Roadha Mihaaru
"ކޯޓުން ނިންމިޔަސް ރާއްޖެއިން ބައެއް ދޫވިޔަ ނުދޭނަން"

ކޯޓުން ކޮންމެ ގޮތަކަށް ނިންމިޔަސް، ރާއްޖެއިން ބައެއް ދޫވިޔަ ނުދޭނަން: ނަޝީދު

24 އެޕްރީލް 2023

ރާއްޖެ-މޮރިޝަސް މައްސަލާގައި ބައިނަލްއަގުވާމީ ގޮތުން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް ރާއްޖެ ސަރަހައްދުން އެންމެ ތަންފުކެއް ވެސް ގެއްލުނަ ނުދެއްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖެ-މޮރިޝަސް މައްސަލާގައި ބައިނަލްއަގުވާމީ ގޮތުން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް ރާއްޖެ ސަރަހައްދުން އެންމެ ތަންފުކެއް ވެސް ގެއްލުނަ ނުދެއްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިމުގެ މައްސަލާގައި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް ކުރިއިރު، ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ އެ މައްސަލައިގެ ބޮޑު ކަމާއި އޭގެ ސަބަބުން ދިވެހިންނަށް އަސަރު ކުރާ ގޮތް އެއްވެސް ފަރާތަށް އޮޅިފައި ނުވާ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދުން އެއްވެސް ބަޔަކަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަ ކޮށްގެން ކަމަށް ގާނޫނުއަސާސީގައި ބުނާ ކަމަށާއި އެކަމަކު އެއްވެސް ސަރަހައްދެއް އުނިވިޔަ ދިއުމަށް މަޖިލީހުން ފުރުސަތޔ ނުދޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ސަރުކާރުން ކޮންމެ ބަޔަކާ އެކު އެއްބަސް ވިޔަސް ކޮންމެ ކޯޓަކުން ކޮންމެ ތަނަކުން ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ނިންމި ކަމުގައިވީ ނަމަވެސް އަޅުގަނޑު ދަންވާނީ ސަރަހައްދު ކުޑަ ކުރަން މި މަޖިލީހުން ހިންގަން ޖެހޭ އިޖުރާއަތްތައް މި މަޖިލީހުގެ މެންބަރުންނަށް އެދިވަޑައިގެނަންނަވައިގެން ދޫ ކޮށްލަން ފެނިވަޑައިގަތީމަ ދޫކޮށްލެވޭނީ،" ނަޝީދު ވިދާޅުވި އެވެ.

އެ މައްސަލަ އަށް ބަހުސް ކުރައްވަމުން އިދިކޮޅު ފަރާތްތަކާއި ނަޝީދުގެ "ފިކުރެގެ ދިރުން" ފެކްޝަންގެ މެންބަރުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ސަރުކާރުން އެކަން ކުރީ ރައްޔިތުންގެ މަޖިލީހަށް ސިއްރުން ކަމަށާއި އޭގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާ ހިމެނޭ ޑީލެއް ހިނގި ކަމަށް އެ މެންބަރުން ތުހުމަތު ކުރެއްވި އެވެ. އެއީ މި ސަރުކާރުން ރާއްޖޭގެ ބޮޑު ބައެއް ވިއްކާލުން ކަމަށް ވިދާޅުވެ އެ މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

ޗާގޮސް ޑީކޮލޮނައިޒޭޝަންގެ މައްސަލައާ ގުޅިގެން 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު އެޑްވައިޒަރީ އޮޕީނިއަންގައި ބުނެފައި ވަނީ ޗާގޮސްއަކީ މޮރިޝަސްގެ ތަނެެއް ކަމާއި އިނގިރޭސި ވިލާތުން އެތަން މޮރިޝަސްއާ ހަވާލުކުރަން ޖެހޭ ކަމަށެވެ.

އެކަމުގެ ސަބަބުން ރާއްޖޭގެ ސަރަހައްދީ މައްސަލައެއް ދިމާވެދާނެތީ ރާއްޖެއިން ވޯޓު ދިނީ އެކަމާ ދެކޮޅަށެވެ.

ނަމަވެސް މިދިޔަ އަހަރު ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލަން ސަރުކާރުން އެއްބަސްވީ ކަމަށް ބުނެ ގިނަ ފާޑު ކިޔުންތަކެއް އަމާޒުވި އެވެ.

އަންނަ ހުކުރު ދުވަހު އެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން އެ މައްސަލާގައި ގޮތެއް ނިންމާނެ އެވެ.