Roadha Mihaaru

ބޯލްޓް ކަޓަރުން ބުޅި ނެގުމަކީ އާ ކަމެއް ނޫން!

ބޮލަށް ބުޅިއެއް ހެރިގެން ރަށެއްގެ ސިއްހީ މަރުކަޒުގައި ބާއްވާފައި އޮތް ޒުވާނަކަށް އެހީވާން ބޯލްޓް ކަޓަރެއް ހިފައިގެން މީހަކު ވަދެ ފަސޭހަކަމާ އެކު ބުޅި ބުރިކޮށްލައި ބުޅި ނައްޓާލާ ތަން ފެންނަ ވީޑިއޯއެއް އިއްޔެ ވައިރަލްވި އެވެ.

ބޯލްޓް ކަޓަރުން ބުޅި ނެގުމަކީ އާ ކަމެއް ނޫން!
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

23 މެއި 2023

ބޮލަށް ބުޅިއެއް ހެރިގެން ރަށެއްގެ ސިއްހީ މަރުކަޒުގައި ބާއްވާފައި އޮތް ޒުވާނަކަށް އެހީވާން ބޯލްޓް ކަޓަރެއް ހިފައިގެން މީހަކު ވަދެ ފަސޭހަކަމާ އެކު ބުޅި ބުރިކޮށްލައި ބުޅި ނައްޓާލާ ތަން ފެންނަ ވީޑިއޯއެއް އިއްޔެ ވައިރަލްވި އެވެ.

ބޮޑު އަދި ބަރު ކަޓަރު ކޮނޑަށްލައިގެން "މީގެން ކެނޑޭނެ" ކިޔަމުން އެ މީހާ އެ ވަންނަނީ ބ. ގޮއިދޫ ސިއްހީ މަރުކަޒަށެވެ.

މިކަން ގިނަ މީހުންނަށް ވީ ޖޯކަކަށެވެ. އަދި އަނެއް ބަޔަކު މިއީ ސިއްހީ ދާއިރާގެ ހާލަތު ކަމަށް ބުނެ ފާޑު ވެސް ކިޔާފައިވެ އެވެ.

ނިތްކުރިމަތިން އިސްތަށިގަނޑުގެ ތެރެއަށް، ބޮލަށް ހެރިފައި އިން ތިން ބުޅިލީ "ނަގިލި ބުޅި" ނެގި ގޮތުން ލިބުނު ސަމާލުކަމާ އެކު މިކަމާ ބެހޭ ގޮތުން ވާހަކަ ދެއްކި މީހުން ބުނީ މިއީ އަލަށް ކުރާ ކަމެއް ނޫން ކަމަށެވެ.

"އަލަކަށް ނޫން މިއީ. އެކަހަލަ ބުޅި ވަރަށް ވަރުގަދަވާނެ. ބުރިކޮށްނުލެވޭނެ އޭގެ އެއްޗަކުން ނޫނީ. އެހެންވެ އަބަދުވެސް ބުޅި ނަގަން ބޭނުން ކުރޭ އޭގެ ކަޓަރު،" މަސްވެރިކަމުގައި މީގެ ތަޖުރިބާތައް ކޮށްފައިވާ މީހަކު ބުންޏެވެ.

އޭނާ ބުނީ ބުޅި ނައްޓާ ނުލައި މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ގެންދާ ހާލަތުގައި ވެސް މީގެ ކަޓަރު ބޭނުންކުރާ ކަމަށެވެ.

ބުޅި ހެރުނު މީހާ ގޮއިދޫ ސިއްހީ މަރުކަޒުގައި

ބުޅި ހެރުނު މީހާ ގޮއިދޫ ސިއްހީ މަރުކަޒުގައި

"މިދިޔަ ހުކުރު ދުވަސް އެއީ. މަސްބާނަން ހުރި ރަށު ކުއްޖެއްގެ ބޮލަށް ބުޅިއެއް ހެރިގެން މަރުކަޒަށް ގެނައީ،" އޭނާ ބުންޏެވެ.

ވައިރަލްވި ވީޑިއޯގައި، ބޮލަށް ބުޅި ހެރިފައި އޮންނަ މީހާ ފެންނަނީ ވަރަށް ހަމަޖެހިލައިގެން އޮއްވަ އެވެ. ދެ ނަރުހަކު އެކި ގޮތްގޮތަށް މަސައްކަތްކުރި ނަމަވެސް ތިން ބުޅީގެ ތެރެއިން ހެރިފައި އިން ބުޅީގެ ކަނިފަތް އަޅައިގަންނާތީ ނުއެއް ނެގެ އެވެ. އެކަމަކު ބޯލްޓް ކަޓަރުން ބުޅި ބުރިކޮށްލުމާ އެކު ކަނިފަތް ނެތްކޮޅުން ބުޅި ދަމައިގަނެ އެވެ.

އޭގެ ކަޓަރުން ވަރުގަދަ ދަގަނޑު ވެސް ވަރަށް ފަސޭހައިން ބުރިކޮށްލެވޭތީ، ގަޔަށް ހެރިފައި ހުންނަ ދަގަނޑު ފަދަ ތަކެތި ނަގަން އެ ބުރިކޮށްލަން މިއީ އަނިޔާވެފައި އޮންނަ މީހާ އަށް ވޭން ކުޑަކޮށް އެކަން ކުރެވޭ ގޮތެކެވެ.