Roadha Mihaaru
ޗާގޮސްއަކީ ރާއްޖޭގެ ތަނެއް، ދޫކުރެވޭކަށް ނެތް: ނަޝީދު

ޗާގޮސްއަކީ ރާއްޖޭގެ ތަނެއް، ދޫކުރެވޭކަށް ނެތް: ނަޝީދު

24 އޮކްޓޯބަރ 2022

ޗާގޮސް އަކީ ރާއްޖޭގެ ތަނެއް ކަމަށާއި އެހެންވެ އެތަން ދޫކުރެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޗާގޮސް އަކީ ރާއްޖޭގެ ތަނެއް ކަމަށާއި އެހެންވެ އެތަން ދޫކުރެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ބޮޑު ބައެއް ގެއްލޭ ފަދަ ގޮތަކަށް ދިވެހި ސަރުކާރުގެ ސިޔާސަތާއި ސްޓޭންޑް ބަދަލުނުކުރުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވި ކުއްލި މައްސަލާގެ ބަހުސްގައި، ނަޝީދު ވެސް ރިޔާސަތުގައި އިންނަވައި އެ މައްސަލައާ ގުޅޭގޮތުން ވާހަކަދެއްކެވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، 2009 ވަނަ އަހަރު އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅެއްގައި އިނގިރޭސި ސަރުކާރާ ބައްދަލުކޮށް ޗާގޮސް އަކީ ރާއްޖޭގެ ތަނެއް ކަމަށް ދިވެހިންނަށް ފާހަގަވާ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. އެތަނުގެ ސަގާފަތާއި ތާރީހަކީ އެކަމުގެ ހެއްކެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ޒަމާނުއްސުރެއް އިންޑިއާ ކަނޑުގެ މަސްލަހަތު އިނގިރޭސިން ތަންފީޒުކުރަމުން ގެންދިޔައީ ރާއްޖެ މެދުވެރިކޮށްކަން ވެސް އިނގިރޭސި ސަރުކާރާ އެކު ބޭއްވި އެ ބައްދަލުވުމުގައި ފާހަގަކުރި ކަމަށާއި ރާއްޖޭގެ ސަރަހައްދުން އެއްވެސް ތަނެއް ގެއްލޭ ފަދަ ކަމެއް ކުރުމަކީ ރާއްޖެއިން ކުރާނެ ކަމެއް ނޫން ކަމަށް ދަންނަވާފައި ވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް 2010 ވަނަ އަހަރު އިނގިރޭސި ސަރުކާރުން ޗާގޮސް އަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅިއިރު، އެތަނުގެ އިން ފާހަގަކޮށްފައި ނުވާ ކަމަށެވެ. ނަޝީދު ވިދާޅުވީ، ޖެހިގެން އައި އަހަރު ރާއްޖެއިން މޮރިޝަސް ސަރުކާރާ އެކު ކުރި މަޝްވަރާގައި، ދެ ގައުމުން ގުޅިގެން އިނގިރޭސި ސަރުކާރާ އެކު މަޝްވަރާކޮށްގެން އެ މައްސަލާގައި ހައްލެއް ހޯދުމަށް ނިންމި ކަމަށެވެ.

"ފޯވަހީގެ (ޗާގޮސްގެ) މައްޗަށް މޮރިޝަސްގެ ސިޔާސީ ބާރުވެރިކަން އޮތް ކަމަށް ބުނާ ބުނުމަށް ރާއްޖެއިން އޭރު ވެސް އެއްބަސްވެފައެއް ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުގެ މައިގަނޑު ވާހަކަ އަކީ، އަޅުގަނޑުމެންގެ ތަނެކޭ ފޯޅަވައްސަކީ. ފޯޅަވައްސަކީ އަޅުގަނޑުމެންގެ ތަނެކޭ، އެހެންވީމާ އެތަން އަޅުގަނޑުމެންނަކަށެއް ދޫކުރެވޭކަށް ނެތޭ."

ބޯޑަރުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މޮރިޝަސް އިން ހުށަހެޅުމާ އެކު، ރާއްޖެއިން ވަކާލާތު ކުރަމުން އައީ ޗާގޮސް އަކީ އިނގިރޭސިވިލާތުގެ މިލްކުވެރިކަން އޮތް ސަރަހައްދެއް ކަމަށާއި އެހެންވެ އެ މައްސަލައިގައި މޮރިޝަސް އަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.

ނަމަވެސް މިދިޔަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އިނގިރޭސިވިލާތުން ޗާގޮސް ހިފައިގެން ތިބުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައި އެއީ މޮރިޝަސްގެ ބައެއް ގޮތުގައި ނިންމައިފަ އެވެ.

ރާއްޖޭގެ ސްޓޭންޑާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓުންނާއި އިޓްލޮސް އިން ނިންމާފައި ވަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ރާއްޖެއިން ވަނީ، ޗާގޮސް އަކީ އިނގިރޭސިވިލާތުގެ ތަނެއްގެ ގޮތުގައި ކުރިން ގެންގުޅުނު ވިސްނުން ބަދަލުކޮށް، އެ ކަމުގައި މޮރިޝަސް އަށް ތާއީދު ކުރަން ނިންމައިފަ އެވެ.