Roadha Mihaaru
ޗާގޯސް މައްސަލާގައި ވާހަކަ ދައްކަންވީ ޔޫކޭއާ: ނަޝީދު

ޗާގޯސް ހަވާލުކުރާނެ ބަޔަކު ކަނޑައަޅަން ވާހަކަ ދައްކަންވީ ޔޫކޭއާ: ނަޝީދު

15 މެއި 2023

ރާއްޖެ އާއި މޮރިޝަސްގެ އިމުގެ މައްސަލަ އާއި ޗާގޯސްގެ ސިޔާދަތީ ބާރު ދޭންވީ ކޮން ބައެއްކަން ކަނޑައެޅުމާ ބެހޭ ގޮތުން ރާއްޖޭން ވާހަކަ ދައްކަންވީ އިނގިރޭސި ވިލާތާ އެކުގައި ކަމަށް ވިދާޅުވެ އެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިން ކަމަކަށް ވަކާލާތުކުރެއްވުމަށް އެދިވަޑައިގެންފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ރާއްޖެ އާއި މޮރިޝަސްގެ އިމުގެ މައްސަލަ އާއި ޗާގޯސްގެ ސިޔާދަތީ ބާރު ދޭންވީ ކޮން ބައެއްކަން ކަނޑައެޅުމާ ބެހޭ ގޮތުން ރާއްޖޭން ވާހަކަ ދައްކަންވީ އިނގިރޭސި ވިލާތާ އެކުގައި ކަމަށް ވިދާޅުވެ އެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިން ކަމަކަށް ވަކާލާތުކުރެއްވުމަށް އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޗާގޯސްގެ ހަތް އަތޮޅަކީ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ބިއޮޓް) ގެ ތެރޭގައި ހިމެނޭ ތަނަކަށް ވާތީ އެތަނުގެ ސިޔާދަތީ ބާރު އޮންނާނީ އިނގިރޭސި ވިލާތަށް ކަމަށެވެ.

"ޔޫކޭ އެތަނުން ފައިބާއިރު އެތަން ހަވާލުކުރުން އެންމެ ރަނގަޅު ބައެއް އަލުން ދެނެގަތުމަށް ޔޫކޭ ކިބައިން،" ނަޝީދުގެ މެސެޖުގައިވެ އެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019 ވަނަ އަހަރު ނެރުނު އިސްތިޝާރީ ލަފައެއްގައި، ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށް ކަމަށް ބުނެފައި ވާތީ އދ.ގެ އާންމު މަޖިލީހުން ވަނީ އެ ލަފާ ތަންފީޒުކުރަން ގޮވާލައި ގަރާރު ފާސްކޮށްފަ އެވެ. މި ނިންމުންތަކާ އެކު ޔޫކޭ އަށް ފާޑުކިޔުން އަމާޒުވެ މިހާރު ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ މަޝްވަރާތައް ފަށައިފަ އެވެ.

ނަޝީދު ދެން އެދިވަޑައިގަތީ އިނގިރޭސިން ޗާގޯސްގައި ތިބޭއިރު ކުރިން ވެސް އޮތް ގޮތަށް ރާއްޖޭގެ ބޯޑަރު ބޭނުންކުރެވޭނެ ގޮތް ހަމަޖެއްސުމަށް ޔޫކޭގައި އެދުމަށާއި ޔޫކޭގެ ބާރު ޗާގޯސްގައި އޮންނަހާ ހިނދަކު އެތަނުގެ ކަނޑުގެ ސަރަހައްދަކީ މަސްވެރިކަން ކުރުން މަނާ ސަރަހައްދެއްގެ ގޮތުގައި ބޭއްވުމަށް ވަކާލާތު ކުރުމަށެވެ.

ޗާގޯސް އަށް އޮންނާނީ މޮރިޝަސްގެ ސިޔާދަތީ ބާރު ކަމަށް ނެރުނު ލަފާގެ މައްޗަށް ބިނާކޮށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ވަނީ ކަނޑުގެ ސަރަހައްދުން މޮރިޝަސް އާއި ރާއްޖޭން ފުށުއަރާ ބައި ބަހާލައިފަ އެވެ. ނަޝީދު ކުރިން ވިދާޅުވެފައިވަނީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ މި ނިންމުން ބަލައިނުގަތުން ކަމަށެވެ. އަދި އިޓްލޮސްގައި ރާއްޖޭން ވަކާލާތުކުރި ގޮތުން ރާއްޖެއަށް ގެއްލުންވީ ކަމަށްބުނެ ނަޝީދު އާއި އިދިކޮޅު ފަރާތްތަކުން ގެންދަނީ ސަރުކާރަށް ފާޑުކިޔައި އެކަމާ ދެކޮޅަށް މަސައްކަތް ކުރަމުންނެވެ.