަބުން ހިޔާގެ އެއްވެސް ފްލެޓެއްގެ ޖުމްލަ އަގަކަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ،" އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި، ހިޔާ ފްލެޓަށް މަހަކު ދައްކަން ޖެހޭ އަދަދު ކުޑަކޮށްދޭން ސަރުކާރުން ނިންމީ އެތަނުގެ ފިނިޝިން ނިންމަން އެ ތަންތަނުގެ ވެރިން ބޮޑު ހަރަދެއް ކޮށްފައި ވާތީ، އެ މީހުންނަށް ކުރިމަތިވެފައިވާ މާލީ ދަތި ކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނެވެ. ބަޔާނުގައި އިތުރަށް ބުނީ؛

• ހިޔާ ފްލެޓްގެ ފިނިޝިން ނިންމަން އެވްރެޖުކޮށް ކޮންމެ ފްލެޓަކުން 130،000ރ. ހަރަދުކޮށްފައިވާ ކަން އާބަންކޯގެ ދިރާސާއިން އެނގޭ ކަމަށް.

• ގިނަ ބަޔަކު އެ ހަރަދުކޮށްފައި ވަނީ ބޭންކް ލޯނު ނަގައިގެން.

• ބޭންކް ލޯނު އަނބުރާ ދެއްކުމަށް އެވްރެޖުކޮށް މަހަކު 2،200 ދައްކާ.

ހިޔާގެ ޓަވަރުތަކެއް: އެތަނުގެ ކުލި ކުރިއަށް އޮތް ހަތް އަހަރަށް ކުޑަކޮށްދީފައިވޭ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހިޔާގެ ޓަވަރުތަކެއް: އެތަނުގެ ކުލި ކުރިއަށް އޮތް ހަތް އަހަރަށް ކުޑަކޮށްދީފައިވޭ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފު ވިދާޅުވި ގޮތުގައި، ހިޔާ ފްލެޓަށް މަހަކު ދައްކަން ޖެހޭ ވަރު ކުޑަކުރިޔަސް، މެއިންޓެނަންސް ފީ އަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ. މެއިންޓެނަންސް ފީގެ ގޮތުގައި މިހާރު ދައްކަމުން އަންނަ 1،000ރ. ދެން ވެސް ދައްކަން ޖެހޭނެ އެވެ. އެހެންވެ، މެއިންޓަނެންސް ފީއާ އެކު ކޮންމެ މަހަކު 6،300ރ. ދައްކަން ޖެހޭނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި 25 ބުރީގެ ޓަވަރުތަކުގެ ކުއްޔަކީ މިހާރު 7،500ރ. އެވެ. އެކަމަކު މެއިންޓަނެންސް ފީއާއެކު، 8،500ރ. ކޮންމެ މަހަކު އާބަންކޯ އަށް ނަގަ އެވެ.

ހިޔާ ފްލެޓްތަކަށް މަހަކު ދައްކަން ޖެހޭ ވަރު މި ސަރުކާރުން ކުޑަކޮށްދިނީ ފްލެޓްތައް ލިބުނު މީހުން އެ ކަމަށް އެދޭތާ އެތައް ދުވަހެއް ފަހުންނެވެ. ހިޔާ ފްލެޓްތަކުގެ ކުލި މަހަކު 5،000ރ. އަށް ކުޑަކޮށްދިނުމަށް ގޮވާލައި އެ ތަނުގައި ދިރިއުޅޭ މީހުން އެކި ފަހަރު މަތިން މުޒާހަރާ ވެސް ކުރި އެވެ. އެކަމަކު، ސަރުކާރުން އޭރު ބުނަމުން ދިޔައީ އެ އަދަދަށް ކުލި ކުޑަކުރެވެން ނެތެވެ.