Roadha Mihaaru

ޑްރަގް ޓްރެފިކްކުރާ މީހުންނަށް މަރުގެ އަދަބު ދޭން ނާޒިމްގެ ވައުދެއް

ރާއްޖެ އަށް ޑްރަގް އެތެރެކޮށް، ޖީލުތައް ހަލާކުކުރަމުންދާ މައްސަލައިގެ ހައްލެއްގެ ގޮތުން، ޓްރެފިކްކުރާ މީހުންނަށް މަރުގެ އަދަބު އޭނާގެ ވެރިކަމެއްގައި ދޭން މަސައްކަތްކުރައްވާނެ ކަަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވައުދުވެވަޑައިގެންފި އެވެ.

ޑްރަގު އެތެރެކުރުމުން މަރުގެ އަދަބުދޭން ނާޒިމް ތާއީދު
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

21 މެއި 2023

ރާއްޖެ އަށް ޑްރަގް އެތެރެކޮށް، ޖީލުތައް ހަލާކުކުރަމުންދާ މައްސަލައިގެ ހައްލެއްގެ ގޮތުން، ޓްރެފިކްކުރާ މީހުންނަށް މަރުގެ އަދަބު އޭނާގެ ވެރިކަމެއްގައި ދޭން މަސައްކަތްކުރައްވާނެ ކަަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވައުދުވެވަޑައިގެންފި އެވެ.

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން ތާއީދުކޮށް، ބައެއް މީހުން ޝުއޫރުފާޅުކުރަން ފެށީ މި ފަހުން، މަސްތުވާތަކެތި އެތެރެކުރި މީހަކު ސިންގަޕޫރުގައި ދަންޖައްސައި މަރާލުމުންނެވެ. ތިން ހަފުތާ ތެރޭގައި ދެ ވަނަ މީހަކު މަރާލި އެވެ. އެންމެ ފަހުން އެ ގައުމުގައި މީހަކު މަރާލީ 1.5 ކިލޯގެ ކެނަބިސް އެތެރެކުރިކަން ސާބިތުވުމުންނެވެ.

އެއްވެސް ސަރުކާރަކަށް ހައްލު ނުހޯދުނު މަސްތުވާތަކެތީގެ މައްސަލާގައި އެންމެ ހަރުކަށި އަދަބަށް ތާއީދުކުރައްވާ ކަމަށް ނާޒިމް ވިދާޅުވިއިރު ރާއްޖޭގެ ގާނޫނުތަކުގައި އޮންނަނީ މަރުގެ އަދަބު ދެވޭ ގޮތަަކަށް ނޫނެވެ. ޑްރަގު ޓްރެފިކް ކުރުމުން އެންމެ ބޮޑު އަދަބަކަށް އޮންނަނީ 25 އަހަރުގެ ޖަލު ހުކުމެކެވެ.

އެކަމަކު ރާއްޖޭގެ މައްސަލައަކީ، އަދަބު ތަންފީޒުނުކޮށް ނިޒާމުގެ ކޮންމެވެސް ދޭތެރެއަކުން ދެމިގަނެ މިނިވަންކަމުގައި އުޅުމެވެ. މިއީ، ސަރުކާރުތަކަށް އެންމެ ބޮޑު ފާޑުކިއުމެއް އަބަދުވެސް އަމާޒުވާ އެއް މައްސަލަ އެވެ.

ނާޒިމްގެ ވައުދުތައް ހިއްސާކުރަން ސިލްސިލާކޮށް ބާއްވާ ބައްދަލުވުމުގެ ތެރެއިން ކްލަބް ހައުސްގައި ރޭ ވާހަކަ ދައްކަަވަނިކޮށް މީހަކު ކުރި ސުވާލަކާ ގުޅިގެން ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމެއްގައި ޑްރަގު އެތެރެކުރާ މީހުންނަށް އޮތީ ހަރުކަށި އަދަބެވެ. ގާނޫނުން އެކަން ކުރެވޭ ގޮތަށް ބަދަލު ގެނައުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖެއަށް އެތެރެކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި މިފަހުން ފުލުހުން އަތުލައިގަނެ އެވެ. ފުލުހުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެވުނީ ވޭތުވެދިޔަ ހަތަރު އަހަރެވެ. އެކަމަކު، 100 ކިލޯއިން އަތުލައިގަނެވުނަސް އޭގެ ފަހަތުގައި ތިބި މީހުން ނިޒާމުގެ ތެރެއިން މިނިވަންވެ، ދޫވެފައި ތިބޭ މައްސަލައަށް ހައްލެއް ނެތެވެ.