Roadha Mihaaru
މޭޑޭގެ މުޒާހަރާ:ދެ ފުލުހަކު ޓްރެއިނިން ފުރިހަމަނުކުރޭ

ޖިންސީ އަނިޔާއާ ދެކޮޅަކަށް ކުރި މުޒާހަރާގައި އަނިޔާކުރި ދެ ފުލުހަކު ތަމްރީނު ފުރިހަމައެެެއް ނުކުރޭ!

09 ޖޫން 2021

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް މިދިޔަ މަހުގެ އެއް ވަނަ ދުވަހު ރޭ މާލޭގައި ކުރި ސުލްހަވެރި އިހުތިޖާޖު ރޫޅާލުމުގައި ބާރުގެ ބޭނުންކުރި ފުލުހުންނަށް ފިޔަވަޅު އެޅުން ލަސްވަމުން ދާތީ، އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެ މުޒާހަރާ ރޫޅާލުމަށް އުޅުނު ދެ ފުލުހަކު ތަމްރީނު ފުރިހަމަ ކޮށްފައިނުވާކަން އެނގިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް މިދިޔަ މަހުގެ އެއް ވަނަ ދުވަހު ރޭ މާލޭގައި ކުރި ސުލްހަވެރި އިހުތިޖާޖު ރޫޅާލުމުގައި ބާރުގެ ބޭނުންކުރި ފުލުހުންނަށް ފިޔަވަޅު އެޅުން ލަސްވަމުން ދާތީ، އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެ މުޒާހަރާ ރޫޅާލުމަށް އުޅުނު ދެ ފުލުހަކު ތަމްރީނު ފުރިހަމަ ކޮށްފައިނުވާކަން އެނގިއްޖެ އެވެ.

އެ ރޭގެ މުޒާހަރާ ރޫޅާލުމުގައި ހަރަކާތްތެރިވި ކުއިކް ރިއެކްޝަން ޓީމުގައި ހަރަކާތްތެރިވި 10 ފުލުހުންގެ ތެރެއިން 8 ފުލުހުންނަކީ ޕަބްލިކް އޯޑާ ޓްރެއިނިން ފުރިހަމަކޮށްފައިވާ ފުލުހުންނެވެ. ނަމަވެސް ބާކީ ދެ ފުލުހުން މި ތަމްރީނު ފުރިހަމަ ކޮށްފައެއް ނުވެ އެވެ.

މި މައުލޫމަތު ހާމަވީ، މިދިޔަ މަހުގެ ދެވަނަ ދުވަހު ގަލޮޅު ދެކެނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކައިލް އަހްމަދު ނަސީމް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވި ސިޓީ އަށް މިއަދު ދެއްވި ޖަވާބުންނެވެ. އިމްރާންގެ ސިޓީ ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވައިފަ އެވެ.

މީކާއިލް ކުރެއްވި ސުވާލުތައް

1- މުޒާހަރާ ރޫޅައިލުމުގައި ފުލުހުން، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާއިރު، މިހާތަނަށް މިކަމާ ގުޅިގެން އެއްވެސް ފުލުހަކަށް ފިޔަވަޅެއް އެޅިފައިވޭތޯ؟ އަދި އެޅި ނަމަ އެޅީ ކޮން ފިޔަވަޅެއްތޯ؟

2- މުޒާހަރާ ރޫޅައިލަން ދިޔަ ފުލުހުން ޔުނިފޯމް އަޅައިގެން ތިބީ ފުލުހުންގެ ގާނޫނުގެ ދަށުން އެ މީހުންގެ ސާވިސް ނަމްބަރު ފެންނަ ގޮތަށްތޯ؟

3- މުޒާހަރާ ރޫޅައިލަން ހަރަކާތްތެރިވީ އެކަމާ ގުޅޭ، އެކަށީގެންވާ ޓްރެއިނިން ލިބިފައި ތިބި ފުލުހުންތޯ؟

4- މުޒަހާރަތަކާއި އެކިއެކި އެއްވުންތައް ރޫޅައިިލުމުގައި ފުލުހުން ހަރަކާތްތެރިވާއިރު ބޮޑީ ކެމެރާ ބޭނުންނުކުރަނީ ކީއްވެތޯ؟

5- ބޮޑެތި ތުހުމަތުކުރެވިގެން އެ ތުުހުމަތުކުރެވޭ ފަރާތްތަކުގެ ވަނަވަރު ހާމަކުރާ އިރު ހުރިހާ ފަހަރަކު އެއް އުސޫލަކުން އަމަލުނުކުރަނީ ކީއްވެތޯ؟

މައްސަލަ މިހާރު އޮތީ ޑިސިޕްލިނަރީ ބޯޑުން ގޮތެއް ނިންމާ މަރުހަލާގައި

އިމްރާންގެ ސިޓީގައި ވިދާޅުވީ ޖިންސީ ފުރައްސާރައާ ދެކޮޅަށް ކުރި މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ފުލުހުންގެ ދައުރު އަދާކޮށްފައިވާ ގޮތާ ގުޅޭ މައްސަލައިގެ ތަހުގީގު ނިންމައި، މިހާރު އޮތީ ޑިސިޕްލިނަރީ ބޯޑުން އެ މައްސަލައާ މެދު ގޮތް ނިންމުމުގެ މަރުހަލާގައި ކަމަށެވެ އަދި އެ މުޒާހަރާ ރޫޅާލުމުގައި ހަރަކާތްތެރިވި ފުލުހުންގެ ޔުނީފޯމު ހުރީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ މިންގަނޑަށް، ސާވިސް ނަންބަރު ވެސް ފެންނަ ގޮތަށް ކަމަށް އެ ސިޓީގައި ވެ އެވެ.

މެއި 1، 2021: މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް މާލޭގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެއި 1، 2021: މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް މާލޭގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ބާކީ ދެ ފުލުހުންގެ [މުޒާހަރާ ރޫޅާލުމުގައި އުޅުނު 10 ފުލުހުންގެ ތެރެއިން 2 ފުލުހުންގެ] ތެރެއިން އެއް ފުލުހަކީ ޕަބްލިކް ޓްރެއިނިން އޯޑާ ހަދައިފައި ނުވި ނަމަވެސް، ޓީމު ލީޑުކުރަމުން އަންނަތާ އަހަރެއްހާ ދުވަސް ވެފައިވާ ފުލުހެއް. އަދި އަނެއް ފުލުހަކީ މިހާތަނަށް ޕޮލިސް ރެކްރޫޓް ޓްރެއިނިން ކޯސް ފުރިހަމަކޮށްފައި ނުވާ ފުލުހެއް،" އިމްރާން ވިދާޅުވި އެވެ.

އިތުރު ސުވާލުތަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، ފުލުހުން ތަހުގީގުކުރާ ޖިނާއީ ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު، ފުލުހުން އަބަދު ވެސް ހާމަކުރަމުން ދަނީ ތަފާތު ކުރުމެއް ނެތި އާންމުކޮށް އަމަލުކުރެވޭ އެއް އުސޫލަކުން ކަމަށެވެ. އަދި ވަނަވަރު އާންމުކުރާއިރު، ޖިނާއީ ބޮޑެތި ކުށްތަކުގައި ވަނަވަރު އާންމު ކުރެވޭނީ ކށުގެ ތަބީއަތާއި ކުށުގެ ކުޑަބޮޑު މިނާ އެކު، އެ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ލިބިފައިވާ ހެއްކާއި ގަރީނާ އާއި އެ މީހަކީ ތަކުރާރުކޮށް ކުށުގެ އަމަލުކުރާ ކަމުގެ ރިކޯޑް އޮތް މީހެއްތޯ އާއި އެ ކުށުގެ އަމަލަކާއި ޖުމުލަކޮށް މުޅި މުޖުތަމައުގެ މަސްލަހަތު އޮތް ގޮތެއް ބެލުމަށް ފަހު ކަމަށް އިމްރާން ވިދާޅުވި އެވެ.

ބޮޑީ ކެމެރާއާ ގުޅޭ ގޮތުން ކުރި ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވީ، އެއީ ޕޮލިސީ ލެވެލްގައި ކުރަން ނިންމައި، ކެމެރާތައް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ. މިދިޔަ އަހަރު ރާއްޖެ އަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ދައުލަތުގެ ބަޖެޓުން އެ ޚަރަދު ނުކުރެވުމާ ގުޅިގެން މި އަހަރުގެ ބަޖެޓުގައި އެކަން ވަނީ ހިމަނައިފަ އެވެ. އަދި 1،400 ކެމެރާ ހޯދުމަށްޓަކައި ޕައިލެޓް ޕްރޮގުރާމެއް ހިންގައި ރިލައިބިލިޓީ އަށް ބަލައި އެމެރިކާގެ އެކްއޯން މަރުކާގެ ކެމެރާ ސިންގަލް ސޯސްކޮށް ހޯދުމަށް ޓެންޑާ ބޯޑަށް ހުށަހެޅި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މެއި 1، 2021: މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް މާލޭގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެއި 1، 2021: މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް މާލޭގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނަމަވެސް ޓެންޑާ ބޯޑަށް ހުށަހެޅުމުން އެގޮތަށް އެކަން ކުރަން ނުފެންނަ ކަމަށް އެ ބޯޑުން މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ނިންމާފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ. ބޮޑީ ކެމެރާތައް ޕްރޮކިއުކޮށް، މި އަހަރުގެ ތެރޭގައި ބޭނުންކުރެވުމަކީ އެ މިނިސްޓްރީ އާއި ފުލުހުންގެ ވެސް އަމާޒެއް ކަމަށް ވިދާޅުވި އެވެ.

ތަހުގީގު ލަސްވާތީ އާންމުންގެ ފާޑުކިޔުން

މޭޑޭގެ މުޒާހަރާގައި ފުލުހުން އާންމުންނަށް ކުރި އަނިޔާގެ މައްސަލައިގެ ތަހުގީގު ނިންމައި، މިކަމުގައި ތުހުމަތުވާ ފުލުހުންނަށް ފިޔަވަޅު އެޅުން ލަސްވަމުން ދާތީ އާންމުންގެ ގިނަ ބަޔަކު މިއަދު ވެސް ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޒުވާނުންތަކެއް އިސްވެ ފަށާފައިވާ "ރައިޒް އަޕް އެމްވީ" މޫވްމަންޓުން ބޭއްވި އިހުތިޖާޖު ފެށީ ރަސްފަންނު ސަރަހައްދުންނެވެ. އެ ތަނުގައި ތިބެގެން އަޑުގަދަކުރާ ބޭނުންކޮށްގެން ޝުއޫރު ފާޅުކުރުމަށް ފަހު މަޖީދީ މަގު ސަންފްރޮންޓް ފިހާރައާ ހަމައަށް ދިޔަތަނާހެން ފުލުހުން ވަނީ އެ މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅައިފަ އެވެ.

މުޒާހަރާ އަށް ހުރަސް އަޅައި، ޒުވާނުންގެ ގަޔަށް ޕެޕަސްޕްރޭ ޖަހާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ފުލުހުން ވަނީ ވަރަށް ގަދަ އަށް ޕެޕާ ސްޕްރޭ ޖަހައިފަ އެވެ. އަދި އަނިޔާވެރިކަމާ އެކު، މީހުން ދުރުކުރަމުން ދާތަން އެ ވީޑިއޯގައި ފެނެ އެވެ.